English Edition
Dhivehi Edition
ތުރުކީވިލާތުގެ މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް ފޮރެސްޓްރީ އާއި ރައީސް ބައްދަލުކުރެއްވުން / ފޮޓޯ: ރައީސް އޮފީސް

ދަނޑުވެރިކަމުގެ ދާއިރާއިން ދިވެހިރާއްޖެއަށް ޚާއްސަ ތަމްރީނު ޕްރޮގްރާމްތައް އެކުލަވާލައި ހިންގުމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއޮ ތުރުކީވިލާތުގެ މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް ފޮރެސްޓްރީ އިބްރާހީމް ޔުމާކްލީ މަޝްވަރާކުރައްވައިފިއެވެ.

އިއްޔެ ތުރުކީވިލާތުގެ ޕްރެޒިޑެންޝަލް ގެސްޓްހައުސްގައި ކުރިއަށް ދިޔަ ބައްދަލުކުރެއްވުމުގައި ދެ ގައުމަށް މަންފާވާނެ ކަންކަމުގައި ގުޅިގެން މަސައްކަތް ކުރުމުގެ މައްޗަށް މަޝްވަރާ ކުރެވުނެވެ. މިގޮތުން ރައީސް ޑރ.މުއިއްޒު ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެ އާއި ތުރުކީވިލާތާ ދެމެދު ގުޅުން ބަދަހިކުރެވިފައިވާ ދާއިރާތަކުން އިތުރަށް ގުޅުން ވަރުގަދަ ކުރުމާއި، ދޭދޭ އަދި ބައިނަލްއަގްވާމީ ކަންކަމުގައި އިތުރު ދާއިރާތަކުން އެއްބާރުލުން ދިނުމުގެ މުހިންމުކަން ފާހަގަ ކުރެއްވިއެވެ. ދެ ބޭފުޅުންގެ މަޝްވަރާތަކުގައި، ދެ ގައުމުގެ ދެމެދުގައި ދަނޑުވެރިކަމާއި މަސްވެރިކަން ކުރިއެރުވުމާ ބެހޭގޮތުން ވާހަކަފުޅުދެއްކެވިއެވެ.

މީގެ އިތުރުން، ރައީސް ޑރ.މުއިއްޒު އަދި މިނިސްޓަރ ޔުމާކްލީ ވަނީ ދަނޑުވެރިކަމުގެ ދާއިރާއިން ދިވެހިރާއްޖެއަށް ހާއްސަ ތަމްރީނު ޕްރޮގްރާމްތައް އެކުލަވާލައި ހިންގުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ. މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެ ގައުމުގެ ދެމެދުގައި އޮތް ރަޙުމަތްތެރިކަމުގެ ގުޅުން ކުރިއަށް އޮތްތަނުގައި އިތުރަށް ބަދަހިކުރެއްވުމާ ގުޅޭ ގޮތުންވެސް ރައީސް ޑރ.މުއިއްޒު އަދި މިނިސްޓަރ ޔުމާކްލީ މަޝްވަރާކުރެއްވިއެވެ.

މި އަހަރަކީ ދިވެހިރާއްޖެއާއި ތުރުކީވިލާތުގެ ޚާރިޖީ ގުޅުމަށް 44 އަހަރު ފުރޭ އަހަރެވެ. ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރެވުނީ މެއި 28، 1979 ވަނަ އަހަރުގައެވެ.