English Edition
Dhivehi Edition
އައްޑޫ ސިޓީ މީދޫގައި ބާއްވާ އީދު ސައި
ދިވެހިންނަކީ ޒަމާނުއްސުރެ އީދަށް ދުރާލާ ތައްޔާރުވާ ބައެކެވެ. ހާއްސަކޮށް އަޟްހާ އީދު، ނުވަތަ ބޮޑު އީދަކީ އަބަދުވެސް ވަރަށް ކުލަ ގަދަކޮށް ފޯރިއާއި އެކު ފާހަގަކުރާ އީދެކެވެ. މި އީދުގެ 6 ދުވަހު ސަގާފީ ތަފާތު ގިނަ ކުޅިވަރުތަކާއި ޝޯތައް ބާއްވަމުން އަންނައިރު، މި ފޯރި ރާއްޖޭގެ ދެކުނަށް ވުރެ އުތުރުގެ ހިސާބުތަކުގައި ގަދައެވެ، އެހެންނަމަވެސް މި އަހަރުގެ އަޟްހާ އީދު ރާއްޖޭގެ އެންމެ ދެކުނުން އައްޑޫގައިވެސް ތަފާތުވެފައި ފޯރި ގަދަވާނެކަމަށް ބެލެވެއެވެ، މި އީދުގެ ފޯރިގަދަކުރުމުގެ ތައްޔާރީތައް މިހާރުވެސް ޖޯޝާއި އެކު އަންނަނީ ކުރަމުންނެވެ.
ކޮންތާކު ކޮންކަމެއް އޮތީ؟
މިއަހަރުގެ ބޮޑު ޢީދު، ‘އައްޑޫ އީދު ފެސްޓިވަލް’ ގެ ނަމުގައި ފެސްޓިވަލް ސްޓައިލަށް، ކުލަގަދަކޮށް ފާހަގަކުރަން ނިންމާ ގިނަ ތައްޔާރީތަކެއް އަންނަނީ ވަމުންނެވެ. އައްޑޫ ސިޓީ މީދޫގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އީދު ފެސްޓިވަލް އަކީ ޒުވާނުންތަކެއްގެ އިސްނެގުމަކަށް، ޖަމްޢިއްޔާ ޖަމާޢަތްތަކާއި މުއައްސަސަތަކާއިވެސް ގުޅިގެން ބާއްވާ ފެސްޓިވަލްއެކެވެ. މިއަހަރުގެ ބޮޑު ޢީދާއި ދިމާކޮށް 3 ދުވަހަށް ބަހާލައިގެން އެކި ހަރަކާތްތަށް ރާވާފައިވާއިރު އީދުގެ ފޯރި އިތުރަށް ގަދަކުރުމަށް މި ހަރަކާތް އިންތިޒާމުކުރާ ފަރާތުން އަންނަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.
No photo description available.
2018 ވަނަ އަހަރު މީދޫގައި ބޭއްވި އީދު ސައި
ޢީދު ނަމާދަށް ފަހު ރައްޔިތުންގެ އީދު ސަޔަކުން ފެށޭގޮތަށް ޢީދުގެ ޙަރަކާތްތަށް 3 ދުވަހަށް ދެމިގެންދާނެކަމަށެވެ. “އެހެންޏާވެސް އޮންނަ ބޮޑު ކެއުންގަނޑު މިފަހަރުވެސް އޮންނަންވާނެ ދޯ؟ ފެންކުޅި ކުޅުމާއި، ތަފާތު ކުޅިވަރުތަކާއި، ހަދިޔާ ބެހުމާއި، ކުޑަކުދިންގެ ހަވީރަކާއި، ސްޓޭޖް ޝޯއަކާއި ކަލާ ރަންވެސް އޮންނާނެ” މި ހަރަކާތް އިންތިޒާމްކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ޒުވާނަކު ބުންޏެވެ.
