English Edition
Dhivehi Edition
ޓޮންގާގެ ވަޒީރާއި ރައީސް ބައްދަލުކުރެއްވުން/ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޓޮންގާގެ ބޮޑުވަޒީރު ސިއާސީ ސިވަލެނީއާ ބައްދަލުކުރައްވައިފިއެވެ. އެންޓީގާ އެންޑް ބާބިޔުޑާގައި މި ބައްދަލުކުރެއްވުން މިއަދު ބޭއްވެވީ ތަރައްޤީވަމުން އަންނަ ކުދިޖަޒީރާ ޤައުމުތަކުގެ ހަތަރުވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސްގެ ހަވާސާގައެވެ.

މިބައްދަލުކުރެއްވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާކުރައްވާފައި ވަނީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުން ތަރައްޤީގެ މަގުގައި ކުރިޔަށްދާއިރު އަމިއްލަ ފުދުންތެރިކަމާއެކު ކުރިޔަށްދިއުމުގެ މުހިންމުކަމުގެ މައްޗަށެވެ. މީގެ އިތުރުން ދެ ލީޑަރުން ވަނީ މަލްޓިލެޓަރަލް ކްލައިމެޓް ފަންޑުގެ އެހީތެރިކަން ހޯދުމަށް މިހާރު އޮންނަ ގޮތްތައް އިތުރަށް ހަރުދަނާކުރުމަށް ހުރި ފުރުޞަތުތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް މަސައްކަތްކުރުމާއިއެކު، ދެމެހެއްޓެނިވި ތަރައްޤީ ގެނައުމަށް މަސައްކަތްކުރައްވާނެކަމުގައި ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އިނގިރޭސިވިލާތުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެންޑް ކޮމަންވެލްތު އަދި ޑިޕާޓްމަންޓް އޮފް އެންވަޔަރަންމަންޓް، ރައިޓް އޮނަރަބްލް ލޯރޑް ރިޗަޑް ބެންޔޯންއާއިވެސް ވަނީ ބައްދަލުކުރައްވާފައެވެ. މިބައްދަލުކުރެއްވުންވެސް ކުރިޔަށް ދިޔައީ، ހަތަރުވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގައި ބައިވެރިވެވަޑައިގަތުމަށް އެންޓީގާ އެންޑް ބާބިޔުޑާއަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ހަވާސާގައެވެ.

އިނގިރޭސި ވިލާތުގެ މިނިސްޓަރ އާއި ރައީސް މުޢިއްޒު ބައްދަލު ކުރެއްވުން/ފޮޓޯ ރައީސް އޮފީސް