English Edition
Dhivehi Edition

” އުހުނ. ކޮންމެހެން ކަލޭ ދޭ ބޭހެއް ބޯކަށް ނޫޅެން.”

” ޝާން އަށް ފެނިދާނެތީ ބިރުގަންނާނެ ކަމެއްނެތް.. އޭނާ އެއޮތީ ސުވިމިންޕޫލުގަ. ވަށައިގެން އެތިބީ ދޮންކުދިން. މެންދުރުގެ ކުރިއަކުން އެތަނުން ނާރާނެ “.

” އިއްޔެ އުޅެއުޅެ ކަލެއަކާ ދިމައެއްނުވި . އަނެއްކާ ދެމީހުން އޮފީހުގައި ކީއްތަކުރީ؟”

އާދިލާ އަނބުރާލާފައި އައިކޮޅަށް ހިނގައިގެންފިއެވެ. ” އަހަންނަށް ހީވަނީ ޝަރަފުވެރި ކޮޓަރިކޮޅު ކަލެއަށް މާ ކަމުގޮސްފިހެން “.

އާދިލާ ފަސްއެނބުރިފަ ރުޅިވެރިކަމާއެކު ބުންޏެވެ. “އެކަންތައް ކަލެއަށް ތިޔަހާ ބޮޑުވެގެން ތިޔަ އުޅެނީ ކީއްވެ ؟ އަހަރެން މި ބޯޓުގައި އުޅޭނީ ދެމަހެއްހާ ދުވަހު. އޭގެ ފަހުން އަހަރެން ކުރީގައިވެސް އުޅުނު ގޮތަކަށް އުޅެން ހިނގައިދާނަން”.

“ތިޔަހެން ދުލުކުރިން ބުނެލަން ވަރަށް ފަސޭހަ .” އަފީފް ބުންޏެވެ. ” ކަލެއާ ޝާން ތިޔަ އުޅެނީ އަހަންނަށްވެސް އޮޅުވާލަން ކަމަށްތަ ؟ ތިޔަހާ ފަސޭހައިން މަށަށް އެއްކަމެއްވެސް އޮޅުވައެއް ނުލެވޭނެ “

އާދިލާ އޭނާގެ ކޮޓަރީގެ ދޮރު ހުޅުވަމުން ރުޅިއާއި ނަފްރަތުން ފުރިފައިވާ ރާގެއްގައި ބުންޏެވެ.

” އަހަންނާ ޝާން އާ ދެމީހުން ދޭތެރޭ ކޮންމެ ފަދަ ގުޅުމެއް އޮތިއްޔާ ކަލެއަށް ކީއް . ކަލޭ އަހަރެންގެ ފަހަތުން އަޅައިގެން ނައްޓާލަން ނޭނގިގެން ތިޔަ އުޅެނީ ކީއްވެތަ؟ މީގެފަހުން ކަލޭ މަށަށް އުނދަގޫ ކޮށްގެން ނުވާނެ”.

” ތިހެންވިއްޔާ މި ދެމަހު ކަލޭ އުޅޭ ޝާންގެ މޫނުގައި ފުށްޖަހަން ގެންގުޅޭ މަލަކަށްވެގެން .” މިހެން ބުނެފައި އޭނާ އައީ ކާރިއަށެވެ. އެވަގުތު އޭނާގެ ކަންކަށިމަތީ އެތިފަހަރެއް ޖަހާފާނަމޭ އާދިލާގެ ހިތަށް އެރިއެވެ.

