English Edition
Dhivehi Edition

މިއަދަކީ ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ އަންހެނުންގެ ދުވަހެވެ. ދުވަހުގެ ތަހުނިޔާ ހުރިހާ ކިޔުންތެރިންނަށް އަރިސްކުރަމެވެ. އަންހެނުންނަކީ ހަގީގަތުގައިވެސް ވަރަށް ހީވާގި މުރާލި ބައެކެވެ. ގައުމު ބިނާކުރުމުގައި އަންހެނުންގެ ހިއްސާ ވަރަށް ބޮޑެވެ. ދިރިއުޅުމުގެ މައިދާނުގައި އެކި ދާއިރާތަކުން އަންހެނުން ހަރަކާތްތެރިވަމުން އަންނައިރު މި ހާއްސަ ދުވަހު މި ބަލާލަނީ ކާމިޔާބީ އާއި ހަމައަށް ވާސިލްވުމުގެ ގަދަ އަޒުމާއެކު މަސައްކަތްކުރަމުން އަންނަ ކަނބަލުންނަށެވެ.

ލުބުނާ މަޖީދު މުހްތާރު(އޮމާން، ސ.މީދޫ)

No photo description available.

ފޮޓޯނެގުމަކީ ލުބުނާ ކުޑައިރުއްސުރެ ކުރާހިތްވި މަސައްކަތެވެ.ވަޒީފާއަކަށް ގޮސް އާމްދަނީ ލިބެން ފެށުމާއެކު ލުބު އެންމެ ބޮޑު އިސްކަމެއް ދިނީ ކެމެރާއެއް ގަތުމަށެވެ. އަމިއްލަ މަސައްކަތުން ކެމެރާއެއް ގަނެ ފޮޓޯ ނަގަން ދަސްކުރީ މިކަމަށް އޮތް ޝައުގެއްގެ ބޮޑުކަމުންނެވެ. ލުބު، ރަސްމީކޮށް ފޮޓޯ ނެގަން ފެށުމާއެކު އެ މަސައްކަތަށް ބޮޑު ތަރުހީބެއް ލިބުނެވެ. މާލޭގައި ދިރުއުޅުމަށްފަހު، މިހާރު އުފަން ރަށަށް ދިރިއުޅުން ބަދަލުކޮށްފައިވާ ލުބު އަކީ މުޅި އައްޑޫ ސިޓީގައިވެސް ފާހަގަކޮށްލެވޭ މަދު އަންހެން ފޮޓޯގްރާފަރުންގެ ތެރޭގައި ހިމެނޭ ނަމޫނާ ކަނބަލެކެވެ.

މި މަސައްކަތުގެ ތެރޭގައި ލުބު އުޅެމުން ދަނިކޮށް ‘އޭއޯ ނިއުސް’ ގެ ފޮޓޯ ޖާނަލިސްޓަކަށްވުމުގެ ފުރުސަތު ލިބިގެން ދިޔައެވެ.ކައިވެނި ހަފްލާއެއްގެ ފޮޓޯނެގުމުގައި އުޅެނިކޮށް ލިބުނު އެ ފުރުސަތުގެ ބޭނުން ލުބު ހިފީ ކުރިއަށް ދިއުމުގެ ވަރުގަދަ އަޒުމުގައެވެ. އޭއޯ ނިއުސްގައި މަސައްކަތް ފެށިއިރު ފުރަތަމަ ދަރިފުޅު ވަރަށް ކުޑައެވެ. އެހެންނަމަވެސް މި މަސައްކަތުގައި ލުބު އަށް ކުރިއަށް ދިއުމަށް އާއިލާގެ ބޮޑު އެހީތެރިކަމެއް ލިބުނެވެ. ކޮންމެ ކަމެއްގައިވެސް ކުރިއަށް ދިއުމަށް އެންމެ ބޮޑު ހިތްވަރެއް ލިބެނީ އާއިލާގެ ފަރާތުންކަން ލުބު ވަނީ ފާހަގަކޮށްފައެވެ

ހަމީޒާ(ޒޯނިޔާ، ސ.މީދޫ)

