ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު، ވައްކަން ކުރިއޭ ބުނީމަ އެއްވެސް ދިވެއްސަކު ގަބޫލެއް ނުކުރާނެ ކަމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ރައީސް ސާލިހުގެ ޓީމުން ބޮޑު ތިލަދުންމައްޗަށް ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅުގެ ދިއްދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ރޮޒައިނާ ވިދާޅުވީ ވައްކަން ކުރީ ކާކުކަން މުޅި ދިވެހިރާއްޖެއަށް ވެސް އެނގެން އެބައޮތް ކަމަށާއި ރައީސް ސާލިހް ވައްކަން ކުރެއްވިއްޔޭ ބުނުމުން ދިވެހި އެއްވެސް ރައްޔިތަކު އެކަން ގަބޫލު ނުކުރައްވާނެ ކަމަށެވެ.
ރައީސް ނަޝީދަށް ވަރަށްބޮޑަށް ފާޑު ވިދާޅުވަމުން ރޮޒައިނާ ވަނީ އަމިއްލަ ޕާޓީގެ ރައީސް އަބަދު ދެކޮޅަށް ހުންނަވައި، ފިތުނަ އުފައްދަވަން ފާޑު ފާޑުގެ ކަންކަން ކުރެއްވި އިރުވެސް ރައީސް ސާލިހް ހުންނެވީ ޗުއްޕު ވެސް ވިދާޅުނުވެކަމަށް ވިދާޅުވެފައެވެ.
އެހެންކަމުން އެއިންވެސް އެނގިގެން ދަނީ ރައީސްއަކީ ކެތްތެރި ބޭފުޅެއްކަން ކަމަށާއި ރައީސްގެ ކެމްޕެއިން ދަތުރުފުޅުގައި 10 ވަނަ ރަށަށް ދެވުނުއިރު، ކޮންމެ ރަށަކުން ވެސް އިވެނީ 2018 ވަނަ އަހަރު ރައީސް ވި ވައުދުތައް ފުއްދެވި ވާހަކަތައް ކަމަށް ވެސް ރޮޒެއިނާ ވިދާޅުވިއެވެ.
މީގެ އިތުރުން ރަށް ރަށުގަ މެޖޯރިޓީ އޮތީ ކޮން ޕާޓީއަކަށްތޯ އާއި ކައުންސިލްގެ ރައީސް ހުރީ ކޮން ޕާޓީއެއްގަތޯ ނުބައްލަވައި ކޮންމެ ރަށަކަށް ތަރައްޤީ ގެނައުމަށް ރައީސް ސާލިހު މަސައްކަތް ކުރެއްވި ކަމަށާއި މިއަދު ރާއްޖޭގެ ކޮންމެ ރަށަކަށް ދިޔަސް އެ މަންޒަރު ފެންނަމުންދާ ކަމަށް ވެސް ރޮޒައިނާ ވިދާޅުވިއެވެ.
ރޮޒައިނާ ވިދާޅުވީ 2018 ވަނަ އަހަރެކޭވެސް އެފަދައިން މިއަހަރުގެ ރިޔާސީ އިންތިހާބު ވެސް ރައީސް ސާލިހް ކާމިޔާބު ކުރައްވާނެ ކަމަށެވެ.