ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ސަރުކާރުގެ އިދާރީ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް މިއަދު ގެންނަވައިފިއެވެ. މި ބަދަލުތަކުގެ ތެރޭގައި ބައެއް މިނިސްޓްރީތައް އުވައިލުމާއި، އާ މިނިސްޓްރީއެއް އުފެއްދުމުގެ އިތުރުން، އެކި އިދާރާތަކުން ކުރަމުންދިޔަ މަސައްކަތްތައް އެހެން މިނިސްޓްރީތަކުގެ ދަށަށް ވަނީ ބަދަލުކުރައްވާފައެވެ.
މި ގެންނެވި ބަދަލުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ އިޖުތިމާއީ ހިދުމަތްތަކާ ގުޅޭ އިދާރާތަކަށް އައި ބަދަލެވެ. އެގޮތުން ކުރިން ޖެންޑާ މިނިސްޓްރީގެ ދަށުން ހިނގަމުންދިޔަ އެންސްޕާ އާއި، ފިޔަވަތި އަދި އަމާންވެށި ފަދަ ތަންތަން މިހާރު ވަނީ ހެލްތު މިނިސްޓްރީގެ ދަށަށް ބަދަލުކުރައްވާފައެވެ. މީގެ އިތުރުން މޯލްޑިވްސް ޕޮލިޓެކްނިކް އާއި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ ފަދަ ތައުލީމީ އިދާރާތައް ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ދަށަށް ބަދަލުކުރައްވާފައެވެ.
މި ބަދަލުތަކާއެކު ސަރުކާރުގެ ވުޒާރާތަކުގެ ނަންތަކަށްވެސް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އެގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ ނަން “މިނިސްޓްރީ އޮފް އެޑިއުކޭޝަން، ހަޔާ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް” އަށް ބަދަލުކޮށްފައިވާއިރު، ހެލްތު މިނިސްޓްރީގެ ނަން ވަނީ “މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ” އަށް ބަދަލުކުރައްވާފައެވެ. ރައީސް އޮފީހުން ބުނީ މި ބަދަލުތަކަކީ ސަރުކާރުގެ ހިންގުން މިހާރަށްވުރެ ހަރުދަނާކޮށް، ރައްޔިތުންނަށް ދޭ ހިދުމަތްތައް އަވަސްކުރުމަށް ގެންނެވި ބަދަލުތަކެއް ކަމަށެވެ.