އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބު ފަސްކުރުމާ މެދު ގޮތެއް ނިންމަން ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލާއި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އުޅުއްވީ ވަރަށް ހުތުރުކޮށް ކަމަށް ވިދާޅުވެ، ރައީސް ނަޝީދު އެ ދެ ބޭފުޅުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންގެ ވަޓްސްއެޕް ގުރޫޕަށް ނަޝީދު ފޮނުއްވި މެސެޖުގައި ވިދާޅުވީ ފައްޔާޒާއި ރޮޒައިނާއަކީ ދެ ކެންޑިޑޭޓުން ކަމަށާއި “އެހާ ބޮޑަށް އަތް އުކައި ކަރުބުޑުން އަޑު ނެރުމުން ޕާޓީއަށް ވަރަށް ހުތުރު” ކަމަށެވެމީގެ އިތުރުން ރައީސް ނަޝީދު ވަނީ ހުރިހާ ކެންޑިޑޭޓުން ރީތިކޮށް އުޅުއްވުމަށާއި ގައުމީ މަޖިލީހުގެ މެމްބަރުން ވެސް އަހުލާގީ މިންގަނޑު ދޫކޮށް ނުލެއްވުމަށް އެދިވަޑައިގެންފަ އެވެ.
ޗެއާޕާސަންގެ އިންތިހާބު ފަސްކުރުމާ މެދު ގޮތެއް ނިންމަން މިދިޔަ އަންގާރަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ފެކްޝަންގެ މެމްބަރުންނާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ފެކްޝަންގެ މެމްބަރުންގެ މެދުގައިވަނީ ވަރަށް ބޮޑަށް ދެބަސްވުންތައް އުފެދިފައެވެ.
އަންގާރަ ދުވަހުގެ ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާ ހޫނުވީ އެ ޕާޓީގެ ޕާލިމަންޓަރީ ގްރޫޕްގެ ކުރީގެ ލީޑަރު މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމަށް އޮތް ވަގުތު ހަމަވުމުން އެ އަށް ވުރެ އިތުރަށް އޭނާ ވާހަކަ ދައްކަވަން އުޅުމުންނެވެ.