” ފުރަތަމަ އަހަރެން ހީކުރީ ކަލޭ އައީ ސެކެޓްރީއެއްގެ ވަޒީފާއަކަށް ކަމަށް . އެކަމަކު ކަލޭގެ ބޭރުފުށުގައި ތި ވާ ގަނޑުފެނުގެ ފަށަލައިގެ އަޑީގައި ގޮވަން ތައްޔާރަށް ހުރި އަލިފާން ފަރުބަދައެއްހުރިކަން އަހަރެން ދެނަހުރިން. ކަލެއަށް ނޭނގޭތީ ބުނެލަން. ޝާން އަކީ ތިޔަހާ ފަސޭހައިން ކަލޭ ކަހަލަ އަންހެނަކަށް ދަށުލެވޭނެ މީހެއްނޫން. އޭނައަކީ ބުރަމަސައްކަތުން ކުރިއަރާފައި ހުރި މީހެއް. ތިހެން ކަލޭ ދައްކާލާ ތުޔަކުން އޭނާގެ ހިތް އަތުލައިގަނެވޭނެކަމަށް ހީނުކުރާތި.”

މިއީ އާދިލާއަށް އާ ވާހަކައެކެވެ. ތައުފީގުބެ ފަރާތުން އެނގިފައިވާ ގޮތުގައި ޝާންގެ ބައްޕަ އަވަހާރަވުމުން އާއިލާގެ ހުރިހާ ވިޔަފާރިއެއްގެ ޒިންމާ އުފުލަމުން ގެންދަވަނީ ޝާން އެވެ. އޭނާ އަކީ ކާވެންޏެއް ކޮށް ދިރިއުޅުމެއްފެށުމުގެ ޚިޔާލެއް ގެންގުޅުއްވާ ބޭފުޅެއް ނޫނެވެ.

“އެބޭފުޅާގެ އެއްބަނޑު އެއްބަފާ ތިބި އެންމެންވެސް ދުނިޔެ ދޫކޮށް ދިޔައީ. ހުރީ އެންމެ އަންހެން ކޮއްކޮއެއް. ދެންހުންނެވީ އޭނާގެ މަންމަ. ޝާންގެ ބައްޕަ އަވަހާރަވީ އިރު އޭނާގެ މަންމަ ދިރިއުޅުއްވަނީ ތިލަދުންމަތީގަ.” ކޮން ރަށެއްގައި ކަމެއް ތައުފީގުބެއަކަށް ވެސް ނޭނގެއެވެ.

އަފީފު ބުންޏެވެ. “މަށަށް ހީވަނީ ޝާންއާ ބެހޭގޮތުން އެކައްޗެއްވެސް ކަލެއަށް ނޭނގޭހެން.”

” ކަލޭ މިތަނުން ދާން އުޅޭ. އަހަރެން ނޫޅެން ކަލެއާ ވާހަކަ ދައްކާކަށެއް”. އާދިލާ ރުޅިއައިސް ރަތްވެގެން ހުރެ ކޮޓަރިއަށް ވަދެ ދޮރު ތަޅުލައިފިއެވެ.

އޭނާ ސޯފާއެއްގައި އިށީނދެލީމާތަންކޮޅެއް އަރާމު ވީހެން ހީވިއެވެ. އެކަމަކު ބާލީހުގައި ބޯ ޖެހުމާއެކު މޭނުބައި ކޮށް ހޮޑުލަވައިގަތެވެ. ބޭހެއް ފެނޭތޯ އެތަން މިތަން ހޯދާލިއެވެ. މިހާރު ދެން ޑޮކްޓަރަށް ދާން ކެރޭވަރެއްވެސް ނޫނެވެ. އޭނާ ނޯކަރަށް ބެލް ޖަހާލިއެވެ.

ކުޑައިރުކޮޅެއްގެ ތެރޭގައި ޅަހުއްތު އަތުވެއްޖެއެވެ. ޅަހުއްތު އަކީ ޝާންއަށާއި މި ކޮޓަރިކޮޅަށް ޚާއްސަ ޚާދިމެއްކަން މިހާރު އާދިލާއަށް އެނގިއްޖެއެވެ.

