English Edition
Dhivehi Edition

ރާއްޖޭގެ ޚާރިޖީ މަސްލަހަތަށް ގެއްލުން ދިނުމުގެ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލެއް ސަރުކާރުން އެކުލަވާލައިފިއެވެ.

އެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި އެޓާނީ ޖެނެރަލްގެ އޮފީހުން އެ ބިލު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވާފައިވާއިރު އެ ބިލުގައިވާ ގޮތުން އެހެން ގައުމެއްގެ ދިދައަށް، ގައުމީ ރަމްޒަކަށް ނުވަތަ ނިޝާނަކަށް ގެއްލުންދިނުން ނުވަތަ ބަދަލު ގެނައުމަކީ ޖިނާއީ ކުށެކެވެ. އަދި އެހެން ގައުމަކަށް ނިސްބަތްވާ މުއައްސަސައަކަށް ގެއްލުން ދިނުން ނުވަތަ ގޮވާލުމަކީވެސް ކުށެކެވެ. މީގެ އިތުރުން އެހެން ގައުމެއްގެ ރައްޔިތަކަށް ވީތީ ފުރައްސާރަކުރުމުގެ ގޮތުން އަނިޔާ ދިނުމާ އެކަން ކުރަން ގޮވާލުމާއި އަދި އެހެން ގައުމެއްގެ ރައްޔިތަކަށް ވީތީ ރާއްޖެ ދޫކޮށް ދިއުމަށް ގޮވާލުމަކީ ވެސް ކުށެއްކަމަށް އެ ބިލުގައި ވަނީ ބަޔާންކޮށްފައެވެ.

އޭޖީ އޮފީހުން ބުނީ ސަރުކާރުގެ ފަރާތުން އެ ބިލު ހުށަހެޅުމުގެ ބޭނުމަކީ ގާނޫނުލްއުގޫބާތުގައި ބަޔާންކުރާ އަމަންއާންމާއި، ރައްކާތެރިކަމާއި، އަޚްލާގީ މިންގަނޑުތަކާގުޅޭ ކުށްތަކުގެ ތެރޭގައި ރާއްޖޭގެ ޚާރިޖީ މަސްލަތަހަށް ގެއްލުންދިނުމުގެ އަމަލުތައް ވަކި ކުށެއްގެ ގޮތުގައި ހިމެނުން ކަމަށެވެ.

ސަރުކާރުން މިފަދަ ބިލެއް އެކުލަވާލި އިރު، ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބުމާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދާ އިންޑިއާ އައުޓް ކެމްޕެއިން ވަނީ ވަރަށް ބޮޑަށް ފުޅާކޮށްފައެވެ. އެހެންކަމުން މި ބިލަކީ ‘އިންޑިއާ އައުޓް’ ކެމްޕެއިން ހުއްޓުވުމަށް އެކުލަވާލާފައިވާ ބިލެއްކަމަށް ގިނަ ބަޔަކު ވަނީ ތުހުމަތުކޮށްފައެވެ.