ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރުމަކީ ދުވަހަކު ވެސް އާމިނަތު ނުސްޙާ ޙަސަން (ނުޝް) އުއްމީދު ކުރި ކަމެއް ނޫނެވެ. ކުޑައިރުއްސުރެން ނުޝް ބޭނުންވީ ބޮޑުވެގެން ޕައިލެޓަކަށް ވުމަށެވެ. ޖައްވުގެ ތެރޭގައި އުދުހި އެއްތަނުން އަނެއްތަނަށް ދަތުރުކުރުމަކީ ނުޝް އެންމެ ކުރަން ބޭނުންވި ކަންތަކެވެ. ނަމަވެސް ނުޝްގެ މަންމަ އެދުނީ ނުޝް ޑޮކްޓަރަކަށް ވާށެވެ. އާއިލާއިން ބުނަމުން ދިޔައީ ސްކޫލް ނިމުމަށްފަހު ރަށުން އެވަގުތަކު ލިބެން އޮތް ވަޒީފާއެއް އަދާކުރުމަށެވެ. އެހެނަސް ނުޝް އަށް އަބަދުވެސް ގަބޫލު ކުރެވޭ ކަމަކީ ރަށުގައި މަޑުކޮށްގެން ހުންނަން އޭނާ ބޭނުންނުވާކަމެވެ. އަދި އެއްތަނެއްގައި މަޑުން ހުރެގެން ކުރާ މަސައްކަތް ނުކުރެވޭނެ ކަމެވެ. އެކަހަލަ މަސައްކަތެއް ނުވެސް ގުޅޭނެ ކަމެވެ. ނުޝް ބޭނުންވަމުން ދިޔައީ ތަފާތު މަސައްކަތެއްގެ ތެރެއިން ކުރިއަށް ދިއުމަށެވެ. އެއީ އަބަދުވެސް ދެކެމުން ދިޔަ ހުވަފެނެވެ. އަމިއްލައަށް ކުރިއަރަމުން އެހެންމީހުންވެސް ކުރިއެރުމަށް ފުރުސަތު ހޯދައިދެވޭނެ ދާއިރާއަކުން މަސައްކަތް ކުރުމަކީ ނުޝް އެންމެ ބޭނުންވި ކަންތަކެވެ.
އައްޑޫސިޓީ ހިތަދޫ އަށް އުފަން ނުސްޙާ، ޢާއިލާ އާއި ރަޙްމަތްތެރިންގެ ނަމުން ނަމަ ނުޝް އަކީ އަބަދުވެސް ރީތި ހިނިތުން ވުމަކާއި އެކު މީހުންނާއި ބައްދަލުކޮށް ވާހަކަދައްކާ ހިތްހެޔޮ މިޒާޖެއްގެ ކުއްޖެކެވެ. އެހެންމީހުންނާއި ގުޅިގެން މަސައްކަތް ކުރުމާއި އަމިއްލަ ކުރިއެރުމަށް އަބަދުވެސް މަސައްކަތް ކުރާ ހުނަރުވެރި ޒުވާނެކެވެ.

އާއިލާގައި މާ ބޮޑު ތަނަވަސްކަމެއް ނެތުމާއި އެކު ކުޑައިރުއްސުރެން ދެކެމުން އައި ޕައިލެޓަކަށް ވުމުގެ ހުވަފެން ދޫކޮށްލަން ނުޝް އަށް ޖެހުނެވެ. އަދި ސްކޫލް ނިމުމާއި އެކު، ރިސޯޓެއްގައި ވަޒީފާ އަދާކުރުމަށް ލިބުނު ފުރުސަތު ގެ ބޭނުންހިފައި ސަން ޝިޔާމް އޮޅުވެލި ރިސޯޓުގެ ފޯނު އޮޕަރޭޓަރެއްގެ މަގާމަށް ނުޝް ދިޔައެވެ. ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރުމަކީ ނުޝްގެ ޚިޔާލުގައި ވެސް އޮތްކަމެއް ނޫން ނަމަވެސް ފުރުސަތު ލިބުނު ދާއިރާގައި ކުރިއަށްދެވޭތޯ ނުޝް މަސައްކަތް ފެއްޓިއެވެ.
