ފުވައްމުލަކު ސިޓީގެ ‘ބަންޑާރަ ކިޅި’އަށް ދެ ބާވަތެއްގެ ގަހެއްގެ ސަބަބުން ގެއްލުން ލިބެމުން ދާތީ އެ ތަކެތި ނެގުމުގެ މަސައްކަތް ފަށާފައިވާކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ބުނެފިއެވެ،
ފުވައްމުލައް ސިޓީ ކައުންސިލުން ބުނީ އެ ކައުންސިލްގެ އިސްނެގުމާއެކު ފުވައްމުލައް ސިޓީގެ މުވައްސަސާތަކާ ގުޅިގެން ފެންކުރީގެ ބާވަތެއް ކަމުގައިވާ ‘ކެނޭޑިއަން ވޯޓާ ވީޑްސް’ އަދި ‘ލޮޓަސް’ ގަސްތައް ބަންޑާރަ ކިޅިން ނަގާ ސާފުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.
އެ ގަސްތަކުގެ ސަބަބުން ބަންޑާރަ ކިޅީގެ އަސްލު ގެއްލި ލިބެމުން ދާ ގެއްލުންތައް ފާހަގަކޮށް ފުވައްމުލައް ސިޓީ ކައުންސިލުން ބުނީ ކިޅިން ނަގަމުންދާ ދެ ބާވަތުގެ ގަހަކީވެސް މީގެ ދެތިން ހަތަރު އަހަރާ ހަމައަށްވެސް އެތަނުން އެއްވެސް ވަރަކަށް ފެނިފައިވާ ގަސްތަކެއް ނޫންކަމަށެވެ. އަދި އެކިޅީގެ އުފެދުމުގައި އަދި އެ ކިޅީގެ ދިރުންތަކުގެ ތެރޭގައި ނުހިމެނޭ މިގަސްތައް އެތަނުގައި އާލާވެ ފެތުރުމުގެ ސަބަބުން ބަންޑާރަ ކިޅީގެ ގުދުރަތީ ދިރުންތަކަށް ނޭދެވޭ އަސަރުތައް ކުރަމުން އަންނަ ކަމަށެވެ،
އެގޮތުން މަސްމަހާމެހީގެ އާބާދީ ދަށްވުމާއި ކިޅީގައި ހިމެނޭ ޖުމްލަ ފެނުގެ އިންސައްތަ ދަށަށް ދިއުމަކީ ކުރިމަތިވަމުން އަންނަ އަދި އޭގެ ނޭދެވޭ އަސަރު ކުރަމުން އަންނަކަމެއް ކަމުގައި ކައުންސިލުންވަނީ ފާހަގަކޮށްފައެެވެ.