English Edition
Dhivehi Edition
އުލިގަމާ އެމްޕީއެލްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުން

ހއ. އުލިގަމަށް ޒިޔާރަތްކުރާ ބޭރުގެ ޔޮޓުތަކަށް ހިދުމަތް ދިނުމަށްޓަކައި އެ ރަށުގައި މެރީނާއެއް ތަރައްގީކުރަން ބޭނުންވާ ބިން ހަމަޖައްސައިފިއެވެ. މިކަމަށްޓަކައި އެމްޕީއެލް އާއި އުލިގަމު ކައުންސިލާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރީ ސީއީއޯ ކެޕްޓަން ހުސެއިން ޝަފީގެވެ. ކައުންސިލުގެ ފަރާތުން ސޮއިކުރީ ރައީސް އަސަދުﷲ މުހައްމަދެވެ.

މި ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް މި މަހުގެ ތެރޭގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. އެމްޕީއެލް އިން ބުނި ގޮތުގައި ފުރަތަމަ ފިޔަވަހީގައި މިތަން ތަރައްގީކުރާނީ އެއްފަހަރާ އަށާރަ ޔޮޓަށް ހިދުމަތް ދެވޭނެ ޖާގައަކާއެކުގައެވެ.

އުލިގަމަކީ ކުރީއްސުރެ ރާއްޖެ އަންނަ ބޭރުގެ ގިނަ ޔޮޓުތަކެއް ބަނދަރުކުރާ ރަށެކެވެ. ކޮންމެ އަހަރެއްގެ ވެސް ޓޫރިޒަމްގެ އެންމެ ބާރުބޮޑު ދުވަސްވަރު ގިނަ އަދަދެއްގެ ޓޫރިސްޓުން ޔޮޓުތަކުގައި އެ ރަށަށް ޒިޔާރަތްކުރެއެވެ. ނަމަވެސް އެ އުޅަނދުތަކަށް ބޭނުންވާ ހިދުމަތްތައް ދެވޭނެ ރަނގަޅު ނިޒާމެއް މިހާތަނަށް އެ ރަށުގައި ގާއިމުވެފައެއް ނެތެވެ

ކައުންސިލުގެ ރައީސް އަސަދުﷲ ވިދާޅުވި ގޮތުގައި، ޒަމާނުއްސުރެ ގިނަ އަދަދަކަށް ޔޮޓުފަހަރު އައި ނަމަވެސް، މެރިޓައިމް ދާއިރާއިން އެކަށީގެންވާ ހިދުމަތްތަކެއް ދެވޭނެ ގޮތެއް ނެތުމަކީ ރައްޔިތުންގެ ކަންބޮޑުވުމެކެވެ. އެހެންކަމުން މި މެރީނާ ހެދުމަކީ އުލިގަމު ރައްޔިތުން ވަރަށް ކުރިއްސުރެ ދެކެމުން އައި ބޮޑު އުންމީދެއް ހާސިލުވުން ކަމަށް އޭނާ ވިދާޅުވިއެވެ.

މި ސަރުކާރުގެ އަމާޒަކީ އުލިގަމަށް ހާއްސަ އިގުތިސާދީ މަސައްކަތެއްގެ ގޮތުގައި މި މެރީނާ ތަރައްގީކޮށް، އޭގެ ފައިދާ ރައްޔިތުންނަށް ހޯދައިދިނުމެވެ. މިއީ ރާއްޖެ އަންނަ ބޭރުގެ އުޅަނދުތަކަށް ވެސް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެކެވެ.