ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުގައި ހުޅުޖަހަން ގޮވާލި މައްސަލައިގައި އިދިކޮޅު ޕީޕީއެމްގެ އެކްޓިވިސްޓް އައްބާސް އާދިލް ރިޒާގެ މައްޗަށް ދައުވާކޮށްފިއެވެ.
ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އޭނާގެ މައްޗަށް އުފުލާފައިވަނީ، އިންޑިއާ އެމްބަސީގައި ރޯކޮށްލަން ގޮވާލައި ޓްވީޓުކުރި މައްސަލައާއި އަދި ކްލަބް ހައުސްގައި ދެއްކި ވާހަކައެއްގައި ތަންތަނުގައި ހުޅުޖަހަން ގޮވި މައްސަލައިގައި، ފަނާކޮށްފާނެ ކަމުގެ ބިރު ދެއްކުމުގެ ދައުވާއެވެ.
މިކަމާގުޅިގެން ޕީޖީން މީޑިއާތަކަށް އާންމުކުރި މެސެޖުގައި ވަނީ، އެ ކުށް ސާބިތުވެއްޖެނަމަ އާދިލް ރިޒާގެ މައްޗަށް އަންނާނެ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުން ކަމަށެވެ.
ފުލުހުން އައްބާސްގެ މައްސަލަ ބަލަން ފެށީ ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވުމަށް ފަހު 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އަށްވަނަ ދުވަހު ހިންގި ހަމަނުޖެހުމުގައި އައްޑޫގައި ހުޅުޖެހީ އިންޑިއާގެ އޯޑަރަށް ކަމަށް ވިދާޅުވެ އެކަމުގެ ބަދަލު ހިފުމަށް ގޮވާލައި އޭނާ ޓްވީޓު ކުރެއްވުމުންނެވެ.
އެ ޓްވީޓުގައި އޭނާ ވިދާޅުވީ އެކަމުގެ ބަދަލު އަދި އޮތީ ނުހިފި ކަމަށާއި، ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުގައި ހުޅުޖަހައި އެކަމުގެ ބަދަލު ހިފަން ފަށަން ޖެހޭ ކަމަށެވެ.
ޕީޖީ އޮފީހުން އިތުރަށް ބުނި ގޮތުގައި، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލި މަނީލޯންޑަރިންގެ ދައުވާގެ ޝަރީއަތް ކުރިއަށް ދިޔަ ގޮތާމެދު ހިތްހަމަ ނުޖެހުން ފާޅުކޮށް، މާލޭގެ އެކި ތަންތަނުގައި ހުޅުޖަހައި ހަމަނުޖެހުން ހިންގުމަށް ސޯޝަލް މީޑިއާ ޕްލެޓްފޯމް “ކްލަބް ހައުސް” ގައި އައްބާސް ވާހަކަ ދައްކާފައިވެއެވެ.