ރައީސް ޑރ. މުހައްމަދު މުއިއްޒު، “މިނިސްޓްރީ އޮފް ޑިފެންސް” ގެ ނަން “މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސް” ގެ ނަމަށް މިއަދު ބަދަލުކުރައްވައިފިއެވެ. ގާނޫނުއަސާސީން ރައީސަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުން ގެންނެވި މި ބަދަލާއެކު، އެ މިނިސްޓްރީއަށް ދިވެހިބަހުން ބޭނުންކުރަން ހަމަޖައްސަވާފައިވާ ރަސްމީ ނަމަކީ “ދިފާއީ އަދި ވަތަނީ ހިދުމަތާ ބެހޭ ވުޒާރާ” އެވެ.
މި ބަދަލާ ގުޅިގެން ޑިފެންސް އެންޑް ނޭޝަނަލް ސާވިސް މިނިސްޓަރުގެ މަގާމަށް ހަސަން ރަޝީދު ވަނީ އައްޔަންކުރައްވާފައެވެ. ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އޭނާއަށް ވަނީ މަގާމުގެ ފަތްކޮޅު ދެއްވައި، މިނިސްޓަރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައި ލައިދެއްވާފައެވެ. މި މަގާމުގައި ކުރިން ހުންނެވި މުހައްމަދު ގައްސާން މައުމޫން ވަނީ މިދިޔަ އޭޕްރިލް 14 ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވާފައެވެ.
މިނިސްޓްރީގެ ނަމަށް މި ބަދަލު ގެންނަވާފައިވަނީ ކެބިނެޓަށް ގެންނެވި ބޮޑު ބަދަލެއްގެ ތެރެއިންނެވެ. އޭޕްރީލް 14 ގައި 10 މިނިސްޓަރަކު އިސްތިއުފާ ދެއްވުމާ ގުޅިގެން، ރައީސް ވަނީ ކެބިނެޓްގައި ތިއްބަވާ މިނިސްޓަރުންގެ އަދަދު 20 އިން 15 އަށް މަދުކުރައްވާފައެވެ. މިހާރު ކަނޑައަޅުއްވާފައިވާ 15 މިނިސްޓަރުންގެ ތެރެއިން 14 ބޭފުޅަކު ވަނީ މިހާރު މަގާމުގެ ހުވައި ކުރައްވާފައެވެ.