English Edition
Dhivehi Edition
އެވާގްރީންގެ ބޯޓެއް

ދުނިޔޭގެ މަޝްހޫރު ކޮންޓެއިނަރު ލައިން “އެވަގްރީން” ގެ ހިދުމަތް، ގައުމީ އާގު ބޯޓު ކުންފުނި މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) މެދުވެރިކޮށް ރަސްމީކޮށް ރާއްޖޭގައި މިއަދު ފަށައިފިއެވެ. ހޮޓެލް ޖެންގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ހިދުމަތްތައް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ އިކޮނޮމިކް އެންޑް ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުއްލަތީފެވެ.

މި ރަސްމިއްޔާތުގައި އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު ޝިމާދު އިބްރާހިމް އާއި، އެވަގްރީން ޝިޕިންގް އެޖެންސީ ލަންކާގެ ޕްރެޒިޑެންޓް ރިއޯ ޖެންގެ އިތުރުން އެމްއެސްއެސްގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަރީފާއި އެމްޕީއެލްގެ ސީއީއޯ ހުސެއިން ޝަފީގް އަދި ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއެސްއެސްގެ ކޮމާޝަލް އޮފިސަރު ތޯހާ މުހައްމަދު ވިދާޅުވީ މިއީ ހަމައެކަނި އާ ޝިޕިންގް ސާވިސްއެއް ތައާރަފްކުރުން ނޫން ކަމަށާއި، މިއީ އިތުބާރާއި ގުޅިފައިވާ ވަރުގަދަ ޕާޓްނަޝިޕެއްގެ ފެށުމެކެވެ. ދުނިޔޭގެ އެންމެ ބޮޑު އެއް ކޮންޓެއިނަރ ލައިން ކަމަށްވާ އެވަގްރީން އިން ރާއްޖޭގެ މާކެޓަށް ދޭ އިތުބާރަކީ ރާއްޖޭގެ އިގްތިސާދަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ވެސް އޭނާ ބުންޏެވެ.

ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވާ ގައުމަކަށް ވެފައި، ޓޫރިޒަމާއި އިގްތިސާދީ އެހެނިހެން ދާއިރާތައް ބާރުމިނެއްގައި ކުރިއަރަމުންދާއިރު، މިފަދަ ވަރުގަދަ އިންޓަނޭޝަނަލް ގުޅުމެއްގެ ސަބަބުން މުދާ އުފުލުމުގެ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެއެވެ. އަދި މިކަމުގެ ސަބަބުން ދިވެހި ވިޔަފާރިވެރިންނަށް އިންޓަނޭޝަނަލް މާކެޓްތަކުން މުދާ ގެނައުމުގައި އާ ފުރުސަތުތަކެއް ހުޅުވި، ލޮޖިސްޓިކްސް ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް އަންނާނެ ކަމަށް ވެސް ތޯހާ ބުންޏެވެ.

ޓެގު