English Edition
Dhivehi Edition

އިރާނުގެ ނިއުކްލިއަރ އެއްބަސްވުމާ ދެކޮޅަށް އެމެރިކާއިން އަޅައިފާނެ ކޮންމެ ފިޔަވަޅަކީ އދ. އަށް ކުރެވޭ މަލާމާތެއް ކަމަށް އިރާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ވިދާޅުވެއްޖެއެވެ.

އެގައުމުގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް އަލީ ލަރުޖާނީ ރަޝިއާއަށް ކުރައްވަމުން ގެނދަވާ ދަތުރުފުޅެއްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވަނީ އެ އެއްބަސްވުމަކީ އދ އިން ތާއީދު ކޮށްފައިވާ އެއްބަސް ވުމެއް ކަމަށެވެ. އެހެން ކަމުން އެއެއްބަސް ވުމާ ޚިލާފަށް އެއްވެސް ކަހަލަ ފިޔަވަޅެއް އެޅުމަކީ އެމެރިކާއިން އދ އަށް މަލާމާތްކުރުން ކަމުގައެވެ.

އެނާ އިތުރަށް ވިދާޅުވި ގޮތުގައި އެމެރިކާއިން އެފަދަ ފިޔަވަޅެއް އަޅައިފިނަމަ އިރާނުން އަމިއްލަ ފިޔަވަޅުތަކެއް އަޅާނެ ކަމަށެވެ. އެނާ ވަނީ އެ އެއްބަސްވުމާ ބެހޭގޮތުން އެމެރިކާއަޅާ ފިޔަވަޅެއްގެ ސަބަބުން ގައުމުތަކުގެ ގުޅުމަށް ނޭދެވޭ އަސަރު ކޮށްފާނެ ކަމުގެ އިންޒާރު ދެއްވައިފިއެވެ.

އިރާނާއި ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ގޮތުގައި ހިމެނޭ ގައުމުތަކާއެކު 2015 ވަނަ އަހަރު ވެފައިވާ އެ އެއްބަސްވުމުގެ ސަބަބުން އިރާނުގެ އިޤްތިސާދަށް ވަނީ ރަނގަޅު ބަދަލެއް އައިސްފައެވެ. މި އެއްބަސްވުމުގެ ކުރިން އދ. ގެ ސަލާމާތީ މަޖިލީހުން ވަނީ އިރާނާ ދެކޮޅަށް އިގްތިސާދީގޮތުން ދަތިކުރުމަށް ގިނަފިޔަވަޅުތަކެއް އަޅައިފައެވެ.

އިރާނާމެދު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވާ ސިޔާސަތުތައް އިއުލާން ކުރަން މިހާރުވަނީ މަދު ގަޑިއިރު ތަކަށްވެފައެވެ. އިރާނުން ގެންދަނީ ޓްރަމްޕް އަޅުއްވައިފާނެ ފިޔަވަޅަކަށް ބަލައި ތައްޔާރުވަމުންނެވެ.