މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބަޔަކު އުޅޭ ކަމަށް ތުހުމަތުކުރެވިގެން، ކޯޓު އަމުރެއްގެ ދަށުން ހިޔާ ފްލެޓެއް ބަލައި ފާސްކޮށް މަސްތުވާތަކެއްޗާއި، ގިނަ އަދަދެއްގެ ފައިސާތަކާ އެކު ފަސް މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 19-26 އަހަރާ ދެމެދުގެ މީހުންނެވެ. މި މައްސަލައިގައި ހައްޔަރުކުރި ފަސް މީހުންނަށް، ކްރިމިނަލް ކޯޓުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު 15 ދުވަސް ބަންދަށް ޖަހާފައެވެ. މި މީހުންގެ މައްޗަށްކޮށްފައިވަނީ މަސްތުވާތަކެތިި ބޭނުންކޮށް، ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރިކަމުގެ ތުހުމަތެވެ.
ފުލުހުން ކޯޓަށް ހުށަހެޅި ހެކީގައި ބުނީ އެ ފްލެޓްގެ ސިޓިންރޫމްގައި ހުރި ޓީވީ ރެކުގެ ދަމާވަތްގަނޑުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ހުރި ހަ ރަބަރު ޕެކެޓް ފެނިފައިވާ ކަމަށާއި އެ ކަބަޑާއި ސޯފާމަތިންނާއި އެ ފްލެޓްގެ ދެ ކޮޓަރި ބަލައި ފާސްކުރި އިރު ގިނަ އަދަދެއްގެ ފައިސާ ފެނިފައިވާކަމަށެވެ. އެ ފްލެޓުން 50،300ރ. ފެނިފައިވާއިރު ސްތުވާތަކެތި ބަންދުކުރުމަށް ބޭނުންކުރާ އާލަތްތައް ވެސް ފެނިފައިވެއެވެ.
މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކު ކޯޓުގައި ބުނީ އޭނާގެ އަތުން ފެނުނު ފައިސާ އަކީ ވަޒީފާ އަދާކުރާ ތަނުން ލިބުނު ފައިސާ ކަމަށާއި އޭނާ ހައްޔަރުކުރި އެޕާޓްމަންޓުން މަސްތުވާތަކެތި ފެނުނަސް، އޭނާއަކީ އެ ތަކެތި ބޭނުންކުރާ މީހެއް ނޫންކަމަށެވެ.