“އަހަރެން އެބަ ހޮޑުލަވާ.” ޅަހުއްތުގެ ހައިރާންވެފައިވާ މޫނަށް ބަލާލާފައި އާދިލާ ބުންޏެވެ. ” ބޭހެއް ނެތްތަ މީންތާނކު”

” ކަމަނާ ތިޔަ އިންނެވީ ވަރަށް އާލާސް ކަންފުޅާ. “އިންނަވާ. ޑޮކްޓަރެއް ގޮވައިގެން އެބަ އަންނަން. “

” މާތްކަލާކޯ ! ނޫން. އިރުކޮޅަކުން ރަނގަޅުވެދާނެ . ކަނޑުމައްޗައް އަދި އަހަރެން ނުހޭނެނީ .”

ޅަހުއްތުގެ ބޮލުގެ ހަރަކާތަކުން އާއެކޭ ބުނެފައި ހިނގައިގަތެވެ.

ކުޑައިރުކޮޅެއްގެ ތެރޭގައި އެކޮޓަރިއާ ގުޅިފައިވާ ދޮރަކުން ޝާން ވަންނަވައިފިއެވެ. ” ކަލެއަށް ތިޔަހާ ވަރު ވާ އިރުވެސް ޑޮކްޓަރަކަށް ނުދައްކަން ތިޔަ އުޅެނީ ކީއްވެ؟”

” އަޅުގަނޑު ޑޮކްޓަރަށް ދާން ނުކުތްތަނާ އަފީފާ ދިމާވީ “. އާދިލާ އޭނާގެ ދިފާއުގައި ބުނެލިއެވެ. ” އޭނާގެ އަތްދަށުން ސަލާމަތް ނުވީމާ މި ވަނީ. މަސައްކަތް މެންދުރުފަހުން ނިންމާލިޔަސް ހެޔޮތޯ؟” ޝާން ނިކުމެ ވަޑައިގަންނަވަން އެނބުރި ލެއްވިތަނާ އާދިލާ ދެންނެވިއެވެ.

” ޝާން!. އަޅުގަނޑު މި ކޮޓަރީގައި ހުރުން މާ ރަނގަޅު ހެނެއް ހިއެއްނުވޭ.”

ޝާން ހައިރާންކަމާއެކު އާދިލާގެ މޫނަށް ބައްލަވާލެއްވިއެވެ. ” ހަމަ ރަނގަޅަށްތަ؟ އިއްޒަތްތެރިން އުޅޭ ދުނިޔެ ބަލާލަން ބޭނުންކަމަށް އިއްޔެ ކަލޭ ބުނި ހަނދާނެއްވޭ “

” އަޅުގަނޑަށް ހީވަނީ މިތަނުގައި އަޅުގަނޑު އުޅޭތީ އަފީފް އެ ނަގަނީ މުޅިން އެހެން މާނައެއް ހެން .”

” އެހެންތަ؟” ޝާންގެ މޫނުފުޅުން ކަންބޮޑުވުމުގެ ކުލައެއް ފެނިގެން ދިޔައެވެ. ” އަޅާނުލާ! އެއީ އޭނައަށް އަރާފައިއޮތް އޮޅުމެއްކަން އަހަރުމެން ދެމީހުންނަށް އެނގެއެއްނު”

” ތިހެންވިއްޔާ ކުރީގަ އޮތީ ލަރީސާ މި ދަތުރު އަންނަ ގޮތަށް ތޯ؟

” އާނ! އެކަން އޭނާ ކެންސަލް ކޮށްލީ އެންމެ ފަހު ވަގުތު. އިއްޔެ ކަލޭ ދިން ސިޓީތަކުގެ ތެރޭގައި ލަރީސާގެ ސިޓީއެއް އޮތެއްނު. އެ ސިޓީގައި އޮތީ އެވާހަކަ. އެކަމަކު އެވީގޮތެއް އަދިއެއް ނުބުނާނަން. އެކަމަކު ކުރިއަށް އޮތް ހަފްތާގަ މަށާ ލަރީސާއާ ދެމީހުންނާ ބެހޭ އެއްވެސް ވާހަކަ ދެކެވޭކަށް އަހަރެން ބޭނުމެއް ނުވޭ. އޭނާ އަންނަން އޮތްކަން މި ރިޕޯޓަރުންނަށްއެނގުނު ގޮތެއް ވެސް ނޭނގެ. އަހަރެން ބޭނުން އެކަން އެމީހުންނަށް ސިއްރު ކުރަން”.

