“ވައި-18 ސްޕޯޓްސް ފިއެސްޓާ” ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު ފެށުމަށް ފަސްކޮށްފައިވާކަމަށް ފިއެސްޓާ އިންތިޒާމް ކުރާ ކޮމެޓީގެ ޗެއާމަން ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރޭ ޓީވީއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ ފިއެސްޓާ ފަސްކުރީ ނޮވެމްބަރު މަހު އަތޮޅު ތެރޭގައި ކްލަބް ޖަމްއިއްޔާތަކާއި، ކައުންސިލްތަކުން އަދި އަމިއްލަ ބައެއް ފަރާތްތަކުން ރާވާ ހިންގާ ގިނަ ކުޅިވަރުގެ މުބާރާތްތަކެއް ތާވަލްކޮށްފައި ހުރުމުން، ފިއެސްޓާ ފަސްކޮށްދިނުމަށް ގިނަ ރަށްތަކަކުން އެދެމުންދާތީކަމަށެވެ.
ސްޕޯޓްސް ފިއެސްޓާގައި ހިމެނެނީ އަންހެނުންނަށް ހާއްސަ ވޮލީ މުބާރާތަކާއި ފިރިހެނުންނަށް ހާއްސަ ފުޓްސަލް މުބާރާތެކެވެ. މިމުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ 20 އަތޮޅުގެ ހަޒޯނަކަށް ބަހާލައިގެން ތިން ބުރެއްގެ މައްޗަށެވެ. އެއީ އަތޮޅު މުބާރާތާއި ޒޯން މުބާރާތާއި ޗެމްޕިއަނުންގެ މުބާރާތެވެ.
މިހާތަނަށް ވައި-18 ސްޕޯޓްސް ފިއެސްޓާ ގައި 250 ޓީމުން ބައިވެރިވެފައިވާއިރު، ފުޓްސަލް މުބާރާތުގައި 150 ރަށުން ވަނީ ބައިވެރިވެފައެވެ. އަދި100 ރަށުން ވޮލީ މުބާރާތުގައި ބައިވެރިވެފައިވާ ކަމަށް ސްޕޯޓްސް ފިއެސްޓާ ކޮމެޓީއިންވަނީ ބުނެފައެވެ
“ވައި-18 ސްޕޯޓްސް ފިއެސްޓާ” ބޭއްވުމުގެ އެންމެ ބޮޑު މަގުސަދަކީ ޕީޕީއެމްގެ ކުޅިވަރު މެނިފެސްޓޯގައިވާ ކަންތައްތައް ހާސިލް ކުރެވިފައިވާ މިންވަރު ރައްޔިތުންނަށް ހާމަކޮށްދިނުމައި އެކު ޒުވާނުންނަށް ކުޅިވަރު މައިދާނުގައި ކުރިއަށް ދިއުމަށް މަގުފަހި ކޮށްދިނުމެވެ.