English Edition
Dhivehi Edition

ހުޅުމާލެ ފޭސް 2 ގައި ގާއިމު ކޮށްފައިވާ ހިޔާ ފްލެޓްތަކުގެ އަގު ކުޑަކޮށްފިއެވެ. މި ހިނގާ މެއި މަހުން ފެށިގެން މަހަކު ދައްކަން ޖެހޭ ކުއްޔަކީ 5،300ރ. އަށް ހަދައި، ފްލެޓްތަކަށް ޖުމްލަ އަގު ދައްކަން ޖެހޭ މުއްދަތު ވެސް ވަނީ ސަރުކާރުން އިތުރުކޮށް ދީފަ އެވެ

މިކަމާ ގުޅޭ ގޮތުން އާބަންކޯއިން ނެރުނު ބަޔާނުގައި ވާ ގޮތުން، ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓް ލިބިފައިވާ ފަރާތްތަކަށް ފްލެޓް ތަކުގެ ފިނިޝިންއަށް ލޯނާއި އެހެނިހެން ގޮތްގޮތުން ބޮޑު ހޭދައެއް ކުރަން ޖެހިފައި އޮތުމާއި ، އެލޯންތައް އަދާކުރަމުން ހިޔާގެ ކުލީގެ ގޮތުގައި 7500 ރުފިޔާ ދެއްކުމަކީ ހިޔާ ފްލެޓް ލިބިފައިވާ ފަރާތްތަކަށް މާލީ ގޮތުން އުފުލަން ޖެހިފައިވާ ބޮޑު ބުރައެއް ކަމުގައިވާތީ ، އެބުރަ ލުއި ކޮށްދެއްވޭނެ ގޮތްތައް ބެއްލެވުމަށް ސަރުކާރުން މަސައްކަތް ކުރެއްވި ކަމަށާއި މިއީ އެގޮތުން ނިންމުނު ނިންމުމެއްކަމަށް ބަޔާންކޮށްފައިވެއެވެ.

” އެންމެ ފުރަތަމަ 2021 ވަނަ އަހަރު ހިޔާ ފްލެޓް ކަނޑައެޅުމުގައި މަޝްރޫޢުގެ އެންމެހާ ޚަރަދުތައް ހިމެނުމަށްފަހު ހިސާބު ހެދުމުން ކުލީގެ ގޮތުގައި 10000 ރުފިޔާ އަށް ވުރެ ބޮޑު އަދަދެއް މަހަކު ދައްކަން ޖެހޭނެ ކަމަށް އަންދާޒާ ކުރެވުނު. އެއީ ޢިމާރާތުގެ ކޮންސްޓްރަކްޝަން ޚަރަދު، ބިމުގެ އަގު، ޕްރޮޖެކްޓް މެނޭޖްމަންޓް، ޚަރަދު ސަޕްލިމެންޓްރީ އަދި އިދާރީ ޚަރަދުތައް ހިމަނައިގެން ހިސާބު ހެދުމުން. އެހެންނަމަވެސް އެއަދަދަކީ އެކަށީގެންވާ ވަރަށްވުރެ ބޮޑު ޢަދަދެއްކަމުގައިވާތީ ސަރުކާރުންވަނީ މުޅި ހިޔާ މަޝްރޫޢުގެ 3.7 ބިލިއަން ރުފިޔާ ސަރުކާރުން ސަބްސިޑައިޒްކޮށް ހިޔާގެ ކޮންމެ ފްލެޓެއްގެ ޖުމްލަ ކުލިން 550000 ރުފިޔާއަކީ ސަރުކާރުންދޭ ސަބްސިޑިއެއްގެ ގޮތުގައި ހަމަޖައްސަވައި ހިޔާ ފްލެޓޭއްގެ މަހު ކުއްޔަކީ 7500 ރުފިޔާ ކަމުގައި ކަނޑައަޅުއްވާފައި. އަދި ހިޔާ ފްލެޓް ތަކުގެ ފިނިޝިން ނިންމުމަށާއި ކޮވިޑް 19 ގެ ޙާލަތާއި ގުޅިގެން ދެއްވި ލުއިތަކުގެ ތެރެއިން ހިޔާ ފްލެޓް ތަކަށް ކުލި ދައްކަން ފެށުން 6 މަސް ދުވަހަށް ފަސް ކޮށްދެއްވާފަ.” އާބަންކޯގެ ބަޔާނުގައި ވެއެވެ.

