English Edition
Dhivehi Edition
އެމްޕީޢެލްއިން މިއަދު ވިޔަފާރިވެރިންނާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް، ރާއްޖޭގެ ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ވިޔަފާރިވެރިންނަށް ހިއްސާކޮށްފިއެވެ. މި މައުލޫމާތުތައް ހިއްސާކޮށްފައިވަނީ އެ ކުންފުނިން އިސްނަގައިގެން ވިޔަފާރިވެރިންނާއެކު ބޭއްވި ހާއްސަ މަޝްވަރާ ބައްދަލުވުމެއްގައެވެ.

މީރުމާގައި ބޭއްވި މި ބައްދަލުވުމުގައި އެމްޕީއެލްގެ ސީއީއޯ ކެޕްޓަން ހުސައިން ޝަފީގާއި އިސް މެނޭޖްމަންޓުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ މަޝްރޫއުގެ އެންމެ މުހިންމު އެއް ހިއްސާދާރުން ކަމަށްވާ ވިޔަފާރިވެރިންނަށް މައުލޫމާތު ދިނުމާއި، ތިލަފުށީގެ އޮޕަރޭޝަންތައް ވީހާވެސް ފަސޭހަ އަދި ހަރުދަނާ ނިޒާމެއްގެ ދަށުން ކުރިއަށް ގެންދެވޭނެ ގޮތްތަކާ މެދު މަޝްވަރާކުރުމެވެ.

އެމްޕީއެލުން ބުނީ މާލޭ ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމާ ގުޅިގެން ކަމާބެހޭ ފަރާތްތަކާ ސިލްސިލާކޮށް ބައްދަލުކުރަމުންދާ ކަމަށެވެ. އެގޮތުން ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން މީޑިއާ އަދި މަޖޫރީންނާ ވެސް މިހާތަނަށް ވަނީ މައުލޫމާތު ހިއްސާކޮށްފައެވެ. އަދި ކުރިއަށް އޮތް ތަނުގައި އިތުރު ފަރާތްތަކާ ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ތިލަފުށީގައި ގާއިމުކުރާ ބަނދަރަކީ މިހާރު މާލޭގައި އޮތް ބަނދަރަށްވުރެ 12 ގުނަ ބޮޑު ސަރަހައްދެކެވެ. މި ބަނދަރުގެ ސަބަބުން މިހާރު ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލުލިބި، މާލޭގެ މަގުތަކުގައި ބާރުބޮޑުވުމަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް އެމްޕީއެލުން ބުނެއެވެ.

މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒުގެ މުހިންމު އިގްތިސާދީ ވައުދުފުޅެކެވެ. ސަރުކާރުގެ އަމާޒަކީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު 24 ގަޑިއިރު ހިދުމަތް ދެވޭނެ މަލްޓި-ޕާޕަސް ބަނދަރެއް ގާއިމުކުރުމެވެ. އަދި އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި މި ބަނދަރުގެ ހިދުމަތް ފެށޭނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.