English Edition
Dhivehi Edition

އިންޑިއާ އާއި ދެކޮޅަށް އަޑުއުފުލަން 50 އަށް ވުރެ މަދު އަންހެނުން ނިކުތުމުން އެކަން ސަރުކާރަށް ހަޖަމުނުކުރެވޭކަމަށް ވިދާޅުވެ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް މި ސަރުކާރާއި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން ރައީސް ޔާމީން ވަނީ މިދިޔަ ބުދަ ދުވަހު ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ދެއްކެވި ބައެއް ވާހަކަފުޅުތަކަށް ރައްދު ދެއްވާފައެވެ.

މި ގޮތުން ރައީސް ޔާމީން ވިދާޅުވީ އިންޑިއާ އާއި ދެކޮޅަށް އަޑުއުފުލަން 50 އަށް ވުރެ މަދު އަންހެނުން ނިކުތުމުން އެކަން ސަރުކާރަށް ހަޖަމުނުކުރެވޭ ކަމަށެވެ.އަދި ފުލުހުން ޣައިރު ޤާނޫނީ އަމުރުތަކަށް ތަބާވެ އެމީހުން ހައްޔަރު ކުރަމުން ގެންދަނީ ރައީސް ސޯލިހް ބިރު ގަންނާތީ ކަމަށްވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާ އިން ރައީސްއަށް ގާނޫނު ހެދުމުގެ ބާރެއް ނޯންނާނެކަމަށެވެ. އިތުރަށް ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގައި މިނިވަންކަން އޮތް ވާހަކަ ދައްކަން ރައީސް ސޯލިހަށް ރައްޔިތުން ކުރިމައްޗަށް ނޭރޭނެކަމަށެވެ.