English Edition
Dhivehi Edition

ނަފްރަތު އުފައްދަވައިގެން ކެމްޕޭން ނުކުރައްވަން ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް، އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގައި ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި)އަށް އިލްތިމާސް ކުރައްވައިފިއެވެ.

ރޮޒައިނާ މިހެން ވިދާޅުވެފައިވަނީ، އެމްޑީޕީން ރައީސް މުހައްމަދު ނަޝީދު ބޭރުކޮށްލަން ބަޔަކު މަސައްކަތް ކުރަމުން ގެންދާ ކަމަށާއި އެ ފުރުސަތު ނުދެވޭނެކަމަށް ވިދާޅުވެ އިންތި ދެއްކި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.

އިންތި ދެއްކި ވާހަކަތަކުގެ ވީޑިއޯ އެއް ޓުވިޓްކުރައްވަމުން ރޮޒައިނާ ވަނީ އިންތިގެ ކެމްޕޭނަކީ އިދިކޮޅު ޕާޓީގެ ބަޔަކާއި ދެކޮޅަށް ކުރާ މުޒާހަރާއެއްތޯ ސުވާލުކުރައްވާފައެވެ. އަދި ނަފްރަތު އުފައްދައިގެން އެމްޑީޕީއަށް ލިބެން އޮތް ފައިދާއަކީ ކޮބައިތޯ ރޮޒައިނާ ވަނީ ސުވާލުކުރައްވާފައެވެ.

“މިއީ އެތެރޭގެ އިންތިހާބެއް. ދޮގު ހަދާ ފިތުނަ އުފައްދަން މަސައްކަތްކުރުމަކީ ޕާޓީއަށް އެންމެ ފައިދާހުރި ގޮތްބާ؟ތި ގޮތަށް ޕާޓީތެރޭ ނަފްރަތު އުފައްދަން ނޫޅުއްވާ ރީތި ކެމްޕެއިނެއް ކުރަން އިންތިއަށް އިލތިމާސްކުރަން” ރޮޒައިނާ ވިދާޅުވިއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބު ފޯރިގަދަވެ ރައީސް ނަޝީދު އާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ފެކްޝަންގެ މެމްބަރުންގެ މެދުގައި ބަހުގެ ހޫނު ހަމަލާތައް އަންނަނީ ބަދަލުކުރަމުންނެވެ.