English Edition
Dhivehi Edition

އޮޅުވާލައިގެން ބިދޭސީއަކަށް ވަގު ޑޮލަރު ވިއްކި ދެ މީހަކު ބޮޑު އަދަދަކުން ޖުރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

އޮޅުވާލައިގެން ބިދޭސީއަކަށް ވަގު ޑޮލަރު ވިއްކި މައްސަލައިގައި 28,800 ރުފިޔާއިން ޖޫރުމަނާކޮށްފައިވަނީ މުޙައްމަދު ނައުފަލް އިބްރާހީމް ޒާހިރު, ހ. ގަރޑްންބިއުޓީ އަދި މ. ފުސްފަޅު ނައުފަލް އިބްރާހީމްއެވެ.

މި ދައުވާގައި ބުނެފައިވަނީ މި އަހަރުގެ މާޗު މަހުގެ 31 ވަނަ ދުވަހުގެ ރޭ ހިނގި މި ހާދިސާގައި ބޭރު ފައިސާ ގަނެ ވިއްކާ ވައިބާ ގްރޫޕެއްގައި 900 ޑޮލަރު ވިއްކުމަށް ޕޯސްޓް ކުރީ އަޙްމަދު ނައުފަލްކަމަށެވެ. 16.50 ރޭޓުން، 13،200 ދިވެހި ރުފިޔާ ދިނުމަށްފަހު އެ ޑޮލަރު ގަނެފައިވަނީ ޕާކިސްތާނުގެ ރައްޔިތެއްކަމަށްވާ މިރުޒާ އަޙްމަދު މާޒްއެވެ. އޭނާ ގަތް 900 ޑޮލަރުގެ ތެރެއިން 800 ޑޮލަރަކީ ވަގު ޑޮލަރު ކަމަށް ދައުވާގައި ވަނީ ބުނެފައެވެ.

މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރެވުނު ދެ މީހުން ވެސް ކުށް ކުރި ކަމަށް އިއުތިރާފްވެ ވިހާވެސް ކުޑަ އަދަބެއް ދިނުމަށް އެދިފައިވާއިރު ޖޫރިމަނާ ފައިސާ ދެއްކޭނެ ފަދަ ގާބިލްކަން ހުރި ކަމަށް އެ ދެމީހުންވެސް ވަނީ ބުނެފައެވެ. ނަމަވެސް ދައުލަތުން އެދިފައިވަނީ އެ ދެ މީހުންނާ އެކު ހަދާފައިވާ އިއުތިރާފްގެ އެއްބަސްވުމާ އެއްގޮތަށް 4 މަހާއި 24 ދުވަހުގެ ޖަލު އަދަބެއް ދިނުމަށެވެ.

އެހެންނަމަވެސް އެ މައްސަލައިގައި އެ މީހުން ޖޫރިމަނާ ކުރުމަށް ޝަރީއަތުން ނިންމީ އެފަދަ ކުށްތަކުގައި ޖަލަށް ލުމުގެ އަދަބު ކަނޑައެޅުމުން ދައުލަތަށް އުފުލަން ޖެހޭ މާލީ ބުރަ އަދި އިދާރީ ބުރަ ބޮޑުވާނެތީއެވެ. އެހެންކަމުން މި މައްސަލަ ބެއްލެވި ގާޒީ ވަނީ 28,800 ރުފިޔާ ދެ މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ހުކުމްކޮށްފައެވެ.