English Edition
Dhivehi Edition

ފުވައްމުލަކު ސިޓީގައި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ގޮތްޕެއް ހުޅުވައިފިއެވެ.

ކުރީގެ އިޖުތިމާއީ މަރުކަޒު ހުރި އިމާރާތުގައި ހުޅުވި މި އޮފީސް ރަސްމީކޮށް ހުޅުއްވައި ދެއްވީ ޕްރޮސެކިއުޓަރ ޖެނެރަލް ހުސެން ޝަމީމް އާއި ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއީލް ރަފީޤުއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޕްރޮސެކިއުޓަރ ޖެނެރަލް ހުސެން ޝަމީމް ވިދާޅުވީ ފުވައްމުލަކު ސިޓީގައި ޕީޖީ އޮފީހުގެ ގޮއްޕެއް ޤާއިމްކުރީ ފުލުހުންނާއި ކޯޓްތަކުން ކުރަމުންގެންދާ މަސައްކަތަށް ލުޔެއް ހޯދައިދިނުމަށްކަމަށެވެ. މީގެއިތުރުން ރައްޔިތުންނާއި ވީހާވެސް ގާތުން ޚިދުމަތް ފޯރުކޮށްދިނުމަކީވެސް މީގެ ބޭނުމެއްކަމަށް ޝަމީމް ވިދާޅުވިއެވެ. ފުވައްމުލަކު ސިޓީގެ އޮފީހުން ޚިދުމަތްދޭން ފެށުމުން ފުލުހުންނާއި ޕީޖީން ކުރަމުން އަންނަ މަސައްކަތަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށް ޕީޖީ ވިދާޅުވިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ގެ ފަރާތުން ފުވައްމުލައް ސިޓިގައިވެސް ދައުލަތުގެ ޕްރޮސެކިއުޓަރުން ތިބެއެވެ. އެގޮތުން ދައުލަތުގެ ފަރާތުން ކޯޓުތަކުގައި ދައުވާ ކުރާފަރާތަކީ ޕްރޮސެކިއުޓަރުންނެވެ.

ޕީޖީ އޮފީހުން މިދިޔަ މަހު އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ޕީޖީ އޮފީހުންވަނީ 5 މައްސަލައެއް ހުށަހަޅާފައެވެ. މިދިޔަ މަހު އެކޯޓުންވަނީ 23 މައްސަލައެއްގެ ޝަރީއަތް ހިންގާފައެވެ. އޭގެ ތެރެއިން 3 މައްސަލައެއް އެކޯޓުން ވަނީ ނިންމާފައެވެ.

އަތޮޅު ތެރޭގައި ކުރާ ކުށްތަކުގެ މައްސަލަތައް އެސަރަހައްދަކުން ބެލޭނެ އިންތިޒާމުތައް ހަމަޖައްސައި މައްސަލަތައް ވީހާވެސް އަވަހަށް ނިންމުމަކީ ޕީޖީ އޮފީހުން ވަރަށް ބޮޑަށް އިސްކަންދެއްވައިގެން ކުރާ މަސައްކަތެކެވެ.