ރައީސް އޮފީހުގައި ހައުންސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އާއި ފިނޭންސް މިނިސިްޓްރީގެ ސްޓޭޓް މިނިސްޓަރު އަނަސް އަބްދުއް ސައްތާރާއި އާބަންކޯގެ އެމްޑީ އަހުމަދު އާތިފު ބައިވެރިވެވަޑައިގަންނަވާ ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން އަދި އާބަންކޯގެ ވެރިން ވިދާޅުވީ، މި ބަދަލާއެކު ހިޔާ ފްލެޓްގެ ކުލި ކުޑަވަނީ ނޫން ކަމަށާއި ނަމަވެސް ހިޔާ ފްލެޓުގެ ކުލި ދައްކާ މުއްދަތު އިތުރު ކުރުމުން ކުލި ދައްކާ ފަރާތްތަކަށް ލުޔެއް ލިބެނީ ކަމަށެވެ. އަދި މި ބަދަލު ގެނައީ އެތަނުގައި ދިރިއުޅޭ މީހުންނަށް ލުޔެއް ދިނުމުގެ ގޮތުން ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ހިޔާ ފްލެޓްތަކުގެ ކުލި ދައްކައި ނިންމަންޖެހޭ މުއްދަތު އިތުރުކުރަން ސަރުކާރުން ނިންމެވީ އެ ތަނުގައި ދިރިއުޅޭ މީހުންނަށް ކުލި ދެއްކުމުގައި ލުއި ފަސޭހަކޮށްދިނުމުގެ ގޮތުން ކަމަށެވެ. އެގޮތުން މެއިންޓަނަންސް ފީއާ ނުލާ މަހަކު 5300 ރުފިޔާ ދައްކަން ޖެހޭ ގޮތަށް ހަދާ ކުލީގެ މުއްދަތު 7 އަހަރުދުވަހަށް އިތުރުކުރައްވާފައިވާކަމަށެވެ.

ހިޔާ ފްލެޓްގެ ކުލި ދައްކަން ޖެހޭ މުއްދަތަށް ސަރުކާރުން އިތުރު ކޮށްދީ މި ގެނައި ބަދަލާއެކު ކުރިން ކަނޑައަޅާފައި އޮތް 25 އަހަރުގެ ތެރެއަށް 2 އަަހަރު އިތުރުވާނެއެވެ. އެހެން ކަމުން ދެން ކުލި ދައްކާ ހަލާސް ކުރަން ޖެހޭނީ 27 އަހަރުންނެވެ. ކުޑަކޮށްދިން ކުލީގެ ގޮތުގައި 5300ރ. އާއި މެއިންޓަނަންސް ފީގެ ގޮތުގައި ދައްކަން ޖެހޭ 1000ރ. އާ އެކު ދައްކަން ޖެހޭނީ ކުރިއަށް އޮތް 7 އަހަރަށް މަހަކު ޖުމްލަ 6300ރ. އެވެ. އޭގެ ފަހުން އިހު އޮތް ގޮތަަށް އިއާދަވާނެއެވެ.

ހިޔާ ފްލެޓުތަކުގެ މަސައްކަތް ކޮންޓްރެކްޓަރާއި ޙަވާލުކޮށްފައިވަނީ ފްލެޓުތަކުގެ މަޝްރޫޢުގެ ފިނިޝިންގެ މަސައްކަތް ނުހިމަނާ ކަމަށް މިސަރުކާރުންވަނީ މީގެ ކުރިން ބުނެފައެވެ. ފްލެޓް ދޫކުރި އިރު އެމަސައްކަތް ނުނިންމާ ހުރުމުގެ ސަބަބުން، ފިނިޝިންގެ ގިނަ މަސައްކަތް ކުރަންޖެހުނީ ފްލެޓު ލިބުނު މީހުން އަމިއްލައަށެވެ.