” އަޅުގަނޑަށް މަސައްކަތް ކުރަން ޖެހުނީ ކުޑަކުޑަ ބަންދު އޮފީހެއްގައި. އަޅުގަނޑަށް ވަރަށް އުނދަގޫކަމެއް އެއްތަނެއްގައި އެހެން މަޑުން އިނުމަކީ. އެހެންވެ ބައެއްފަހަރު އޮފީސްތެރޭގައި ހުރެފައި ބޭރަށް ނިކުމެ ފްރޮންޓް އޮފީހުގެ މަސައްކަތް ހިނގާ ގޮތްވެސް ބަލައި އެހެންމީހުންނާއި ވާހަކަ ދައްކައި އެކި ކަންކަން ދަސްކުރަން ފެށިން. އަޅުގަނޑަށް ވަރަށް ކަމުދިޔަ އެތަނުގެ ސްޓާފުން ގެސްޓުންނާއި ޑީލްކުރާ ގޮތާއި ފްރޮންޓް އޮފީހުގެ މަސައްކަތް ކުރާގޮތް” ނުޝްގެ ފުރަތަމަ ވަޒީފާގެ ތަޖުރިބާ ކިޔައިދިނެވެ.
އެހާ ހިސާބުން ނުޝް އަށް ދިމާވީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ފަށައިގަންނަ ގިނަ އަންހެން ކުދިންނަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމާއި އެވެ. ޗުއްޓީއަކަށް ރަށަށް ދިޔަކަމުގައި ވިޔަސް އެކިދިމަދިމާއިން އަންނަންފެށީ ނުސީދާ ބަސްތަކެވެ. އަންހެން ކުދިން ރިސޯޓުގައި މަސައްކަތް ކުރުމަކީ ރަނގަޅު ކަމެއް ނޫންކަމާއި ރަނގަޅު އަންހެން ކުދިން އެ ދާއިރާއަށް ނުދާނެ ކަމަށް ބުނެ ބައެއް މީހުން ދައްކަމުން ދިޔަ ވާހަކަތަކުން ނުޝްގެ ހިތްވަރު އެލޭގޮތްވިއެވެ.
“އެއީ ވަރަށް އުނދަގޫވި ދުވަސްތަކެއް. މީހުން ކޮންމެ އެއްޗެކޭ ކިޔަސް އާއިލާއިން ވަރަށް ހިތްވަރު ދިން. އެހެންވެ ހިތަށް އެރީ މީހުން ކިޔާހާ އެއްޗެއް އަޑުއެހުމުގެ ބަދަލުގައި ނުޝް ކުރިއަށް ދާން ފުރުސަތު ލިބިފައި އޮތް ދާއިރާއިން ކުރިއަށް ދާނީއޭ. އަންހެން ވިޔަސް އަދި ފިރިހެން ވިޔަސް ވަކި ދާއިރާއެއްގައި މަސައްކަތް ކުރެވިގެން ނުވާނެ ކަމަކަށް ނުޝް އަކަށް ގަބޫލެއް ނުކުރެވޭ ” ގޮންޖެހުންތަކާއި އެކު ކުރިއަށް ދިއުމަށް ނުޝް އެހާހިސާބުން އަޒުމް ކަނޑައެޅިއެވެ.
އޮޅުވެލި ރިސޯޓުގައި ގާތްގަނޑަކަށް އަހަރާއި ތިން މަސް ވަންދެން މަސައްކަތް ކުރުމަށްފަހު ދެން ނުޝް ދިޔައީ ބަރޮސް މޯލްޑިވްސް އަށެވެ. އެ ރިސޯޓުގައިވެސް ފޯނު އޮޕަރޭޓަރެއްގެ މަގާމުގައި މަސައްކަތް ކުރަމުން ދަނިކޮށް ކުއްލިއަކަށް ދިމާވި ސިއްޙީ މައްސަލައެއްގައި ވަޒީފާ މެދުކަނޑާލަން ނުޝް އަށްޖެހުނެވެ. އަދި ބޭސްފަރުވާ އަށް ފަހު ދެން ނުޝް ދިޔައީ ވެލާ ރިސޯޓަށެވެ.
