މަޝްވަރާގެ އުސޫލެއް ނެތި ކަންކަން ކުރިއަށް ގެންދިއުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށާއި، ހުރިހާ ކަމެއްވެސް ހިނގަން ޖެހޭނީ ގާނޫނުއަސާސީގައި ބުނާ ގޮތުގެ މަތިންކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
އެމްޑީީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒު ވިދާޅުވީ، ގާނޫނު އަސާސީއަށް ބަދަލު ގެނެވެން ވާނީ ރައްޔިތުންގެ މަޝްވަރާއާއިއެކު ކަމަށެވެ. އަދި ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހުގެ ކަންކަމަކީ ހުދުމުހުތާރު ވެރިކަން ސާފުކޮށް ފެނިގެންދިިިޔަ ކަމެއްކަން ފާހަގަކޮށް ފައްޔާޒު ވިދާޅުވީ ހުދުމުހުތާރު ވެރިކަމެއް ބަލިކޮށްލުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުުރައްވާނެކަމަށެވެ.
މީގެ އިތުރުން ފައްޔާޒު ވިދާޅުވީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު އެމަނިކުފާނު ބޭނުންވާ ގޮތަކަށް ގާނޫނު އަސާސީއަށް ބަދަލު ގެންނާނެކަން އިއްޔަ މަޖިލީހުގައި އެންޓި ޑިފެކްޝަން ގާނޫނާއި ގުޅިގެން ކުރެވުނު މަސައްކަތުން އެގިގެން ގޮސްފައިވާ ކަމަށެވެ. އަދި 12 ގަނޑިއިރުގެ ތެރޭގައި ގާނޫނު އަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެނައިރު، އެއްވެސް ބައެއްގެ މަޝްވަރާ މި ސަރުކާރުން ހޯދާފައިނުވާކަމަށް ފާއްޔާޒު ވިދާޅުވިއެވެ.
އެމްޑީޕީއިން އެންޓި ޑިފެކްޝަން ގާނޫނަށް އިސްލާހު ގެނައީ އިންތިހާބުވާ ޕާޓީ ދިފާއު ކުރަން ޖެހޭ ގޮތަށްކަން ފާހަގަކޮށް ފައްޔާޒު ވިދާޅުވީ ގާނޫނު އަސާސީގައި ބުނާ ގޮތުގައި މަޖިލީހުގެ މެންބަރުން ވަކާލާތު ކުރަން ޖެހޭނީ މުޅި ރައްޔިތުންގެ ހައްގުގައިކަމަށެވެ.