“ތިޔަހެން ވިއްޔާ އަޅުގަނޑު މީ އަލީ އަފީފްގެ ބުޅީގައި އަޅުވާފައި އިން އެންކޮޅެއް ދެއްތޯ؟”

” ކަލޭބޭނުމެއް ނުވޭތަ އޭނާ އެއެންކޮޅު ކާލައިގެން ބޭނި މަހެއް މަރަށް ތެޅޭހެން ތެޅޭތަން ބަލަން؟ “

ޝާން ރޯކޮށްލި ސިގެރެޓްގެ ދުމުގެ ވަސް ޖެހުމުން އޭނާއަށް ވާނެ ގޮތެއް ވިސްނި ވަޑައިގެންނެވި ހެނެއް ހިއެއް ނުވެއެވެ. އާދިލާއަށް އެވަސް ޖެހުމާއެކު އަރިއަޅާލައިގެން ވެއްޓެން ދިޔައެވެ. އެވަގުތު ޝާންގެ ބާރު ގަދަ އަތްޕުޅުގެ ހިމާޔަތް ނުލިބުނު ނަމަ އޭނާ ރީއްޗަށް ވެއްޓުނީހެވެ. އިރުކޮޅަކަށް ޝާންގެ ފަށުވި ގަމީސްކޮޅު އޭނާގެ މޫނުގައި ހޭކިގެން ދިޔަކަން އިހްސާސްވިއެވެ. ދެން އޭނާ އެނދުމަތީގައި ބޭއްވުނުކަން އެނގުނެވެ. އޭނާ ތެދުވަން ލީ ބާރަށް ވުރެން އޭނާގެ ކޮޑުގައި ހިފަހަށްޓާފައިވާ އަތްޕުޅުން އޭނާ ބޭއްވުމަށް ލައްވާފައިވާ ބާރު މާގަދައެވެ. އޭނާގެ ފައިވާން ބޭލުވި ގައިގެ މަތީން ރަޖައެއް އަޅާލެވުނެވެ. ހަމަ އިސާހިތަކު އޭނާގެ ބޯ އުފުލުވާފައި ޅަހުއްތު ގެނައި ބޭސްތަށި ބޯން ދެވުނެވެ.

“މި ތަށިއެއްކޮށް ބޯލާ.” ޝާން އޭނާ ތުންފަތުގައި ބޭސްތަށި ޖައްސަވާލެއްވިއެވެ.

އާދިލާ ދެކޮޅު ހެދުމެއްނެތި އާވި އަރާ އެ ބޭސް ތަށި އެއްކޮށް ބޯލިއެވެ.

” ދެން ނިދޭތޯ ބަލާ އިރުކޮޅަކުން ރަނގަޅުވެދާނެ”. މިހެން ވިދާޅުވެފައި އޭނާގެ މޫނު މައްޗަށް ވެއްޓިފައިއޮތް އިސްތަށި ކޮޅު ޝާންގެ އިނގިލިފުޅުން ދުރަށް ލެއްވިއެވެ. ޝާންގެ އަތްޕުޅުގެ ބީހިލެއްވުން ހާދަ އޯގާވެރިއޭ އާދިލާ ނިދެމުން ދިޔަ އިރު ހިތަށް އެރިއެވެ.