“ވެލާގައި އަޅުގަނޑު ވަޒީފާ އަދާކުރީ ކިޑްސް ކްލަބުގައި. އެއީ ކެރިއަރުގައި ގިނަ ތަޖުރިބާތަކެއް ކުރެވުނު މަސައްކަތްތަކެއް ކުރަން ޖެހުނު ދުވަސްތަކެއް. ކިޑްސްކުލަބުގައި ކުޑަކުދިންނާއި އެކު އުޅެ އެކުދިން ގެންގުޅެން ޖެހުމުން ވަރަށް ގިނަ އާ ކަންތައްތައް ދަސްވެގެން ދިޔަ. ކެތްތެރިވުމަށާއި ރުޅިމަޑުކުރުމާއި މިފަދަ އެތައް ކަމެއް. ” ފޯނު އޮޕަރޭޓަރެއްގެ މަގާމުން ދާއިރާ ބަދަލުވަމުން ދިޔަ ގޮތް ނުޝް ކިޔައިދިނެވެ.
އޭގެ ފަހުގައި ދެން ފުރުސަތު ލިބުނީ ހަމަ އެރިސޯޓުގައި ހައުސްކީޕިންގ ކޯޑިނޭޓަރ އެއްގެ މަގާމަށް ބަދަލުވުމަށް ކަމަށް ނުޝް ބުންޏެވެ. ލިބުނު ފުރުސަތުގައި އިތުރު ހިތްވަރަކާއި އެކު ކުރިއެރުމަށް މަސައްކަތް ކުރަމުންދާތާ އަހަރެއް ވީ ތަނާ ކޮވިޑް ގެ ބަލިމަޑުކަމާއި ދިމާވިއެވެ. އެ ދުވަސްކޮޅު ރާއްޖޭގެ ހުރިހާ ރިސޯޓު ތަކެއް ބަންދުކުރި އިރު ނުޝްވެސް އެނބުރި އަލުން ރަށަށް ދިޔައެވެ. ރަށުގައި މަޑުކޮށްގެން ހުރި ދުވަސްތަކުގައި ވެސް އާއިލާއިން ނުޝްއަށް ރަށުން ވަޒީފާއެއް ހޯދައި ދިނުމަށް މަސައްކަތް ކުރިއެވެ. އެހެނަސް ނުޝް ބޭނުންވީ ކަންކަން ހަމައަކަށް އެޅި ރިސޯޓުތައް ހުޅުވުމުން އަލުން ރިސޯޓު ވަޒީފާއަށް ދިއުމަށެވެ.
” އެދުވަސްވަރު ރައްޓެހި ކުއްޖަކު ގުޅާފައި ބުނީ ކޯރާކޯރާ މޯލްޑިވްސް ގައި ވަޒީފާއޮތްވާހަކަ އަދި އެތަނަށް އަންނަން. އަޅުގަނޑު ވަގުތުން ދިޔައީ. އެތަނުގައި އަޅުގަނޑު މަސައްކަތް ފެށީ ހައުސްކީޕިންގ ކޯޑިނޭޓަރ އެއްގެ މަގާމުގައި”

ކޯރާކޯރާގައި ހައުސްކީޕިންގ ކޯޑިނޭޓަރެއްގެ ގޮތުގައި މަސައްކަތް ކުރާތާ އަހަރެއް ވީ ފަހުން އަނެއްކާވެސް އިތުރު ފުރުސަތެއް ނުޝްއަށް ލިބިގެން ދިޔައެވެ. އެއީ ލާރނިންގ އެންޑް ޑިވެލޮޕްމަންޓް ދާއިރާގައި މަސައްކަތް ކުރުމަށެވެ.
” އެ ރިސޯޓުގެ ލާރނިންގ އެންޑް ޑިވެލޮޕްމަންޓް މެނޭޖަރު ވަކިވެގެން ދިއުމުން ރިސޯޓުން އަޅުގަނޑަށް ފުރުސަތު ދޭން ބޭނުންވީ އެ މަގާމުގައި މަސައްކަތް ކުރުމަށް. އަޅުގަނޑު އެ ޗެލެންޖާއި ކުރިމަތިލީ. މިހާރުވެސް ހަނދާންވޭ އަލަށް ވަޒީފާއަށް ވަން 20 މުވައްޒަފުންގެ ކުރިމަތީގައި ހުރެގެން ސެޝަން ނެގި ހަނދާން. ހާސްވެފައި ހުރި ވަރުން އަޅުގަނޑު އެމީހުން ކައިރީގައި ބުނިން ކެތްތެރިވާށޭ އަޅުގަނޑު އަދި ހަމަ ވަރަށް އާވާނޭ.”
