އިންތިހާބު ކުރީ ބަހުސް ކުރަންކަމަށާއި، އެޅިހާ ބަތަކަށް ރިހަ އަޅަން ނޫންކަމަށް ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲ ވިދާޅުވެއްޖެއެވެ،
ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް މަގާމުން ވަކިކުރުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން އިއްޔެ ނިންމާފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އާއި އީވާ ވަނީ އެކަމާއި ދެކޮޅު ހައްދަވާފައެވެ. މި ދެ ބޭފުޅުންގެ އިތުރުން 18 މެމްބަރަކު ވަނީ ވިޕްލައިނަށް ތަބާ ނުވާނެކަމަށް ވިދާޅުވެފައެވެ.
މެޖޯރިޓީއަށް ތަބާވާން ޖެހޭނެކަމަށް ބުނެ މެމްބަރުންގެ މެދުގައި ހިތްހަމަނުޖެހުންތައް އުފެދިފައިވާ މި ދަނޑިވަޅު އެކަމަށް ރައްދު ދެއްވައި ޕާލަމެންޓްރީގެ ވަޓްސްއަޕް ގުރޫޕަށް އިވާ ވަނީ މެސެޖުކުރައްވާފައެވެ. މި މެސެޖުގައި އީވާ ވިދާޅުވީ މެޖޯރިޓީއަށް ތަބާވުމަކީ ޑިމޮކުރަސީގެ އެއް ސިފަ ކަމަށެވެ. އެހެންނަމަވެސް މައިނޯރިޓީއަށާއި މައިނޯރިޓީގެ ބަހަށް ޑިމޮކުރަސީގައި ޖާގަ އޮންނަން ޖެހޭ ކަމަށް އީވާ ވިދާޅުވިއެވެ.
މެޖޯރިޓީއަށް ތަބާވުމަކީ އެމްޑީޕީގެ އަސާސްތަކާ ހިލާފަށް މަޝްވަރާ އާއި ބަހުސަށް ޖާގަ ބަންދު ކުރުން ނޫން ކަން ފާހަގަކުރައްވާ އިވާ ވިދާޅުވީ ބަހުސަށް ޖާގަ ނުދޭ ވިޕްލައިންއަކަށް ތަބާވާން ބޭނުން ނުވާކަމަށެވެ. “އަޅުގަނޑު އިންތިހާބު ކުރީ ބަހުސް ކުރަން. އެޅިހާ ބަތަކަށް ރިހަ ވާކަށް ނޫން. އެއީ އެމްޑީޕީގެ އެތެރޭން ވިޔަސް. އަޅުގަނޑު ހަމަގައިމުވެސް ބަހުސަށް ޖާގަ ނުދޭ ވިޕްލައިންއަކަށް ތަބާވާކަށް ބޭނުމެއް ނޫން. ހަދާނެ އެއްޗެއް ހަދާ،” އީވާ ވިދާޅުވިއެވެ.