އާދިލާއަށް ހޭލެވުނުއިރު ކޮޓަރީގެ ހުރިހާ ދޮރުފޮތިތަކެއް ހުރީ ދަމާފައެވެ. އަލިކަމަކަށް ހުރީ ނިދާބޮއްކެއްގެ ފަނޑު އައްޔެވެ. ފިޔާތޮށި ދޫލައިގެ މައްޗަށް އެ ފަނޑު އަލި އެޅުމުން މުޅިތަނަށް ފިނިފެންމާ ކުލަ އަރާފައިވެއެވެ. އޭނާގެ ބަނޑުގައި އެނބުރެމުން ދިޔަ ރާޅުބާނިތަކެއް މިހާރަކު ނެތެވެ. އެކަމަކު ބޮލުގައި ރިއްސާވަރުން ހީވަނީ މޮޔަވެދާނެހެންނެވެ. ވަރަށް ހިއްވަރު ކޮށްގެން އެނދުން ތެދުވެ ފެންވަރާ ކޮޓަރިއަށް ވަދެ ހޫނުފެނުން ތުވާއްޔެއް ތެންމައިގެން ރަނގަޅަށް މޫނާއި ހަށިގަނޑު ދޮވެ ހަދައިފިއެވެ. މިހެން ހެދުމުން ކޮންމެވެސް ވަރެއްގެ ތާޒާކަމެއް ލިބުނުހެން ހީވި ނަމަވެސް އަދިވެސް ކޮޅަށް ހުރެވޭވަރެއް ނުވެއެވެ. އޭނާ ހެދުން ބަދަލު ކޮށްގެން އައިސް އަނެއްކާވެސް ރަޖާގެ ދަށަށް ވަދެއްޖެއެވެ. ގަޑިންވީ އިރެއް ބަލާހިތެއްވެސް ނުވިއެވެ.

އަނެއްކާވެސް އާދިލާއަށް ނިދުނީތާއެވެ. ހޭލެވުނުއިރު އެތާނގައިވަނީ އޭނާ އެކަންޏެއް ނޫނެވެ. ޝާން އޭނާގެ ކާރީ ގުދުވެވަޑައިގެން އޭނާގެ ރީނދޫ ވެފައިވާ މޫނަށް ބައްލަވަން ހުންނެވިއެވެ.

“މިހާރު ކިހިނެއްތަ؟ ކުޑަކޮށް ރަނގަޅު ދޯ؟”

“އާދެ ! ހީވަނީ ރަނގަޅުހެން. އެކަމަކު އަދިވެސް ބޮލުގައި ވަރަށް އެބަ ރިއްސާ. ހީވަނީ ހެނދުނު ވާއިރަށް ރަނގަޅުވެދާނެ ހެން.”

” އަހަރެން މިއައީ އެހެން ބޭހެއް ހިފައިގެން ” ޝާން ބިއްލޫރި ތަށްޓަކަށް އިޝާރާތް ކޮށް ލެއްވިއެވެ. މި ބޭސް ތަށި ބޮއިގެން އަދިވެސް ނިދާލާ. މިހާރު ހުވަދުއަށް ވަދެވިއްޖެ . ކަނޑުވެސް މަޑުވެއްޖެ. ހަފްތާއެއްހާ ދުވަހުން ތިކަންތައް މުޅީން ރަނގަޅުވެދާނެ. އަލަށް ކަނޑުމައްޗަށް އެރީމާ ތިޔަ ކަންތައް ވަރަށްގިނަ ބަޔަކަށް ލައިގަނޭ. ތިޔަކަމާ މާބޮޑަށް ކަންބޮޑު ނުވޭ”

އާދިލާ އެއްޗެއް ނުބުނެ ބޭސްތަށި އެއްކޮށް ބޯލައިގެން އަނެއްކާވެސް ރަޖާ ދަށަށް ވަދެއްޖެއެވެ.

” މި ބޮކިވެސް ނިއްވާލަންތަ؟ ” ޝާން އެ ނިދާ ބޮއްކަށް އިޝާރާތް ކުރެއްވިއެވެ.

“އެންމެ ރަނގަޅު. އެކަމަކު އަޅުގަނޑާއި ހެދި ތިބޭފުޅާއަށް މިހާ ބޮޑު އުނދަގޫފުޅެއް އުފުއްލަވަން ޖެހުނީތީ ދެރަވޭ”.