މީހުން ބިނާކޮށް ކިޔަވައިދިނުމުގެ ދާއިރާއަށް ނުޝް އަށް ދެވުނީ އެހިސާބުންނެވެ. އެ ދާއިރާވެގެން ދިޔައީ ނުޝް ވަރަށް ކުރާހިތްވި ކަމަކަށެވެ. އެންމެންގެ ފުރިހަމަ ސަޕޯޓާއި އަދި ނުޝްގެ ހިތްވަރާއި މަސައްކަތުން ކުޑަދުވަސްކޮޅެއްގެ ތެރޭގައި އެ ދާއިރާގައި ކުރިއަށް ދިއުމުގައި ނުޝް ކާމިޔާބު ކުރިއެވެ.
” ވަޒީފާ އަދާކުރަމުން އަދި އަމިއްލަ އަށް ކިޔަވަމުން ދިޔައީ. އޮންލައިން ކޯޗިންގ ވެސް ހެދިން. އަދި ރިސޯޓަށް އަހަރަކު އެއްފަހަރު އަންނަ އެކްސްޓާރނަލް ޓްރެއިނާރ ގާތުން ވެސް ވަރަށް ގިނަ ކަންތައްތައް ދަސްކުރިން. ކުރިއަށް ދިއުމަށް ވަރަށް ގިނަ މަސައްކަތް އަމިއްލައަށް ކުރަމުން އޭރު ދިޔައީ. އެގޮތުން ވަރަށް ގިނައިން އިމޯޝަނަލް އިންޓެލިޖެންސް އާއި ބެހޭ ފޮތް ކިޔައި މައުލޫމާތު އެއްކުރިން. ޕޮޑްކާސްޓްތައް ބަލައި ހެދިން. އަދި ދަސްވާ ކޮންމެ އާ ކަމަކާއި ކޮންމެ އާ އެއްޗެއް ޓީމުގެ އެހެން މެމްބަރުންނާއި ވެސް ހިއްސާކުރަން”

ނުޝްގެ އަމިއްލަ މަސައްކަތުން ހޯދަމުންދިޔަ ކުރިއެރުމާއި އެކު 2024 ވަނަ އަހަރު ކޯރާކޯރާގައި ޓްރެއިނިންގ އެގްޒެކްޓިވް އެއްގެ މަގާމު ރަސްމީކޮށް ނުޝް އަށް ލިބިގެންދިޔައެވެ. ރިސޯޓުގެ ހުރިހާ ޑިޕާޓްމަންޓެއްގެ މުވައްޒަފުންނަށް ކިޔަވައިދީ ދާއިރާއަށް އަހުލުވެރިކޮށްދިނުމާއި އަލަށް ވަޒީފާއަށް އަންނަ މުވައްޒަފުންނަށް ތަމްރީނު ދިނުން ފަދަ ހުރިހާ ތަމްރީނު ޕްރޮގްރާމުތަކެއް ނުޝްގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިއުމަށް ފުރުސަތު ފަހިވެގެން ދިޔައެވެ.
“އަޅުގަނޑު ގަބޫލުކުރަނީ މިއީ އަޅުގަނޑަށް ކެނޑިނޭޅި ކުރެވުނު ގިނަ މަސައްކަތްތަކުގެ ނަތީޖާ ކަމަށް. ކުރީގައި ކިޔަވައިދިނުމުގެ ދާއިރާއިން ކުރިއަށް ދެވިދާނެ ކަމަށް ގަބޫލު ކުރެވިފައި ނެތަސް މިހާރު އެނގޭ މިކަން ރަނގަޅަށް ކުރެވޭނެ ކަން. އަޅުގަނޑަށް ރިސޯޓުގެ ހުރިހާ އެންމެންގެ ފަރާތުން ވަރަށް ބޮޑު ސަޕޯޓެއް ލިބޭ. ވަކިން ޚާއްޞަކޮށް ރިސޯޓު މެނޭޖަރ މުއިޒް މުޙައްމަދާއި އެޗްއާރު މެނޭޖަރ ގެ ނަން ފާހަގަކޮށްލަން. އަބަދުވެސް އެބޭފުޅުން ހިތްވަރު ދެއްވަވާނެ އާކަންތައްތައް ދަސްކޮށް ކުރިއަށް ދިއުމަށް.” ނުޝް ކިޔައިދިނެވެ.

