މިދިޔަ ބުދަ ދުވަހު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ނޫސްވެރިންނާއި ބައްދަލުކުރައްވާ ރާއްޖޭގެ އިގްތިސޯދީ ހާލަތާއި ގުޅޭ ގޮތުން ދެއްކެވި ވާހަކަފުޅުތަކަށް ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ އިގްތިސޯދާއި ގުޅޭ ގޮތުން ރައީސް ސޯލިހް ދެއްކެވި ވާހަކަފުޅުގެ ދެކޮޅު ދިމާނުވާ ކަމަށެވެ. މި ގޮތުން ބައެއް ފަހަރު ދުނިޔެ ދަނީ ބޮޑު ތަދަކާއި ދިމާލަށް ކަމަށް ވިދާޅުވުމަށްފަހު ދެން ވިދާޅުވަނީ ދިވެހި ރައްޔިތުން ހާސްވާން ނުޖެހޭ ވާހަކަ ކަމަށް ރައިސް ޔާމީން ވިދާޅުވިއެވެ
“ބައެއް ފަހަރު އެބަ ވިދާޅުވޭ ދުނިޔެ އެދަނީ ބޮޑު ތަދަކާއި ދިމާއަށޭ. ދިވެހިރާއްޖެ މިދަނީ ބޮޑު ތަދަކާއި ދިމާއަށޭ. ނަމަވެސް ދެން މި ވިދާޅުވަނީ ދިވެހި ރައްޔިތުން ހާސްވާނެ ކަމެއް ނެތޭ. ހުރިހާ ކަމެއް ދާނީ ރަނގަޅަށޭ. މިދައްކާ ވާހަކައިގެ ދެކޮޅު ދިމާކުރާނީ ކިހިނެއްތޯ.” ޔާމީން ވިދާޅުވިއެވެ.
ސްރީލަންކާ އަށްވީގޮތް ވެދާނެ ކަމަށް ތަޖުރިބާކާރުން ވިދާޅުވުމުން އެކަން ދޮގުކޮށް ވާހަކަ ދެއްކުމަކީ ތާކުންތާކު ނުޖެހޭ ކަމެއް ކަމުގައި ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ. އަދި ދިވެހިރާއްޖެ މިއޮތީ ނާޒުކު ހާލަތެއްގައި ކަން ފާހަގަކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ ދުނިޔެއަށް އަންނަ ބަދަލުތައް ރާއްޖެ އަށް ވެސް ނައިސް ނުދާނެ ކަމަށެވެ.