އިންޑިއާ އައުޓް ބެނާތައް ނުނެގޭނެ ކަމަށާއި ބެނާތައް ވާނީ އިތުރު ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ
އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލައި ކުރިއަށް ގެންދާ “އިންޑިއާ އައުޓް” ކެމްޕޭންގެ ބޮޑު ބެނާއެއް، ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ގެކޮޅުގައި ހަރުކުރުމާއި ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އިންޑިއާ އައުޓް ބެނާތައް ދެމުން ނުހުއްޓުވޭނެ ކަމަށެވެ، އަދި ކުރިއަށް އޮތް ތަނުގައި ބެނާތައް ވަނީ އިތުރުކަމަށް އަބްދުއް ރަހީމް ވަނީ ވިދާޅުވެފައެވެ. އިތުރަށް އަބްދުއްރަހީމް ވިދާޅުވީ މި ކެމްޕެއިން ކުރިއަށް ދާނީ ހަމައެކަނި މާލޭގައި ނޫންކަމަށާއި ރާއްޖޭގެ ހުރިހާ ދިމާއެއްގައިވެސް މިކަން ކުރިއަށް ދާނެކަމަށެވެ. “އިންޑިއާ އައުޓް ހަރަކާތް ދާނީ އެކި ސިފަ ސިފާގައި ކުރިއަށް. ހަމައެކަނި ބެނާއެއް ނޫން. އަދި މިއަށްވުރެ މާ ބޮޑެތި ކަންތައްތައް ހިނގާނެ.” އަބްދުއް ރަހީމް ވިދާޅުވިއެވެ.
“އިންޑިއާ އައުޓް” ހަރަކާތަކީ ވަރަށް އިހުލާސްތެރި ކަމާއެކު ފަށާފައިވާ ގައުމީ މަސައްކަތެއް ކަން ފާހާގަކޮށް އަބްދުއް ރަހީމް ވަނީ އަމިއްލަގެކޮޅުގައި “އިންޑިއާ އައުޓް” ބެނާ ހަރުކުރައްވައި ރައީސް ޔާމީން ނަމޫނާ ދައްކަވާފައިވާކަމަށް ވިދާޅުވެފައެވެ. އިތުރަށް އަބްދުއް ރަހީމް ވިދާޅުވީ މިކަމުން އެގިގެންދަނީ ރައީސް ޔާމީންގެ ވަތަނީ ވިސްނުމާއި ގައުމަށް އޮތް ލޯބިކަމަށެވެ.