English Edition
Dhivehi Edition

މާލެ ސަރަހައްދުން ފުލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ދާއިމީ ލިސްޓާއި ގުޅިގެން ޝަކުވާ ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަޙައްދުން ފުލެޓް ދޫކުރުމަށްޓަކައި ހިންގާ ގެދޮރުވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަޙައްދުން ފުލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ދާއިމީ ލިސްޓު އިއްޔެ އާންމުކުރުމާއެކު ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.

އަދި މިއަދު ޕްލޭނިން މިނިސްޓްރީއަށް ގިނަ ބަޔަކު އެއްވެ އިހްތިޖާޖުކޮށްފައިވާއިރު، މިއަދު އެ މިނިސްޓްރީން ވަނީ ފްލެޓްގެ ދާއިމީ ލިސްޓާ ގުޅިގެން ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ނޮވެމްބަރު 5، 2023 އިން ފެށިގެން ނޮވެމްބަރު 9، 2023 ގެ 16:00 ގެ ނިޔަލަށް އެ ފުރުސަތު ހުޅުވާލާފައެވެ، ހައުސިން މިނިސްޓްރީން ވަނީ ގެދޮރުވެރިޔާ ސްކީމަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުން ދާއިމީ ލިސްޓާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ ޝަކުވާ ހުށަހެޅުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

އިއްޔެ ހައުސިން މިނިސްޓްރީން އާންމުކުރި ލިސްޓާއެކު ބުނީ 3 ކޮޓަރީގެ ފުލެޓްގެ ދާއިމީ ލިސްޓްގައި ހިމެނޭ ފަރާތްތަކު ގެތެރެއިން ފަހިދިރިއުޅުން ކޯޕަރޭޝަނުން މިހާރު އިމާރާތްކުރަމުންގެންދާ 4000 ފުލެޓް ލިބޭ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ 76 އިން ފެށިގެން މަތިން މާރކްސް ލިބިފައިވާ ފަރާތްތައް ކަމަށެވެ. އަދި 2 ކޮޓަރީގެ ފުލެޓްގެ ދާއިމީ ލިސްޓްގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ފަހި ދިރިއުޅުން ކޯޕަރޭޝަނުން މިހާރު އިމާރާތްކުރަމުންގެންދާ 4000 ފުލެޓް ލިބޭ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ 73 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތައް ކަމަށެވެ،