ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާ، 2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ތާއީދު ކުރައްވަން ނިންމަވާފައިވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަޙުމަދު ދީދީ ވިދާޅުވެއްޖެއެވެ.
މިއަދ މާރިޔާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ 2018އިން ފެށިގެން ރައީސް ސޯލިހްގެ ކެބިނެޓުގައި ވަރަށް ގާތުން މަސައްކަތް ކުރައްވާފައިވާ ކަމަށެވެ. އަދި ރައީސަކީ ކެތްތެރި އަދި އެހެން މީހުންގެ އަޑުއައްސަވާ ބޭފުޅެއްކަމުގައި މާރިޔާ ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން މާރިޔާ ވިދާޅުވީ ރައީސް ސޯލިހް އަކީ ކެތްތެރި އަދި މޮޅު ޓީމު ލީޑަރެއްކަމަށެވެ. ” 2023 ގައި އަޅުގަނޑުގެ ފުރިހަމަ ތާއީދު ރައީސަށް އެބައޮތް،” މާރިޔާ ވިދާޅުވިއެވެ.
ދެވަނަ ދައުރަކަށް ކުރިމަތިލާން ތައްޔާރަށް ހުންނެވިކަމަށް ރައީސް ސޯލިހް ވިދާޅުވެފައިވާއިރު، އެމްޑީޕީގެ ގިނަ މެމްބަރުން ވަނީ އެ މަނިކުފާނަށް ވަރަށް ބޮޑަށް ތާއިދުކުރައްވާކަން ހާމަކޮށްފައެވެ. ރައީސް ސޯލިހްގެ މި ނިންމެވުމާއި ގުޅިގެން، އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބުގައި އުފެދުނު މައްސަލަތައް އިތުރަށް ބޮޑުވެ، ޕާޓީ ތެރޭގައި އުފެދިފައިވާ ދެ ފެކްޝަނުގެ މެދުގައި ދަނީ ބަހުގެ ހަމަލާތައް ބަދަލުކުރަމުންނެވެ.