މިހުރިހާ މަސައްކަތަކާއި އެކު ނުޝް އެންމެ އުފާވި ދުވަހަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ އަގު ވަޒަންކުރުމަށް ރާއްޖޭގައި ބާއްވާ ހަމައެކަނި ގައުމީ ފެންވަރުގެ އެވޯޑު ކަމަށްވާ، “ހޮޓެލިއާ މޯލްޑިވްސް އެވޯޑްސް” ގައި އެންމެ ޒުވާން ހޮޓަލިއާގެ އެވޯޑު ލިބިގެން ދިޔަ ދުވަހެވެ. މިހާތަނަށް ކުޑަދުވަސްކޮޅެއްގެ ތެރޭގައި ނުޝްއަށް ކުރެވުނު ކާމިޔާބު މަސައްކަތްތަކުގެ ނަތީޖާ ފެނިގެން ދިޔަ ދުވަހެވެ.

“އަޅުގަނޑު އެންމެ ދެކެން ބޭނުންވަނީ ރާއްޖޭގެ ގިނަ އަންހެން ކުދިން މި ދާއިރާއިން ފެނިގެން ދިއުން. ރިސޯޓު ކައިރީގައި ތިބޭ ރަށްރަށަށް ދެވޭ ފަހަރުތަކުގައި އެ ރަށްރަށުގައި ދިރިއުޅޭ ޒުވާން އަންހެން ކުދިންނާއި ދިމާވެ އެކުދިންވެސް ރިސޯޓުގައި ވަޒީފާއަދާކުރަން ޝައުގުވެރިވާ ކަމަށް ބުނޭ. އެހެނަސް ދިރިއުޅެން ޖެހޭ މުޖުތަމައުގެ ގިނަ ބައެއްގެ ވިސްނުން އެކަމާއި ދެކޮޅަށް ހުރުން އެއީ އެކުދިންނަށް ބޭނުންވާ ރޮނގުން ކުރިއަށް ދިއުމަށް އެޅޭ ހުރަހެއް. އަދި ވެސް ގިނަ ބަޔަކު ގަބޫލު ކުރަނީ އަންހެން ކުދިން ރިސޯޓު ތަކުގައި ވަޒީފާ އަދާކުރުން އެއީ ނުރަނގަޅު ކަމެއް ކަމަށް. ” ނުޝް އެންމެ ދެކެން ބޭނުންވާ ދުވަހަކީ ޖެހިލުން ނުވެ ކާމިޔާބު ކަމާއި އެކީ ފަތުރުވެރިކަމުގެ ދާއިރާގެ އިސް ސަފުގައި މަސައްކަތް ކުރާނެ ހުނަރުވެރި އަންހެންކުދިން ގިނައިން ފެނިގެންދާނެ ދުވަހަކެވެ. ކޮންމެ ދާއިރާއެއްގައި މަސައްކަތް ކުރި ކަމުގައި ވިޔަސް ކުރިއަށް ދިއުމަށް ބޭނުންވަނީ ހިތްވަރު ކަމާއި ވަރުގަދަ އަޒުމެއްކަމެވެ. އެއްވެސް މަސައްކަތަކީ ވަކި ޖިންސަކަށް ވީތީ ނުކުރެވި ފަސް ޖެހެންވީ މަސައްކަތެއް ނޫންކަމެވެ.
ކާމިޔާބު ކަމާއި އެކު ފަތުރުވެރި ކަމުގެ ދާއިރާގައި ޒުވާން ޓްރެއިނިންގ އެގްޒެކްޓިވް އެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ އިރު ނުޝް ދެން ދެކެން ބޭނުންވާ ދުވަހަކީ ޓްރެއިނިންގ މެނޭޖަރަކަށް ވެ ކިޔަވައިދިނުމުގެ ވައްޓަފާޅިއަށް އިތުރު ޒަމާނީ ހެޔޮ ބަދަލުތަކެއް ގެނެވޭނެ ދުވަހަކަށެވެ. އަދި ޒަމާނީ އާ ގޮތްތައް ދަސްކޮށްގެން ހިތްވަރާއި އެކު ކުރިއަށް ދަމުން އެހެން މީހުންވެސް ކުރިއަށް ގެންދިއުމަށް ކެނޑިނޭޅި މަސައްކަތް ކުރުމަށެވެ!