English Edition
Dhivehi Edition
ފުލުހުންގެ ފްރަންޓްލައިން އޮފިސަރެއް މާލޭގެ މަގެއް ޕެޓްރޯލް ކުރަނީ - ފައިލްފޮޓޯ: ޕޮލިސް

ބޮޑު އަގުގައި ދަތުރުކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށް ބުނެ ޓްރާންސްޕޯޓް މިނިސްޓްރީން އިންޒާރުދީފައި ވަނިކޮށް، ޓެކްސީ ޑްރައިވަރުން އަގު ބޮޑުކޮށް ދަތުރުކުރަން ފަށައިފިއެވެ.

ޓެކްސީ ޑްރައިވަރުން އަގުބޮޑުކޮށް ދަތުރުތައް ފަށާފައިވަނީ، ޓެކްސީގެ ދަތުރުތަކުގެ އަގު ބޮޑުކުރަން ޓެކްސީ ޑްރައިވަރުން އެދުނު އެދުމަށް ސަރުކާރުން ޖަވާބެއް ނުދިނުމާއި ގުޅިގެންނެވެ. ޓެކްސީ ޑްރައިވަރުން ވަނީ މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރަށް ޖަވާބެއް ދޭން ފުރުސަތު ދީފައެވެ. އެހެންނަމަވެސް ސަރުކާރުން އެކަމަށް އިޖާބަ ދީފައިނުވާތީ ދެ ދުވަސްވަންދެން ދަތުރުތައް ހުއްޓާލުމަށްފަހު ޑްރައިވަރުންވަނީ މުޒާހަރާކޮށްފައެވެ. އަދި ދަތުރުތަކުގެ އަގު ބޮޑުކުރަން ސެންޓަރުތަކުން އިއްތިފާގުވީ އަގުގައި ދަތުރު ކުރަން މިއަދުވަނީ ނިންމާފައެވެ.

ބޮޑުކުރި އަގުތައް ޓެކްސީތަކުގައި ޕަސިންޖަރުންނަށް ފެންނަ ގޮތަށް ބަހައްޓަން ހުރިހާ ޑްރައިވަރުންނަށް އިރުޝާދު ދީފައިވާއިރު ޓެކްސީގައި ދަތުރުކުރާ ކޮންމެ މީހަކީ އެ އަގަށް އެއްބަސްވެގެން ދަތުރުކުރާ މީހަކަށް ވާތީ އެކަމާ ސަރުކާރަށް ނުބެހެވޭނެ ކަމަށް ޑްރައިވަރުން ވަނީ ބުނެފައެވެ.

މިއަދުން ފެށިގެން ޓެކްސީ ދަތުރުތައް ކުރުމަށް ހަމަޖެހިފައިވާ އަގުތަކަކީ

  • މާލޭ ސިޓީގެ އެތެރޭގެ ދަތުރުތައް – 30 ރުފިޔާ
  • ހުޅުމާލެ ފޭސް ދޭއްގެ އެތެރޭ ދަތުރުތައް – 25 ރުފިޔާ
  • ހުޅުމާލެ ފޭސް އެކެއްގެ އެތެރޭގެ ދަތުރުތައް – 25 ރުފިޔާ
  • ހުޅުމާލެ ފޭސް އެކަކުން ހުޅުމާލެ ފޭސް ދޭކަށް – 40 ރުފިޔާ
  • ހުޅުމާލެ ފޭސް ދޭކުން މާލެއަށް އަދި މާލެ އިން ހުޅުމާލެ ފޭސް ދޭކަށް – 120 ރުފިޔާ
  • މާލެއިން ހުޅުމާލެއަށް އަދި ހުޅުމާލެއިން މާލެއަށް – 100 ރުފިޔާ
  • އެއާޕޯޓުން މާލެއަށް އަދި މާލެއިން އެއާޕޯޓަށް – 80 ރުފިޔާ
  • އެއާޕޯޓުން ހުޅުމާލެއަށް އަދި ހުޅުމާލެއިން އެއާޕޯޓަށް – 80 ރުފިޔާ
  • ހުޅުމާލެއިން ހުޅުލޭ އެއާޕޯޓްގެ ސީޕްލޭން ޓާމިނަލަށް – 100 ރުފިޔާ
  • މާލެއިން ހުޅުލޭ އެއާޕޯޓްގެ ސީޕްލޭން ޓާމިނަލަށް – 100 ރުފިޔާ
  • ހުޅުމާލެ ފޭސް ދޭކުން ހުޅުލެ ސީޕްލޭން ޓާމިނަލަށް – 120 ރުފިޔާ

ޓެކްސީ ޑްރައިވަރުންގެ މި ނިންމުމާއި ގުޅިގެން މިހާތަނަށް ކަމާއި ގުޅޭ އެއްވެސް އިދާރާއަކުން، އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.