English Edition
Dhivehi Edition

މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާގެ މޫނުގެ އެއްފަޅި ޕެރެލައިޒް ވެފައިވާކަމަށް އޭނާ ބުނެފިއެވެ.

ޖަސްޓިން ދިނުމަށް ހަމަޖެހިފައިވާ ގިނަ ޝޯތައް، އެތައް ދުވަހެއް ވަންދެން ފަސްކުރުމަށްފަހު، އެންމެ ފަހުން ޖަސްޓިން ވަނީ އޭނާގެ ސިއްހީ ހާލަތު ރަނގަޅު ނޫންކަމަށް ބުނެފައެވެ. އިންސްޓަގްރާމް މެދުވެރިކޮށް އޭނާގެ ފޭނުންނަށް ފޮނުވި ވީޑިއޯ މެސެޖެއްގައި ޖަސްޓިން ބުނީ އޭނާ ވަނީ ރަމްސޭ ހަންޓް ސިންޑްރޯމް ކިޔާ ބައްޔަކަށް ޑައިގްނޯސްވެފައިކަމަށެވެ. އަދި އެ ބަލީގެ ސަބަބުން މޫނުގެ އެއްފަޅި ޕެރެލައިޒްވި ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

އުމުރުން 28 އަހަރުގެ ޖަސްޓިން އާންމުކުރި ވީޑިއޯ އިންވެސް އެ ބަލީގެ ސަބަބުން އޭނާއަށް އައިސްފައިވާ ބަދަލު ފެނިގެން ދެއެވެ. މި ގޮތުން އޭނާގެ އެއް ލޯ މަރަން އުނދަގޫ ވެގެން އުޅޭ ތަނާއި އަދި އަނގައިގެ އެއް ފަޅިން ހިނިތުންވެގެން ހުންނަ ތަން ފެނިގެން ދެއެވެ.

ޖަސްޓިން ބުނީ ޝޯތައް ކެންސަލްކުރަން ޖެހުމުން ދެރަވާ ކަމަށާއި އެކަމަކު މި ވަގުތު ސިއްހީ ހާލަތު ހުރި ގޮތުން އެ ނޫން ގޮތެއް ނެތްކަމަށެވެ.

ރަމްސޭ ހަންޓް ސިންޑްރޯމް އަކީ ކަންފަތާ ކައިރީގައި ހުންނަ ނާރު އިންފެކްޓްވެގެން ވަރަށް މަދުން ނޫނީ ދިމާނުވާ ކަމެކެވެ.