English Edition
Dhivehi Edition

ފުވައްމުލަކު ސިޓީގައި 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމް ރަސްމީކޮށް ފަށައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް މިއަހަރުގެ ޖޫން މަހު ސަރުކާރުން ފަށާފައިވާ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާގެ ދަށުން ފުވައްމުލަކުގައި ފެށި މި ޕްރޮގްރާމު ފައްޓަވައި ދެއްވެވީ މޫސުމީ ބަދަލުތަކާއި، ތިމާވެށްޓާއި، ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމްއެވެ.

މި ޕްރޮގްރާމް ފެއްޓެވުމުގެ ދަށުން މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ތޯރިގު އިބްރާހިމްގެ އިތުރުން އެސިޓީގެ މޭޔަރު އިސްމާއިލް ރަފީގު ވަނީ ގަހެއް އިންދަވާދެއްވަވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާ 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމް އެންމެ ފުޅާ ދާއިރާއެއްގައި ފެށިގެން މިދިޔައީ ފުވައްމުލަކު ސިޓީގައި ކަމަށެވެ. އެގޮތުން ފުވައްމުލަކު ސިޓީ ކައުންސިލާއި އެހެނިހެން މުއައްސަސާތަކުން 1 ލައްކައަށްވުރެ ގިނަ ގަސް އިންދުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާކަމަށެވެ.

ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަކީ ރައީސް މުއިއްޒު ޔޫއޭއީގެ ދުބާއީގައި ކުރިއަށްދިޔަ 28 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ބައްދަލުވުމުގެ މަތީ ފަންތީގެ ސެގްމެންޓްގައި ގައުމީ ބަޔާން އިއްވަވަމުން އިއުލާން ކުރައްވާފައިވާ ޕްރޮގްރާމެކެވެ.

މިނިސްޓަރ ވިދާޅުވީ މިއަދުގެ މިހާތަނަށް 1.4 މިލިޔަން ގަސް މި ވަނީ ޕްލެޖްކޮށްފައި ކަމަށާއި އަދި މިހާތަނަށް ދިޔަ އިރު، މި ޕްރޮގްރާމުގެ ތެރެއިން 4 ލައްކަ ގަސް އިންދިފައި ވާ ކަމަށެވެ.