ރާއްޖޭގައި ތެލުގެ އަގަށް އައި ބަދަލާއެކު ދިރިއުޅުމުގެ ހަރަދުތައް ބޮޑުވަމުންދާތީ، ޓެކްސީ ދަތުރުތަކުގެ އަގުތައް ބަދަލުކުރުމަށް ޑްރައިވާސް އެސޯސިއޭޝަނުން ގޮވާލައިފިއެވެ. އެ އެސޯސިއޭޝަނުން މިކަމަށް ގޮވާލީ، ޑްރައިވަރުންނަށް މިހާރު ދިމާވެފައިވާ އިގުތިސާދީ ދަތިތަކަށް ހައްލެއް ހޯދުމުގެ ބޭނުމުގައެވެ.
އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ، ސަރުކާރުން ޓެކްސީ ދަތުރުތަކުގެ އަގު ވަކި މިންގަނޑެއްގައި ހިފަހައްޓާފައި އޮތުމަކީ ޑްރައިވަރުންނަށް އުފުލަންޖެހިފައިވާ ވަރަށް ބޮޑު ތަކުލީފެއް ކަމަށެވެ. އަދި ހުރިހާ މާލީ ބުރައެއް ހަމައެކަނި ޑްރައިވަރުން އުފުލަންޖެހުމަކީ އިންސާފެއް ނޫން ކަމަށްވެސް އެ އެސޯސިއޭޝަނުން ބުންޏެވެ.
މީގެ އިތުރުން، ޓެކްސީ ހިދުމަތް ދޭ ފަރާތްތަކަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް މާޒީގައި އަޅާފައި ނުވާކަން އެ ޖަމިއްޔާއިން ފާހަގަކުރިއެވެ. އެހެންކަމުން، ދަތުރުތަކުގެ އަގު މުރާޖާކުރުމަށް ކަމާބެހޭ ފަރާތްތަކާއެކު، ހާއްސަކޮށް ޓްރާންސް ޕޯޓު މިނިސްޓްރީއާއެކު މަޝްވަރާކުރުމަށް އެދިފައިވާނެ ކަމަށް ޑްރައިވާސް އެސޯސިއޭޝަނުން ބުންޏެވެ.
ޑްރައިވަރުން އަގު ބޮޑުކުރަން ޑިމާންޑުކުރަމުންދާއިރު، ސަރުކާރުން އަންނަނީ ޓެކްސީގެ ހިދުމަތް ހަރުދަނާކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، މި ފިތުރު އީދާ ދިމާކޮށް ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ފެށުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.
ޓެކްސީ ހިދުމަތުގައި ގިނަ ޝަކުވާތަކެއް ހުރިކަން ސަރުކާރަށްވެސް ފާހަގަކުރެވެއެވެ. ދަތުރު ނުނެގުމާއި، ކޮންޓްރޯލެއް ނެތި ހިދުމަތް ދިނުން ފަދަ މައްސަލަތައް ހައްލުކޮށް، ރައްޔިތުންނަށް ފަސޭހަ އަދި އިތުބާރު ހުރި ހިދުމަތެއް ފޯރުކޮށްދިނުމަކީ ސަރުކާރުގެ އާ ޓެކްސީ ލައިންގެ މައިގަނޑު މަގުސަދެވެ.