English Edition
Dhivehi Edition
ކުކުޅު ބިސް

މި ހަފްތާގައި ރާއްޖެއަށް އެތެރެކުރި އަވަހަށް ހަލާކުވާ ޒާތުގެ މުދަލުގެ ތެރެއިން 29.3 ޕަސަންޓަކީ ކުކުޅު ބިސް ކަމަށް އެމްޕީއެލް އިން ބުނެފިއެވެ.

އެ ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި މަހުގެ 22 އިން 26 އަށް މާލޭގެ ވިޔަފާރި ބަނދަރާއި ހުޅުމާލޭގެ ޓާމިނަލް މެދުވެރިކޮށް އަވަހަށް ހަލާކުވާ ޒާތުގެ 1695 ފްރައިޓް ޓަނުގެ މުދާ ވަނީ ކްލިއަކޮށްފައެވެ. މީގެ ތެރޭގައި 497 ފްރައިޓް ޓަނުގެ ބިސް ހިމެނޭއިރު، އެއީ ޖުމްލަ 14،790 ކޭސް ބިހެވެ.

މިވަގުތު ރާއްޖެއިން ބިސް ހުސްވެ، ކޮންޓްރޯލް ކޮށްގެން ބިސް ވިއްކަމުންދާ ކަމަށާއި އަދި ބައެއް ފިހާރަތަކުން ބިހުގެ އަގު އިންތިހާއަށް އުފުލިފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އާންމުން ދިޔައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިކަމާ ގުޅިގެން ދައުލަތުގެ މީޑިއާ މެދުވެރިކުރައްވައި މިކަން ހާމަކުރަމުން އެސްޓީއޯ އިން ބުނީ ބިސް ލިބުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށެވެ. އަދި އެއްވެސް ކޮންޓްރޯލެއް ނެތި އެ ކުންފުނިން އާންމުންނަށް ބިސް ވިއްކަމުންދާ ކަމަށް ވެސް ބުންޏެވެ.

އެސްޓީއޯ އިން އިތުރަށް ބުނީ މިހާރު ވެސް ބިހުގެ އާ ޝިޕްމަންޓްތައް ލިބެމުންދާ ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މެދުކެނޑުމެއް ނެތި ބިސް ލިބެން ހުންނާނެ ކަމަށެވެ. ދާދި ފަހުން ސަރުކާރުން ވަނީ ރާއްޖެއަށް އެތެރެކުރާ މުދަލުގެ ތެރެއިން އަސާސީ ބާވަތްތަކުގެ ލިސްޓަށް ބިސް ވެސް އިތުރުކޮށްފައެވެ.