English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާއާއި ގުޅިގެން ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) އަށް ތުހުމަތުކޮށް، ރައީސް ނަޝީދު ދެއްކެވި ވާހަކަތައް ބަލަން ރައްޔިތުން މަޖިލީހުގެ އިމްތިޔާޒް ކޮމެޓީން ނިންމައިފިއެވެ.

ރައީސް ނަޝީދުގެ މައްސަލަ ބަލައި ދިނުން އެދި އަނދުން ހުސެއިން ވަނީ މަޖިލީހަށް ސިޓީއެއް ފޮނުއްވާފައެވެ. އެ ސިޓީގައި އަނދުން ހުސެއިން ވިދާޅުވީ ބޮމުގެ ހަމަލާގެ ފަހަތުގައި އޭނާގެ ބައިވެރިވުމެއް އޮތް ކަމަށް ދޭހަވާ ގޮތަށް އަސާސެއް ނެތް ތުހުމަތުތަކެއް އޭނާގެ މައްޗަށް ކުރައްވާފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ހައްގުތަކާއި އިމްތިޔާޒްތަކަށް އުނިކަން އައިސްފައިވާ ކަމަށް އަނދުން ހުސެއިން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އަނދުން ހުސެއިން ވިދާޅުވީ އެ މައްސަލައިިގެ ގޮތުން ނަޝީދުގެ ތުހުމަތާ އެކު، ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

މިއަދު ބޭއްވި ރައްޔިތުން މަޖިލީހުގެ އިމްތިޔާޒް ކޮމެޓީގެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ ތެރެއިން މިމައްސަލަ ބަލަން އިންކާރުކުރެއްވީ މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާއެވެ.