English Edition
Dhivehi Edition

މި ސަރުކާރާ މެދު ބަޔަކު ނުރުހުން ވަނީ ސަރުކާރުގެ ދުވެލި ބާރުވުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއާޕަސަންގެ މަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންތިހާބުގެ ފޯރިގަދަވެ. ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ ވަނީ ދެ ފެކްޝަނަކަށް ބެހިފައެވެ. މި ގޮތުން ރައީސް ނަޝީދު އާއި ޗެއާޕާސަންގެ މަގާމަށް އިމްތިޔާޒް ފަހްމީ އަށް ތާއިދުކުރާ މެމްބަރުން ދަނީ މި ސަރުކާރުގެ ދުވެލި މަޑުކަމަށާއި، ގިނަ ވައުދުތައް ނުފުއްދޭކަމަށް ބުނެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

ސަރުކާރާއި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އަދި ޗެއާޕާސަންގެ މަގާމަށް ފައްޔާޒު އިސްމާއިލް ގެނައުމަށް ތާއިދުކުރާ މެމްބަރުންވެސް އެމްޑީޕީގެ ރައީސް ނަޝީދު ފެކްޝަނުގެ މެމްބަރުންނަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް އަންނަނީ ދެމުންނެވެ.

މި ގޮތުން މި ސަރުކާރަށް ތާއިދުކޮށް ވާހަކަދައްކަމުން ޝަރީފް ވިދާޅުވީ ސަރުކާރާ މެދު ނުރުހުންވާ މީހުން ނުރުހުންވަނީ ސަރުކާރުން ހޯދަމުންދާ ކާމިޔާބީތަކާ ގުޅިގެން ކަމަށާއި ރައްޔިތުންގެ ޚިދުމަތުގައި ކުރަމުންދާ މަސައްކަތުގެ ދުވެލި ބާރު ވުމަކީވެސް މިސަރުކާރާމެދު ނުރުހުންވާ އެއް ސަބަބު ކަމަށެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ މިސަރުކާރާ ނުރުހުންވާ ސަބަބުތަކުގެ ތެރޭގައި ސަރުކާރު ބޭނުންކޮށްގެން، އަމިއްލަ ފައިދާ ނުނެގުންވެސް ހިމެނޭކަމަށެވެ. ” ސަރުކާރަށް ނުރުހުން ވަނީ، ސަރުކާރުގެ ދުވެލިބާރުކަން، ރައްޔިތުންނާ އަޅާލާލެއް ބޮޑުކަން، އޯގާތެރިވެރި، ދުރުވިސްނުންފުޅު، 2023 ޔަގީންވާތީވެ.” އިބްރާހިމް ޝަރީފް ވިދާޅުވިއެވެ.

މީގެ ކުރިންވެސް ޝަރީފް ވަނީ ފައްޔާޒް އެމްޑިޕީގެ ޗެއާޕާސަން ކަމަށް އިންތިހާބު ވެއްޖެ ނަމަ އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބުކުރަން ފަސޭހަވާނެކަމަށް ވިދާޅުވެފައެވެ. އަދި ކޮވިޑާއެކު ރާއްޖެއަށް ދިމާވި އިގްތިސާދީ އަޑިގަނޑަނުން، ރާއްޖެ އަރައިގަތުމަށްޓަކައި ފައްޔާޒް ކޮށްދެއްވި މަސައްކަތް ވަރަށް މުހިންމުކަމަށް ޝަރީފް ވަނީ ފާހަގަކުރައްވާފައެވެ.