މާލޭ ނޯތު ހާބަރު ބޭނުންކުރާ އޮޑިދޯނިފަހަރުން ނަގާ ފީ ބޮޑުކުރުމަށް ސަރުކާރާއެކު މަޝްވަރާކުރަމުންދާ ކަމަށް ދެކެވޭ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ ފީ ބޮޑުކުރުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށާއި، އޭގެ ބަދަލުގައި މިހާރު މަސައްކަތް ކުރަމުންދަނީ އުޅަނދުތަކަށް ބޭނުންވާ ފެނާއި ކަރަންޓުގެ ޚިދުމަތް އެ ސަރަހައްދުން ފޯރުކޮށްދިނުމަށް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމާ އެއްގޮތަށް، ނޯތު ހާބަރުގެ ‘އޭ ޒޯން’ ބޭނުންކުރާ އުޅަނދުފަހަރަށް ފެނާއި ކަރަންޓުގެ ޚިދުމަތް ދިނުމުގެ އަމަލީ މަސައްކަތްތައް އެމްޕީއެލްއިން މިހާރު ވަނީ ފަށާފައެވެ. މީގެ އިތުރުން، މުދާ އުފުލާ ބޯޓުފަހަރުތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން، ކިއުގައި މަޑުކުރަންޖެހޭ ވަގުތު ކުޑަކުރުމަށްޓަކައި އިއްޔެ (މި މަހުގެ 14 ވަނަ ދުވަހުން) ފެށިގެން އުޅަނދުތަކަށް ޖާގަ ދިނުމުގެ އުސޫލަށް ވެސް ވަނީ މުހިންމު ބަދަލުތަކެއް ގެނެސްފައެވެ.
މަސްވެރިކަން ކުރާ އުޅަނދުތަކަށް ޚާއްސަކޮށްފައިވާ ނޯތު ހާބަރުގެ ޑީ، އީ އަދި އެފް ޒޯން ބޭނުންކުރާ އުޅަނދުތަކުން މިހާރުވެސް އެއްވެސް ފީއެއް ނުނަގާކަން އެމްޕީއެލްއިން ވަނީ ކަށަވަރުކޮށްދީފައެވެ. މި ސަރަހައްދުތަކުގެ އުސޫލަށް ގެނައި ހަމައެކަނި ބަދަލަކީ، ސަރުކާރުގެ އިދާރާތަކުގައި ރަޖިސްޓްރީކޮށްފައި ނުވާ އުޅަނދުތަކަށް އެ ތަންތަން ބޭނުންނުކުރެވޭ ގޮތް ހެދުމެވެ. ނޯތު ހާބަރަކީ ގިނަ ރައްޔިތުންތަކެއްގެ މަސްލަހަތާ ގުޅިފައިވާ ތަނަކަށްވާއިރު، ނުތަނަވަސްކަން އުފެދޭ ފަދަ ދޮގު ވާހަކަތައް ނުފެތުރުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.