English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން މިއަދު ބުނީ 2021 ވަނަ އަހަރު މަތީ ސާނަވީ އިމްތިހާނު ފުރިހަމަކުރި ދަރިވަރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕަށް ޝަރުތުހަމަވާ ދަރިވަރުން މި ސްކޮލަރޝިޕްގެ ދަށުން ކިޔެވުމަށް ހުޅުވާލާކަމަށެވެ. މި ސްކޮލަރޝިޕް ލިބޭ ދަރިވަރުން ކިޔަވަން ބޭނުން ދާއިރާއަކުން ބޭނުން ޤައުމެއްގައި ފުރަތަމަ ޑިގްރީ ފުރިހަމަ ކުރުމުގެ ޚަރަދު، މި ސްކޮލަރޝިޕާބެހޭ އުޞޫލުގައިވާ ގޮތުގެ މަތީން ހަމަޖައްސައިދޭނީ ސަރުކާރުންކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

މި ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި:

  • ދިވެހިރާއްޖޭގެ ސްކޫލް/މަދަރުސާއެއްގެ ދަރިވަރެއްގެ ގޮތުގައި 2021 ވަނަ އަހަރު މަތީ ސާނަވީ އިމްތިޙާން ނުވަތަ ޝަހާދާ ސާނަވީ އިމްތިޙާން ހެދި ދިވެހި ދަރިވަރަކަށް ވުން.
  • “އިސްލާމް” އާއި “ދިވެހި” ހިމެނޭ ގޮތަށް 5 މާއްދާއިން A* ފާސް ހޯދާފައިވުން ނުވަތަ ޝަހާދާ ސާނަވީ އިމްތިޙާނުގައި ބައިވެރިވި ހުރިހާ މާއްދާއަކުން A* ޙާޞިލްކޮށްފައިވުން.
  • .ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން އިނގިރޭސިން “ސީ” އިން ފެށިގެން މަތީގްރޭޑެއް ލިބިފައި އޮތުން، ހިމެނެއެވެ.

މި ސްކޮލަރޝިޕްގައި ކިޔެވުމަށް ޝަރުޠު ފުރިހަމަވާ ދަރިވަރުން، ސްކޮލަރޝިޕް ކަންކަން ހަމަޖެއްސުމަށް https://myedu.egov.mv ޕޯޓަލް މެދުވެރިކޮށް އެ ޕޯޓަލްގައި އެކަމަށް ހާއްސަކޮށްފައިވާ ފޯމު ފުރުމަށް މިނިސްޓްރީން ވަނީ އެދިފައެވެ. މި ސްކޮލަރޝިޕްގެ އުޞޫލުގައި އޮންނަ ގޮތުން، ކުރިއަށް އޮތް 18 މަސްދުވަހުގެ ތެރޭގައި މި ފުރުޞަތުގެ ބޭނުން ހިފައި ކިޔަވަން ފަށަން ލާޒިމުކުރާތީ ދަރިވަރުން މިކަން ކުރިއަށް ގެންދެވުން އަވަސްކުރުމަށްވެސް މިނިސްޓްރީން ވަނީ އެދިފައެވެ.

މި ސްކޮލަރޝިޕްގެ އުޞޫލު މިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv ގައި ވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް އީމެއިލް ކުރައްވާނީ [email protected] އަށެވެ.