ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގައި މަސައްކަތްކުރާ 200 އެއްހާ މުވައްޒަފުންނަށް އޮޅިގެން އިތުރަށް ބޯނަސް ފައިސާ ދޫކުރެވިފައިވާތީ، އެ ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް އެ ކުންފުނިން ފަށައިފިއެވެ.
އެޗްޑީސީން ބުނީ، މިއީ 2024 ވަނަ އަހަރުގެ އަހަރީ ބޯނަހުގެ ގޮތުގައި މިދިޔަ ޑިސެމްބަރު މަހު ދޫކުރި ފައިސާކަމަށެވެ. މުވައްޒަފުންގެ މަސައްކަތުގެ މުއްދަތަށް ބަލައި ބޯޑުން ފާސްކޮށް، ފިނޭންސް މިނިސްޓްރީގެ ހުއްދައާއެކު ދޫކުރި މި ބޯނަހުގައި މައްސަލައެއް އުޅޭކަން ފާހަގަވީ މެނުއަލްކޮށް ކުރި މަސައްކަތްތައް އަލުން މުރާޖައާ ކުރުމުގެ ތެރޭގައެވެ.
މި މައްސަލަ ސަމާލުކަމަށް އައީ 2,000 އަށްވުރެ ގިނަ މުވައްޒަފުންގެ މައުލޫމާތު މެނުއަލްކޮށް ސިސްޓަމަށް އަޅަމުން ދަނިކޮށް، ބައެއް މުވައްޒަފުންނަށް ނުބައި އަދަދުތަކުން ފައިސާ ޖެހިފައިވާ ކަން އެނގިގެންނެވެ. އެގޮތުން 9,000ރ. ގެ ބޯނަހެއްލިބެންޖެހޭ ބައެއް މުވައްޒަފުންނަށް 18,600ރ. (ފުލް ބޯނަސް) ދެވިފައިވާ ކަމަށާއި، މިގޮތަށް ގާތްގަނޑަކަށް 200 އެއްހާ މުވައްޒަފުންނަށް އިތުރަށް ދެވުނު ފައިސާގެ ޖުމްލަ އަދަދު މިލިއަނަކަށް ވުރެ ގިނަ ވާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ،
މި ފައިސާ އަނބުރާ ހޯދުމުގައި މުވައްޒަފުންނަށް ލުއި ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމަށް އެޗްޑީސީން މިހާރު ވަނީ އީމެއިލް މެދުވެރިކޮށް މުވައްޒަފުންނަށް އަންގާފައެވެ. އެގޮތުން ފައިސާ އެއްފަހަރާ ދެއްކުމަށް ދަތިވާ މުވައްޒަފުންނަށް 6 މަސް ދުވަސް ނުވަތަ އެއް އަހަރު ދުވަހުގެ މުއްދަތަށް ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު ނުވަތަ ކުރިއަށް އޮތް ބޯނަހުން އުނިކުރާ ގޮތަށް ހެދުމުގެ އިހްތިޔާރު ވެސް ވަނީ ދީފައެވެ.