English Edition
Dhivehi Edition
ފޮޓޯ: ރައްޔިތުންގެ މަޖިލީސް

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއެއްގެ ދަށުން ނުވަތަ ގާނޫނީ އެހެންވެސް ގޮތަކުން ބޯހިޔާވަހިކަން ލިބޭ ރަށަކުން، އިތުރު މުއްދަތަކަށް އިންތިޒާރުކުރުމެއް ނެތް ގޮތަށް ވަގުތުން ރަށްވެހިކަން ބަދަލުކުރެވޭ ގޮތަށް “ރާއްޖޭގެ ރަށެއްގެ ރަށްވެއްސަކަށްވުމާ ބެހޭ ގާނޫނު” އަށް އިދިކޮޅު އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް އިސްލާހެއް ހުށަހަޅައިފިއެވެ.

މި އިސްލާހު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.

ޖުމްލަ 7 މާއްދާގެ މައްޗަށް އެކުލެވޭ މިހާރުގެ ގާނޫނު އޮންނަ ގޮތުން ނަމަ، މީހަކަށް އެހެން ރަށެއްގެ ރަށްވެހިކަން ލިބެނީ އެ ރަށެއްގައި މެދުނުކެނޑި މަދުވެގެން 5 އަހަރު ދިރިއުޅެފައިވާ ނަމައެވެ. ފަސް އަހަރު ހަމަނުވާ ނަމަ، ރަޖިސްޓްރީ ކުރެވެނީ ހަމައެކަނި އެމީހެއްގެ މަންމަ ނުވަތަ ބައްޕަ ރަޖިސްޓްރީވެފައިވާ ރަށަކަށެވެ.

މެންބަރު މުހައްމަދު އިބްރާހިމް ހުށަހެޅުއްވީ ގާނޫނުގެ 5 ވަނަ މާއްދާގެ ފަހަތަށް އައު މާއްދާއެއް އިތުރުކުރުމަށެވެ. އެގޮތުން ވާރުތައިން، ބިން ބެހުމުން، ގަތުމުން، ހިބައިން، ކޯޓު ހުކުމަކުން ނުވަތަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއެއްގެ ދަށުން އެހެން ރަށަކުން ބޯހިޔާވަހިކަމެއް (ބިމެއް، ގެއެއް، ނުވަތަ ފްލެޓެއް) ލިބިއްޖެ ނަމަ އެ ރަށެއްގެ ރަށްވެހިކަމަށް އެދުމުގެ ފުރުސަތު ލިބޭނެއެވެ. އަދި އެ ތަނަކީ ދިރިއުޅުމަށް އެކަށީގެންވާ ތަނެއްކަން ކަމާބެހޭ އިދާރާއަކުން ކަށަވަރުކުރުމަށްފަހު، އެ މީހަކު އެ ރަށެއްގެ ރަށްވެއްސެއްގެ ގޮތުގައި ރަޖިސްޓްރީކޮށްދޭންވާނެއެވެ.

މީގެ އިތުރުން މި އިސްލާހުގައިވާ ގޮތުން އެއްވެސް މީހަކަށް އެއްފަހަރާ ދެ ރަށެއްގެ ރަށްވެއްސަކަށް ނުވެވޭނެއެވެ. އައު ރަށަށް ރަޖިސްޓްރީ ބަދަލުވުމާއެކު، ކުރީގެ ރަށުގެ ރަޖިސްޓްރީން އެމީހަކު އުނިކުރެވޭނެއެވެ.

މި އިސްލާހު ފާސްވެ ތަސްދީގުވާތާ 3 މަސްދުވަހުގެ ތެރޭގައި، ރަޖިސްޓްރީ ބަދަލުކުރުމަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއި މަސްއޫލުވާ އިދާރާތައް ބަޔާންކުރާ ގަވާއިދުތައް ހަދައި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރަންޖެހެއެވެ.