English Edition
Dhivehi Edition
ރިޔާސީ ބަޔާން އިއްވެވުމަށް ބާއްވާ ޖަލްސާއަށް ރައީސުލްޖުމްހޫރިއްޔާ އަދި، ރައީސް ނަޝީދުގެ އިތުރުން އެމަނިކުފާނުގެ އަނބިކަނބަލުން ވަޑައިގަންނަވަނީ - ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބާއްވާ ޖަލްސާ އަންނަ މަހު ބާއްވާގޮތަށް ނިންމާ، ތާވަލުކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުން ބުނީ މިއަހަރަށް މަޖިލިސް ހުޅުވާ ޖަލްސާ އޮންނާނީ ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހު ކަމަށެވެ. އަދި އެ ދުވަހު އޮންނާނީ ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވުން ކަމަށެވެ.

ކޮންމެ އަހަރެއްގައި ވެސް މަޖިލިސް ހުޅުވާ ޖަލްސާގައި އޮންނަހަމައެކަނި ކަމަކީ ރައީސުލްޖުމްހޫރޮއްޔާގެ ރިޔާސީ ބަޔާން އިއްވެވުމެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަނީ މިއަހަރުގެ ރިޔާސީ ބަޔާން އިއްވެވުމަށް ބާއްވާ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާ އަންނަ މަހުގެ 6 ވަނަ ދުވަހުގެ ހެނދުނު 9:00 އަށް އެޖެންޑާކޮށް މެމްބަރުންނަށް އަންގަވާފަ އެވެ.

ރިޔާސީ ބަޔާނަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ އިއްވަވަންޖެހޭ ބަޔާނެކެވެ.

އެ މާއްދާފައި ބަޔާންކޮށްފައިވަނީ ކޮންމެ އަހަރެއްގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ޤައުމުގެ ޙާލަތު ބަޔާންކޮށްދީ، ޤައުމުގެ ޙާލަތު އިތުރަށް ރަނގަޅުކުރުމަށް ކުރަންޖެހޭ ކަންކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައްޔިތުންގެ މަޖިލީހަށް އިއްވަވަންވާނެ ކަމަށެވެ.

ކޮންމެ އަހަރަކު ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި އޮންނަނީ ކަނޑައަޅާފައެވެ.