އިސްލާމްދީނަށް ވުރެ ހޯމް މިނިސްޓަރު އިމްރާނަށް މުހިންމުވީ މަގާމުކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ ސުޕްރީމް ކޯޓުން މަރުގެ ހުކުމް ދަމަހައްޓާފައިވާ ތިން މީހަކު ތިއްބަސް، ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރުމުގެ ވިސްނުމެއް ނެތް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވުމާއި ގުޅިގެން ކުރެއްވި ޓުވިޓެއްގައެވެ.
ޑރ.ޖަމީލް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ސުޕްރީމް ކޯޓުން މަރުގެ ހުކުމް ދަމަހައްޓާފައިވާއިރު، އެ ހުކުމް ތަންފީޒު ނުކުރުމުގެ ބާރު ސަރުކާރަށް ނޯންނާނެ ކަމަށެވެ. އަދި މަރުގެ ހުކުމްކޮށްފައިވާ މީހުން ޖަލުގައި ގެންގުޅެނީ ކޮން ހަމައަކުންތޯ ޑރ. ޖަމީލު ވަނީ ސުވާލުކުރައްވާފައެވެ.
މަރުގެ ހުކުމް ތަންފީޒުކުރުމާއި ގުޅޭ ގޮތުން މިނިސްޓްރު އިމްރާން ދެއްކެވި ވާހަކަތަކަށް ފާޑު ވިދާޅުވަމުން ޑރ.ޖަމީލު ވަނީ އިސްލާމްދީނަށް ވުރެ މަގާމު މުހިންމުވީކަމަށް ވިދާޅުވެފައެވެ. އަދި މާތްﷲ ގެ ހުކުމަށް އިމްރާން ގޮންޖެއްސެވީތޯ ވިދާޅުވެ، ޑރ. ޖަމީލް ވަނީ ސުވާލުކުރައްވާފައެވެ.
ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި މަރުގެ އަދަބު ތަންފީޒުކުރަން ގަވާއިދެއް ހަދައި، ދަންޖައްސައިގެން ނުވަތަ ލީތަލް އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ދޭން ނިންމާފައިވީ ނަމަވެސް މިހާތަނަށް، އެކަން ތަންފީޒެއް ނުކުރެ އެވެ.