މީގެ އިތުރުން މި ފަހަރުގެ އީދުގައި ވަރަށް ޚާއްސަ މަސްރޭހެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު ކުދިބޮޑު އެންމެނާއި މެހެމާނުންނަށް ބައިވެރިވެވޭނެ އެކި ހަރަކާތްތަކާއި ސަޕްރައިޒްތަކެއްވެސް ލިބިގެންދާނެކަމަށް އިންތިޒާމުކުރާ ފަރާތުން ވަނީ ބުނެފައެވެ. ” މި އިވެންޓްތައް ސެޓްކޮށްލާ ހަމަޖެއްސުމުގެ މަސައްކަތް ދަނީ ހަމަ ބާރަށް ކުރިއަށް. އެންމެންވެސް އީދު މަޖާ ނަގަން މިފަހަރު އަންނަންވީ މީދޫއަށް. ވަރަށް ސަޅިވާނެ” މި ޙަރަކާތް ރޭވުމުގައި އިސްކޮށް އުޅޭ ޒުވާނަކު މަޢުލޫމާތުދިނެވެ.
ކޮބާ ތަފާތަކީ؟
އައްޑޫ އީދު ފެސްޓިވަލް އިންތިޒާމް ކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ މެދު ރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކުގައި ޢީދާއި ގުޅިގެން ނަގާ ފޯރި އެންމެ ދެކުނުގައިވެސް ނެގުމެވެ. “އައްޑޫ ފުވައްމުލައް ހިސާބުން އެހިސާބުތަކަށް ފަސޭހައިން ދަތުރުކުރެވޭނެ ގޮތެއްވެސް އޮންނަނީކީ އެއްނޫން. އެހެންވީމަ އެހިސާބުތަކަށް ވުރެވެސް އީދުގެ ފޯރި ނަގާލާ މަޖާކޮށްލަން އަސްލު ބޭނުންވަނީ. މިހާރުވެސް ދަންނަ ވަރަށް ގިނަ މީހުން އައްޑުއަށް ދާން ޓިކެޓް ނަގާފައިވާކަމަށް މަޢުލޫމާތު ލިބޭ.” އެޒުވާނާ އިތުރަށް ބުންޏެވެ.
އައްޑޫ އީދު ފެސްޓިވަލަކީ ސިލްސިލާކޮށް ކޮންމެ އަހަރަކުވެސް ބާއްވާނެ ހަރަކާތެއް ކަމަށާއި، ކުރިއަށް އޮތްތަނުގައި އައްޑޫގެ އިތުރު އަވަށްތަކާއި ގުޅިގެން މިއަށްވުރެ ފުޅާކޮށް ޢީދު ފާހަގަކުރުމުގެ ވިސްނުން ގެންގުޅޭކަމަށް އައްޑޫ އީދު ފެސްޓިވަލް ރާވައި ހިންގާ ފަރާތުން ބުންޏެވެ.
No photo description available.
2019 ވަނަ އަހަރު މީދޫގައި ބޭއްވި އީދު ހަރަކާތް
އައްޑޫ އީދު ފެސްޓިވަލުގެ މީޑިއާ ޕާޓްނާރ ‘އޭއޯ ނިއުސް’ މެދުވެރިކޮށް މިޙަރަކާތާއި ގުޅޭ މަޢުލޫމާތު ކުރިއަށް އޮތް ދުވަސްތަކުގައި ހާމަކުރަމުން ގެންދާނެކަމަށާއި، އައްޑޫ އީދު ފެސްޓިވަލްގެ މުޅި ޓީމްގެ ފަރާތުން ރާއްޖޭގެ އެންމެހައި ރައްޔިތުންނަށް، އައްޑޫ އީދު ފެސްޓިވަލަށް ޒިޔާރަތްކުރުމުގެ ދަޢުވަތު މި ހަރަކާތް އިންތިޒާމުކުރާ ފަރާތުން ވަނީ ދީފައެވެ.
އައްޑޫ އީދު ފެސްޓިވަލަށް ކޮންޓްރިބިއުޓް ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާއިރު މި ފެސްޓިވަލް އާއި ގުޅޭ މައުލޫމާތު ހޯދުމަށް 9748366 ނަންބަރަށް ގުޅައިގެން ކުރިއަށް ގެންދިއުމަށް ހަރަކާތް އިންތިޒާމު ކުރާފަރާތުން ވަނީ އެދިފައެވެ އަދި މިޙަރަކާތް ރާވައި ހިންގުމުގައި މިހާރުވެސް އެއްބާރުލުން ދެއްވާ ޒުވާނުންނާއި އެހެނިހެން ފަރާތްތަކުގެ މަސައްކަތާއި އެހީތެރިކަން ފާހަގަކޮށް، އެފަރާތްތަކަށް ޓީމުގެ ފަރާތުން ޝުކުރުއަދާކޮށްފައެވެ.