ބޮކި ނިވާލުމުން މުޅި ކޮޓަރި އަނދިރިވެގެން ދިޔައެވެ. އެ އަނދިރި ކަމުގެ ތެރޭން ޝާން ވިދާޅުވި އަޑު އިވުނެވެ.

“މި ވަގުތު އަހަންނަށް އެންމެ އުނދަގޫ ކުޑައީ ކަލޭގެ ފަރާތުން “.

އާދިލާއަށް ހޭލެވުނީ އަނެއް ދުވަހު 8 ޖެހި ތަނާއެވެ. އޭރު އޭނާވަނީ މުޅީން ގަދަވެފައެވެ. އޭނާ މޯޅިއަކަށް ދެމިލިއެވެ. މިހާ އަވަހަށް ގަދަވީތީ އޭނާ ޝުކުރުވެރިވިއެވެ. އޭނާ އެންމެ އުފާވީ މި ކަމުގެ ސަބަބުން އެއްވެސް ވަރު ދެރަވުމެއް، ކަންނެއްކަމެއް ފަދަކަމެއް މިހާރު ނެތީމައެވެ. އޭނާ ތެދުވެ ހަމަ ޖެހިލައިގެން ތައްޔާރުވެއްޖެއެވެ. މިއީ ހުކުރު ދުވަސްކަން އޭނާ ހަނދާންވިއެވެ. އޮފީހަށް ނުކުންނާކަށްވެސް މިއަދަކު ނުޖެހޭނެއެވެ. އެކަމަކު އޭނާ ގަސްދު ކުރީ ކުރަން ހުރި ކަމެއް އޮތްތޯ ބަލައި އެކަމެއް ނިންމާލަން އޮފީހަށް ނުކުތުމަށެވެ. އޭނާ ހެދުން ބަދަލުކުރަން ހުއްޓާ މީހަކު ދޮރުގައި ޓަކި ޖަހާލިއަޑު އިވުނެވެ. އެހެން ކަމުން ބެޑްޝީޓް ގައިގައި އޮޅާލުމަށްފަހު ހުޅުވާލިޔަސް ހެވޭ ބުންޏެވެ. ދޮރު ހުޅުވާލާފައި ވަނީ އޭނާ ކުރީގައި ދެކެފައި ނުވާ އަންހެނެކެވެ. ޅަހުއްތުއާ ވައްތަރު ގޮތެއް ހުރެއެވެ.

” ކަމަނާ ގަދަ ވީތީ އުފާ ވެއްޖެ. ނާނަފުޅު ފިއްލަވަން އެހީވެދޭން މިއައީ”.

އާދިލާ ހައިރާން ކަމާއެކު ބަލަހަށްޓައިގެން ހުއްޓެވެ. އޭނާ ބުންޏެވެ.

” އަޅުގަނޑަކީ ޒޫނާ . ލަރީސާގެ މެއިޑް. އެކަމަނާއަށް ޖެހޭ ހުރިހާ ކަމެއް ކޮށްދެނީވެސް އަޅުގަނޑު. ޝާން ވިދާޅުވީ އެއްގަމަށް ފޭބުމުގެ ކުރިން އެ ބޭފުޅާއަކު ސައިފޮދު ހިއްޕަވަން ކަމަނާ ވަޑައިންނަވާށޭ “.

” އެއްގަމަށޭތަ؟”

” މިއޮތީ ތިނަދޫ ބަނދަރުގަ.”

އާދިލާ ކުޑަދޮރުގެ ފޮތިގަނޑު ކަހާލާފައި ބަލާލިއެވެ. މީގެ 10 އަހަރުގެ ކުރީގައި އޭނާ ތިނަދުއަށް އައެވެ. އެއީ ވަރަށް ހިތްހެޔޮ ބަޔެކެވެ. އޭރުގެ ރައްޓެހިކުދިން މިހާރު ބޮޑެތިވެދާނެއެވެ. އިރުކޮޅަކަށް ނަމަވެސް އެރަށަށް ފޭބޭ ގޮތް ވީތީ އޭނާ އުފާ ވިއެވެ.

