English Edition
Dhivehi Edition
ބަހުގެ ހިދުމަތް ލިންކުގައި ފެއްޓެވުމަށްފަހު ފޮނަދޫން ގަމަށް ދަތުރު ކުރައްވަނީ_ ފޮޓޯ އެމްޕީއެލް.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން “ހައްދުންމަތި ޓްރާންސްޕޯޓް ލިންކް” (އެޗްޓީއެލް)ގެ ނަމުގައި ލާމު ލިންކު ރޯޑުގައި ބަހުގެ ހިދުމަތް ދޭން ފަށައިފި އެވެ.

އެ ހިދުމަތް މިއަދު ރަސްމީކޮށް ފައްޓަވައިދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު ސައީދުގެ އިތުރުން، ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރާއި، އެމްޕީއެލްގެ ސީއީއޯ އަބްދުއްރައްޒާގު ހަލީމާއި، ފޮނަދޫ ދާއިރާގެ މަޖިލިސް މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲއާއި، އިސްދޫ ދާއިރާގެ މެންބަރު އަހްމަދު ރަޝީދާއި ފޮނަދޫ ކައުންސިލާއި، އެމްޕީއެލް، އަދި އިކޮނޮމިކް މިނިސްޓްރީގެ އިސް ފަރާތްތަކާއި ފޮނަދޫގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.

ލިންކު ރޯޑުގައި ބަހުގެ ހިދުމަތް ދޭން ސަރުކާރުން ހަވާލުކޮށްފަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާ އެވެ. އެހިދުމަތް ފެށުމަށް ލ. ފޮނަދޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޕީއެލްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ އެ މަގުގައި ބަހުގެ ހިދުމަތް ދޭން ދެށުމުން، މީގެ ކުރިން އެ މަގުން ދަތުރު ކުރުމަށް 200 ރުފިޔާ ހަރަދަކުރަން ޖެހުނު ނަމަވެސް ބަހުގައި ހަރަދު ކުރަން ޖެހޭނީ 10 – 25 ރުފިޔާ އާއި ދެމެދުގެ ފީ އެއް ކަމަށެވެ.


ގާތްގަނޑަކަށް 17 ކިލޯމީޓަރު ހުންނަ ލިންރޯޑުގައި ޚިދުމަތް ދިނުމަށް އެމްޕީއެލްއިން ފުރަތަމަ ބޭނުންކުރާނީ ހަތަރު ބަހެވެ. އެއީ 50 ފަސިންޖަރުންގެ ޖާގައިގެ 2 ބަހާއި 30 ފަސިންޖަރުންގެ ޖާގައިގެ 2 ބަހެވެ. މި ހަތަރު ބަހަކީވެސް އޭސީކޮށްފައި ހުންނަ، ފެންވަރު ރަގަނގަޅު ބަސްތަކެވެ..

“ބަހުގެ ހިދުމަތް ތަޖުރިބާކޮށްލާ ހިދުމަތް ޓެސްޓުކޮށްލަން މި މަހުގެ 20 އާއި ހަމައަށް ހިލޭ ދަތުރުކުރެވޭނެ، އަދި އަބަދުވެސް އުމުރުން ދެ އަހަރުން ދަށުގެ ކުދިންނާއި 65 އަހަރުން މަތީގެ މީހުންނަށް ހިލޭ ބަހުގައި ދަތުރު ކުރެވޭނެ،” ރައްޒާގް ވިދާޅުވި އެވެ.

ދިގުމިނުގައި ގާތް ގަނޑަކަށް 4 ކިލޯމީޓަރު ހުންނަ ފޮނަދޫގެ އާބާދީގައި 2000އަށް ވުރެ ގިނަ މީހުން ދިރިއުޅޭއިރު، 7.8 ކިލޯމީޓަރުގެ ދިގުމިން ހުންނަ ގަމުގައި 3000އަށް ވުރެ ބޮޑު އާބާދީއެއް އޮވެއެވެ. މީގެ އިތުރުން ފޮނަދުއާ ގަމާ ދެމެދު އޮންނަ ކައްދުއާއި މާންދޫ ހިމެނޭ ގޮތަށް މި ސަރަހައްދުގައި ގާތްގަނޑަކަށް ޖުމުލަ 8000 މީހުންގެ އާބާދީއެއް ދިރިއުޅެއެވެ.