English Edition
Dhivehi Edition

ކުންފުނިތަކާއި ސަފާރީތަކުގެ ނަމުގައި އޮޅުވާލައިގެން މަކަރާއި ހީލަތުން ފޭރުމުގެ އަމަލުތައް ހިންގުމުގެ މައްސަލަތައް ހުށަހެޅޭ މިންވަރު އިތުރުވަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ

ފުލުހުން ބުނީ މިފަދަ މަކަރާއި ހީލަތުގެ އަމަލުތައް ހިންގާ ފަރާތްތަކުން މިކަން ކުރަނީ ވިޔަފާރިއެއް ނުވަތަ ކޮންމެވެސް މަސައްކަތެއްކުރާ މީހަކަށް ގުޅައި، އެ މީހަކު ވިއްކާ ނުވަތަ އެ ތަނެއްގައި ވިއްކަން ހުންނަ އެއްޗެއް ގަތުމުގެ ނަމުގައިކަމަށެވެ.

މިގޮތުން، ފަތުރުވެރިންނާއެކު ދަތުރުކުރަމުންދާ ސަފާރީއަކަށް ނުވަތަ ސަޕްލައި ދޯންޏަކަށް ބޭނުންވާ އެކި ބާވަތުގެ ތަކެތި ގަތުމުގެ ނަމުގައި ގުޅައި، އެ ސަފާރީ ނުވަތަ ސަޕްލައި ދޯނި ހިމެނޭ ކަމަށްބުނާ ކުންފުނީގެ ނަމުގައި، ތަކެތި ވިއްކާ މީހުންނަށް ގުޅައި އެކި ބާވަތުގެ އަގުބޮޑު ތަކެއްޗަށް އޯޑަރުކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެތަކެތި އެ މީހުން ގަންނާނީ އާންމުކޮށް ވިއްކާ އަގަށްވުރެ ބޮޑު އަގުގައި، ވިއްކާ މީހާއަށް ބޮޑަށް ފައިދާ ލިބޭގޮތަށް ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ވިއްކާ މީހާ މި ތަކެތި ޑެލިވަރީ ކުރުމުގެ ކުރިން، ކުށްކުރާ މީހުން އިތުރު ބާވަތުގެ ތަކެއްޗަށް އޯޑަރުކުރާކަން ފާހަގަކޮށް ފުލުހުން ބުނީ މިގޮތަށް ގަންނަން އޯޑަރުކުރާ ތަކެއްޗަކީ އެ ސަފާރީ ނުވަތަ ސަޕްލައި ދޯނީގެ ނަމުގައި އެ މީހުން ތަކެތި ގަންނަތަނަކުން ވިޔަފާރިވެރިޔާއަށް އަގުހެޔޮކޮށް (މިސާލަކަށް، ޔޯގަޓް) ގަނެދޭނެ ކަމަށްބުނެ ހިންގަމުންދާ މުއާމަލާތުތަކެއްކަމަށެވެ.

މި ކުށްކުރާ މީހުން މި ގޮތަށް ތަކެތި ގަންނަން ބޭނުންވެގެން ނަންބަރު ހިއްސާކުރާ މީހަކީ މި ކުށްކުރުމުގައި ހިމެނޭ މީހެއްކަން ފާހަގަކޮށް ފުލުހުން ބުނީ މިފަދަ ފަރާތްތަކަށް މުއާމަލާތުކޮށް އިތުރަށް ބޭނުންވާ ތަކެތި ގަންނަން އެކައުންޓަށް ޖަމާކުރާ ފައިސާއަކީ ކުށްކުރާ މީހުންނަށް ދެވޭ ފައިސާކަމަށެވެ. މިގޮތަށް އޮޅުވާލައިގެން މަކަރާއި ހީލަތުން މުދާ ހޯދަމުންދާ މީހުން ގަންނަން ބޭނުންވެގެން ކަމަށްބުނެ އޯޑަރުކުރާ ތަކެތި މާލޭގައި ނަމަ ޓީޖެޓީއަށް، ހުޅުމާލޭގައި ނަމަ ލަކުޑި ޖެޓީއަށް ޑެލިވަރީ ކޮށްދިނުމަށްވެސް އެދޭކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އިތުރަށް ފުލުހުން ބުނީ މަކަރާއި ހީލަތުގެ މިފަދަ މައްސަލަތަކުގެ ތަހުގީގުތަކަށް ތަފާތު އެކި ކަންކަން ފާހަގަކުރެވިފައިވާކަމަށެވެ. އެގޮތުން އެމީހުން ބޭނުންކުރާ ވިޔަފާރި ކުންފުނީގެ ނަމަކީ ރަޖިސްޓްރީ ކޮށްފައިނުވާ ނަމެއްކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ. އަދި ތަކެތި ވިއްކާ މީހާގެ މައުލޫމާތު، މީސްމީޑިއާގައި ތަކެތި ވިއްކުމަށް ޕޯސްޓުކޮށްފައިވާ ޕޯސްޓުތައް މެދުވެރިކޮށް ނުވަތަ އެތަނެއްގައި އުޅޭ ދަންނަ މީހަކު މެދުވެރިކޮށް ހޯދުމަށްފަހު މިފަދަ މީހުން އާންމުކޮށް މުއާމަލާތުކުރަމުން ގެންދަނީ ބިދޭސީއެއްގެ ނަމުގައި އިނގިރޭސި ބަހުން ފޯނުން ގުޅައިގެންކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މީސްމީޑިއާ މެދުވެރިކޮށްވެސް އެފަދަ މަކަރު ހަދާމީހުން ވާހަކަދައްކަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އިތުރުން، ކުންފުނީގެ ނަމުގައި ކުރާ މުއާމަލާތުތަކުގައި ކުންފުނީގެ ސައްހަކަން ކަށަވަރުކޮށްދިނުމަށް ސައްހަނޫން ލިޔެކިޔުން ހަދުމާއި އަދި ތަކެތި ވިއްކާ ފަރާތުގެ އިތުބާރު ހޯދުމަށް އެ ލިޔެކިޔުންތައް ބޭނުންކުރާކަންވެސް ފާހަގަކުރެވިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެހެންކަމުން މަކަރާއި ހީލަތުގެ މިފަދަ ކަންކަމުން ސަލާމަތްވުމަށް، ވިޔަފާރީގެ މުއާމަލާތު ކުރުމުގައި މިހާރަށްވުރެބޮޑަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ވިއްކާ މުދަލުގެ ފައިސާ ނުލިބެނީސް އެއްވެސް މީހަކާ މުދާ ހަވާލުނުކުރުމަށާއި ފޯނު މެދުވެރިކޮށް ކުރެވޭ މުއާމަލާތަކަށްފަހު އެ ކުރެވޭ މުއާމަލާތުތަކުގެ ސައްހަކަން ކަށަވަރުނުކޮށް ފައިސާގެ މުއާމަލާތުތައް ނުހިންގުމަށްވެސް ފުލުހުން ވަނީ އެދިފައެވެ.