މާލީ މިނިވަންކަން ހޯދުމަށްޓަކައި އިދިކޮޅު އެމްޑީޕީން ރިއަލް އެސްޓޭޓުގެ ވިޔަފާރިއަށް ވަންނަން ނިންމާފައިވާ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
ބުދަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ އެ ޕާޓީގެ ގައުމީ މަޖިލިސް ބައްދަލުވުމުގައި ފައްޔާޒު ވިދާޅުވީ ޕާޓީ ހަރުދަނާކޮށް ކުރިއަށް ގެންދިއުމަށް ވަރަށް ގިނަ ފައިސާ ބޭނުންވާ ކަމަށެވެ. ނަމަވެސް ޕާޓީއަށް 19 އަހަރު ވެގެންދިޔައިރު މަލީ މިނިވަންކަމާއި ތަނަވަސްކަން ހޯދިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ސިޔާސީ ޕާޓީގެ ގާނޫނުގައި ޕާޓީތަކަށް ވިޔަފާރި ކުރުމުގެ ހުއްދަ ލިބިދީފައި އޮތް ނަމަވެސް، އެ ވިޔަފާރިއެއް ކުރެވޭނެ ގޮތެއް ސާފުކޮށް ބަޔާންވެފައި ނެތްކަން ފައްޔާޒު ފާހަގަ ކުރެއްވިއެވެ. މިހާރު އަމަލު ކުރަމުން އަންނަ ގާނޫނުގެ ދަށުން ސިޔާސީ ޕާޓީތަކުން ކުންފުނި ރެޖިސްޓްރީ ކުރުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށާއި، އެ ކަމަށް އެދި އެމްޑީޕީގެ ފަރާތުން ސަރުކާރަށް ސިޓީއެއް ވެސް ފޮނުވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
“ޕާޓީ ހަރުދަނާ ކޮށް ކުރިއަށް ގެންދިއުމަށްޓަކައި ވަރަށް ބައިވަރު ފައިސާ ހަގީގަތުގައި ބޭނުންވޭ. 19 އަހަރު ވެގެންދިޔައިރު އަޅުގަނޑުމެން އަމިއްލަ ފައިމައްޗަށް ތެދުވުމަށްޓަކައި މަލީ މިނިވަންކަމާއި ތަނަވަސްކަން ހޯދިފައިނުވޭ. އެހެންވީމަ މިހާރު މަގުޗާޓުގައި އެކުލަވާލެވިފައިވާ ފަދައިން ޕާޓީގެ ފަރާތުން ސިޔާސީ ޕާޓީތަކަށް ދީފައިވާ ގާނޫނުގެ ބާރުގެ ދަށުން ޕާޓީގެ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި ބޭނުންވާ މާލީ ތަނަވަސްކަން ހޯދުމަށްޓަކައި އެބަހުރި ބައެއް ކަހަލަ ވިޔަފާރި ކުރުމުގެ ފުރުސަތުތައް. އެހެންވީމަ އަޅުގަނޑުމެން މިރޭ އިތުރަށް ހުށަހަޅާ ހުށަހެޅުމަކީ އެފަދަ ވިޔަފާރިއެއް ކުރެވޭނެ ގާނޫނީ ނިޒާމެއް ހޯދުމަށްފަހު އެގޮތަށް ކުރިއަށް ގެންދިއުމަށް ހުށަހެޅޭ ގަރާރެއް.” ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވީ އެޕާޓީން ރިއަލް އެސްޓޭޓުގެ ވިޔަފާރި ފަށަން ގަސްތުކުރާ ކަމަށާއި އެކަން ވެސް ފެށެން އޮތީ ކޮންމެ ވެސް ކަހަލަ ވިޔަފާރީގެ ރެޖިސްޓްރޭޝަނެއް ލިބިގެންކަމަށެވެ.
މީގެ އިތުރުން ވެސް ރާއްޖޭގެ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ މީހުންނަކީ ގާބިލް ބަޔަކަށް ހެދުމަށް ޓަކައި އެމްޑީޕީން އެކެޑަމީއެއް ހިންގުމަށް ނިންމާފައިވާ ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި އެއީ އެމްޑީޕީގެ މަގު ޗާޓުގައި ވެސް ހިމެނިފައި އޮތް ކަމެކެވެ. އޭނާ ވިދާޅުވީ އެމްޑީޕީން ހިންގާ އެކެޑަމީއަކީ ކަމާބެހޭ އިދާރާތަކުގައި ރެޖިސްޓްރީ ކުރެވިގެން މިނިވަން ކަމާ އެކު ހިންގާ މުއައްސަސާއެއްގެ ގޮތުގައި ރެޖިސްޓްރީ ކުރުމަށް އުންމީދު ކުރާ ކަމަށެވެ.
މީގެ އިތުރުން ފައްޔާޒު ވިދާޅުވީ އެމްޑީޕީ ދެމެހެއްޓެނިވި ގޮތެއްގައި ހަރުދަނާ ކުރުމަށް، އެ ޕާޓީގެ ލީޑަޝިޕަށް މަޝްވަރާދިނުމަށް “ތިންކް ޓޭންކް” އެއް އުފެއްދުމަށް ނިންމާފައިވާ ކަމަށެވެ. އަދި ވިދާޅުވީ ތިންކް ޓޭންކުގެ ބޭނުމަކީ އިލްމީ ދިރާސާތައް ކުރުމާއި، އެ މައުލޫމާތުގެ އަލީގައި ރައްޔިތުންނަށް ބޭނުންވާ ކަންކަމުގެ މަޝްވަރާ އެ ޕާޓީގެ ލީޑަޝިޕަށް ލިބިގެން ދިއުން ކަމަށެވެ.
އެމްޑީޕީން ދަނީ އެ ޕާޓީ އިތުރަށް ހަރުދަނާކުރުމަށް ޓަކައި އެ ޕާޓީގެ އޮނިގަނޑާއި ހިންގާ ގަވާއިދަށް ބޮޑެތި އިސްލާހުތަކެއް ގެނައުމުގެ މަސައްކަތް ކުރަމުންނެވެ.