English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފުވައްމުލައް ސިޓީ ކައުންސިލްގެ މެންބަރުންނާ ބައްދަލުކުރައްވައި، އެ ސިޓީގެ ތަރައްޤީއާއި ކުރިމަގަށް ސަރުކާރުން ހިންގަމުންދާ މަޝްރޫޢުތަކާ، ސަރުކާރުން ގެންގުޅޭ ތަސައްވުރާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފިއެވެ.

އިއްޔެ މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށް ގެންދިޔަ މި ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގައި ފުވައްމުލައް ސިޓީ ތަމްސީލުކުރައްވާ މެންބަރުން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ފުވައްމުލައް ސިޓީގެ ކައުންސިލް މެންބަރުން ވަނީ އެ ސިޓީގެ ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ ކަންކަމުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރައްވާފައެވެ. މީގެ އިތުރުން އެ ސިޓީގައި މިހާރު ހިނގަމުންދާ މަޝްރޫޢުތަކުގެ ދުވެލި ހަލުވިކުރުމަށް ކުރެވޭނެ ކަންކަމާ ގުޅޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާއާއި ވަނީ މަޝްވަރާ ކުރައްވާފައެވެ.

މި ގޮތުން އެ ބޭފުޅުން ފާހަގަކުރެއްވި ބައެއް މަޝްރޫޢުތަކުގެ ތެރޭގައި ބަނދަރާއި މަގު ހެދުމުގެ މަޝްރޫޢުތަކާއި، ޞިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރުމާއި، ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ރާވާފައިވާ މަޝްރޫޢު ހިމެނެއެވެ.

ފުވައްމުލަކުގެ ބޮޑެތި މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމަށް މިހާރު ކުރިއަށްގެންދާ މަޝްރޫޢާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ކައުންސިލް މެންބަރުން ވަނީ، އެ މަސައްކަތްތަކާ ގުޅިގެން އެ ސިޓީގެ އިތުރު މަގުތަކެއް ހެދުމުގެ މަސައްކަތް ފެށުމަށް ބޭނުންވާ ކަން ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވާފައެވެ.

ކައުންސިލް މެންބަރުން ފާހަގަކުރެއްވި ބޯހިޔާވަހިކަމުގެ މައްސަލައާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އެ ކަމަށް އެދެވޭ ހައްލެއް ހޯދައިދެއްވުމަށް ކަމާގުޅޭ އިދާރާތަކާއެކު މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ވަނީ، ކުނީގެ މައްސަލަ ހައްލުކުރުމާއި، އެކި ދާއިރާތަކުން މީހުން ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން އެ ސިޓީގައި ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރެއް ޤާއިމުކުރުމުގެ މުހިންމުކަމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ. އަދި އެ ސިޓީގައި ކުށްކުރުން މަދުކުރުމާއި އަމަންއަމާންކަން ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމާއި ގުޅޭ ގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ.

މީޣެ އިތުރުން ކައުންސިލުގެ މާލީ ބާރުވެރިކަން އިތުރުކޮށް އާމްދަނީ އިތުރުކުރެވޭނެ މަގުފަހިކުރުމުގެ އިތުރުން ފަތުރުވެރިކަން އިތުރަށް ފުޅާކުރުމަށް ކުރިމަތިވާ ދަތިތައް ހައްލުކުރާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

މި މަޝްރޫޢުތަކާ ގުޅޭގޮތުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުން ހިންގަމުންދާ އެކިއެކި މަޝްރޫޢުތަކުގައި ލޯކަލް ކައުންސިލްތަކާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަދާކުރައްވާ މުހިންމު ދައުރު ފާހަގަކުރައްވާ ކަމަށާއި، އެ ކަމަށް ޝުކުރު އަދާކުރައްވާ ކަމުގައެވެ. އަދި، މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ފާހަގަކުރެއްވި ކަންކަން ހައްލުކޮށްދެއްވުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.