” އަހަރެންނަށް އެކަނި ފެންވަރާލެވިދާނެ. މިތާ ޖެކޫޒީއެއްވެސް އެހެރީނު. ކަލޭ ދިޔަޔަސް ހެޔޮ އިނގޭ .”

” ޝާން ވިދާޅުވީ ލަރީސާއަށް ކުރާ ހުރިހާ ޚިދުމަތެއް ކަމަނާއަށް ވެސް ކޮށްދިނުމަށް “. ޒޫނާ މިހެން ބުނުމުން އާދިލާ ވަރަށް ހައިރާންވިއެވެ. . ” އަހަންނަކީ އެހާ މަތީ މީހެއް ނޫން. ޝާންގެ ވަގުތީ ސެކެޓްރީއެއް. ތިޔަވަރުގެ ޚިދުމަތެއް އަހަންނަކަށް ބޭނުމެއް ނުވާނެ”.

އާދިލާ ހެދުންލާ ކަބަޑުން ޖީންސަކާއި އުއި ޓީޝަރޓެއް ނަގައިފއެވެ. ބޭރު ބަލާލިއިރު ހޫނުވާނެ ވަރު އޭނާއަށް އެނގެއެވެ.

” އެކަމަކު އެއީ ޝާން އެންގެވި ގޮތް”. ޒޫނާ މިހެން ބުނަމުން ފެންވަރާ ކޮޓަރިއަށް ވަދެ ބިލިގާއަށް ހޫނުފެން އަޅައި ދެންވެސް ކުރަން ޖެހޭ ތައްޔާރެއް ކުރަން ފަށައިފިއެވެ.

ފުރަތަމަ ނިދަން މި ލިބުނީ ފިނިފެންމަލުން ފުރާލައިފައިވާ ޝާހީ ކޮޓަރި ކޮޅެކެވެ. މިހާރު އެ ދެއްވީ ޚާއްސަ ޚާދިމާއެކެވެ. ދެން ކުރިއަށް އޮތީ ކޮންކަމެއްބާވައެވެ. އާދިލާ މިޚިޔާލުގައި ހުރެ ތައްޔާރުވެލިއެވެ. ބޯޓްގެ އެންމެންވެސް ހީކުރާނީ މިއީ ޝާންގެ އޯގާވެރިކަން ކަމަށެވެ. އެކަމަކު މި ކަމުގައި ފޮރުވިފައިވާ ހަގީގަތް އާދިލާއަށް އެނގެއެވެ. އޭނާއާ މެދު މިހާވަރުގެ އޯގާވެރިކަމެއް މި ބަހަށްޓަވަނީ ހަމައެކަނި އަލީ އަފީފުގެ ލޮލުގައި އަނދުން އެޅުވުމަށެވެ. މިއަކީ އާދިލާ މާކަ ހިތް ހަމަ ޖެހޭ ކަހަލަ ކަމަކަށް ނުވެއެވެ.

ފެންވަރާ ތައްޔާރުވެގެން ރަށަށް ފައިބާނެ ވަގުތެއްގެ އިންތިޒާރުގައި އާދިލާ ހުއްޓެވެ. އޭނާ އަރާފައި ހުރީ ފުންނާބު ތިރި އާދައިގެ ފައިވާނަކަށެވެ. އަތް ކުރު ހުދު ޓީޝަރޓެކެވެ. ކުލަ ވެއްޓިފައިވާ ނޫ ޖީންސެކެވެ. އަވީގެ ތެރެއަށް ނުކުތުމުން އޭނާގެ މޫނުގެ ހަން އަނދާނެއެވެ. އޭނާ ސަން ސްކްރީން ލޯޝަން ކޮޅެއް އުނގުޅާލިއެވެ.

-ނުނިމޭ-