މިއަދު ޓީޗަރުންގެ މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނައި ހަބަރު ގެނެސްދިނުމަށް މީޑިއާތަކަށް ފައިސާ ދީފައި ނުވާނެކަމަށް ރައީސް އޮފީހުން ހާމަކޮށްފިއެވެ.
ރައީސް އޮފީހުން މި ގޮތަށް ހާމަކޮށްފައިވަނީ ޓީޗަރުންގެ މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނައި ހަބަރު ގެނެސްދިނުމަށް މީޑިއާތަކަށް ފައިސާ ދިންކަމަށް ބުނެ ލިޔެފައިވާ ހަބަރަކާއި ގުޅިގެންނެވެ. މިއަދު ޓީޗަރުންގެ މުސާރައަށް ގެނައި ބަދަލު، ކުރިއާލާ މީޑިއާތަކަށް އަންގާފައިވާ ކަމަށް ތުހުމަތުކޮށް ލިޔެފައިވާ ހަބަރުގައި ވަނީ ޓީޗަރުންގެ މުސާރައަށް އައި ބަދަލު ޕްރޮމޯޓުކުރުމަށް ބޭނުންވާ ގުރެފިކްސް އާއި ވީޑިއޯ ފަދަ ކޮންޓެންޓުތައް ކުރިއާލާ އުފައްދާފައިވާކަމަށް ބުނެފައެވެ.
މި ވާހަކަތައް ދޮގުކުރައްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ޓީޗަރުންގެ މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނައި ހަބަރު ގެނެސްދިނުމަށް މީޑިއާތަކަށް ފައިސާ ދިން ކަމަށް ބުނެ ގެނެސްދީފައިވާ ޚަބަރަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ހަބަރެއްކަމަށެވެ.
ރައީސް އޮފީހުން ރާއްޖޭގެ ބައެއް މީޑިއާތަކަށް ބޮޑެތި އަދަދުތަކުން ފައިސާ ދިން މައްސަލައެއް މީގެ ކުރިން ފެންމަތިވެފައިވާއިރު މާލިއްޔަތު ޤަވާއިދާ ހިލާފަށް މީޑިއާތަކަށް ފައިސާ ދޫކުރާ ކަމަށް ބުނެ އަމިއްލަ ފަރާތުން ވަނީ އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށްވެސް ހުށަހަޅާފައެވެ.