ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން ބާއްވަވާ ވިއަވަތި ރާއްޖެ ކޮންފަރެންސް ފެށުމުގެ ގޮތުން މިއަދު އއ. އުކުޅަހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީން ކަސިލްތަކާއެކު ބޭއްވުނު ބައްދަލުވުންތަކުގެ ޒަރީއާއިން ކައުންސިލުތަކަށް އެންމެ ދަތިވާ ކަންކަން ދެނެގަނެވިފައިވާކަމުގައެވެ.

އެގޮތުން ހުރިހާ ކައުންސިލުތަކަށް ވެސް ކުރިމަތިވަނީ ދާދީ އެއްކަހަލަ ގޮންޖެހުންތަކެއްކަން ބައެއް މިސާލާއެކު ރައީސް ވަނީ ފާހަގަކުރައްވާފައެވެ. ގޮންޖެހުންތަކަށް ޙައްލުހޯއްދެވުމަށް މަސައްކަތްކުރައްވާއިރު އޭގެ ތެރޭގައި ސަރުކާރުން އިޞްލާހު ކުރަންޖެހޭ ކަންކަމާއި ކައުންސިލުތަކުން އިޞްލާޙުކުރަންޖެހޭ ކަންކަން ހިމެނޭނެކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ވިއަވަތި ކޮންފަރެންސް ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީވެސް ސަރުކާރާ ކައުންސިލުތައް އެއްމޭޒުވެ މިކަންކަމަށް ޙައްލު ހޯދޭނެގޮތެއް ހޯއްދެވުންކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، ކައުންސިލްތަކަށް މާލީ ބާރުވެރިކަންދިނުމާއި ކައުންސިލްތަކުގެ އިޙްތިޞާސް ކަނޑައެޅުމާއި ކައުންސިލްތަކުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްޞަކުރުމާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތައް ރައްޔިތުންގެ ވޯޓުން އިންތިޚާބު ކުރެވޭ މަޤާމުތަކަށް ބަދަލުކުރުން ފަދަ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް މި ސަރުކާރުން ގެންނެވި ބައެއް ބަދަލުތައް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ފެންވަރު ރަނގަޅު ތަޢުލީމާއި ޓާޝަރީ ފެންވަރުގެ ޞިއްޙީ ފަރުވާއާއި ރާއްޖެ ޓްރާންސްޕޯރޓް ލިންކުން ގުޅައިލުންފަދަ މި ސަރުކާރުގެ ތަރައްޤީގެ އެންމެހާ ކަންކަމާއި ސިޔާސަތުތައް ގުޅެނީ ލާމަރުކަޒީ ނިޒާމާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

ހަމަ އެހެންމެ، ސަރުކާރުން ހިންގާ ހުރިހާ މަޝްރޫޢެއް ލާމަރުކަޒީ ނިޒާމާ ގުޅުވާލުމުގެ އެއް ބޭނުމަކީ ރާއްޖޭގެ ހުރިހާ ރަށެއް ކުރިއަރާ ، ތަނަވަސްވާނެ ގޮތެއް ހޯދުން ކަމަށް ވިދާޅުވިއެވެ. އަދި މާލޭގައި އޮތް ތޮއްޖެހުމަށް ލުއިކަމެއް ގެނެސްދީ މާލެ ހިތްފަސޭހަ ތަނަކަށް ހެދުންކަމުގައި ރައީސްވވިދާޅުވިއެވެ.

އެގޮތުން ގުޅީފަޅަށް ރާއްޖޭގެ މައި ވިޔަފާރި ބަނދަރު ބަދަލުކުރުމާއި ދެންވެސް މާލެ ސަރަޙައްދަށް ސަރުކާރުން ގެންނަ ބަދަލުތަކަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ މުޅި ރާއްޖެ ލާމަރުކަޒު ވާއިރު ، މާލެއަށް ގެންނަ ބަދަލަކީ ތޮއްޖެހުންކުޑަކުރުމާއި އަދި އިޖްތިމާޢީ ދުޅަހެޔޮ ކަމާއި އިޤްތިޞޯދީ ވެށި ތަނަވަސް ކުރުމުގެ ބަދަލެއް ކަމުގައެވެ.