ކޭކު އެޅުމުގެ މަސައްކަތް ހަމީ ފެށީ ހޮބީއެއްގެ ގޮތުގައެވެ. އަބަދުވެސް މިފަދަ ކަވި މަސައްކަތްތައް ކުރުމަށް ޝައުގުވެރިވާ ހަމީއަށް މި ދާއިރާއިން ކުރިއަށް ދިއުމުގެ މަގު އަލިވެގެން ދިޔައީ ޑަބްލިއު.ޑީ.ސީ އިން ބޭއްވި އެޑްވާންސް ކޭކު ކޯހުގައި ބައިވެރިވެގެންނެވެ. މި ކޯހުގައި ބައިވެރިވެ ހަމީއަށް ލިބިފައިވާ ހުނަރުގެ ބޭނުންކޮށް މިކަމުގެ އިތުރު ތަޖުރިބާ ހޯދިއިރު އެ ކޯސް ވެގެން ދިޔައީ މި ދާއިރާއިން ކުރިއަށް ދިއުމަށް ލިބުނު ބޮޑު ހިތްވަރަކަށެވެ.

މި ދާއިރާއިން ކުރިއަށް ދިއުމަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ބޭނުންވާ ސާމާން ރަށުން ނުލިބުންކަން ހަމީ ވަނީ ފާހަގަކޮށްފައެވެ. “ގިނަ ފަހަރު ބޭނުންވާ ސާމާން ގަންނަން މި ޖެހެނީ މާލެ، ނުވަތަ ހިތަދޫ އިން” ހަމީ ބުންޏެވެ.

ހަމީގެ މަސައްކަތަށް އެންމެ ބޮޑު ހިތްވަރަކާއި އެހީތެރިކަމެއް ލިބިގެން ދަނީ ފިރިމީހާގެ އިތުރުން އާއިލާގެ ފަރާތުންނެވެ. ކޭކު އެޅުމުގެ މަސައްކަތް މިހާ ހިސާބަށް ކުރިއަށް ގެންދެވުނީ އެމީހުންގެ އެހީތެރިކަމާއެކުގައިކަން ހަމީ ފާހަގަކުރެއެވެ. މީގެ އިތުރުން އެހީތެރިކަން ބޭނުންވާ ވަގުތު، އެހީތެރިކަން ފޯރުކޮށްދޭ ހުރިހާ ފަރާތްތަކަށް ހަމީވަނީ ޝުކުރުއަދާކޮށްފައެވެ.

ސަލްނާޒް އިބްރާހީމް (ކޯނާ، ސ.ހުޅުދޫ)

ސަލްނާޒް ގެ ހިތުގައި ކޭކު އެޅުމުގެ ޝައުގުވެރިކަން އުފެދިގެން ދިޔައީ ކުޑައިރު ދައްތަ ކޭކު އަޅާތަން ފެނުމުންނެވެ. އެއަށްފަހު އަމިއްލަށް ކޭކު އަޅަން ދަސްކޮށް އެ މަސައްކަތް ފެށި ސަލްނާޒްއަށް އިތުރަށް ކުރިއަށް ދިއުމުގެ މަގު ފަހިވެގެން ދިޔައީ ޑަބްލިއު.ޑީ.ސީ އިން ބޭއްވި އެޑްވާންސް ކޭކު ކޯހުގައި ބައިވެރިވެގެންނެވެ. ބޭސިކް ކޭކު ކޯސް ފުރިހަމަ ނުކޮށް އެޑްވާންސް ކޭކު ކޯހުގައި ބައިވެރިވިނަމަވެސް ސަލްނާޒް ވަނީ ފަސޭހަކަމާއެކު މި މަސައްކަތް ދަސްކޮށްފައެވެ.

އަބަދުވެސް ކޭކު އެޅުމުގެ މަސައްކަތްކުރަމުން އަންނަ ސަލްނާޒް ގޭގައި ހޭދަކުރާ ހުރިހާ ވަގުތެއްގައިވެސް އެކި ކަހަލަ ކޭކުތައް އަޅަމުން އަންނައިރު ކޭކު އެޅުމަކީ އޭނާ އެންމެ ކުރާ ހިތްވާ މަސައްކަތެވެ. މި ދާއިރާއިން ކުރިއަށް ދިއުމަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ބޭނުންވާ ސާމާން ރަށުން ނުލިބުންކަން ސަލްނާޒްވެސް ވަނީ ފާހަގަކޮށްފައެވެ.

އާމިނަތު އަޒްމީނާ (މެޒޯ/ސ.މީދޫ)

May be an image of 1 person, standing, headscarf, tree and outdoors

އަޒްމީނާ(އަޒާ) އަކީ މީދޫގައި އުފެދުނު މޮޅު އަންހެން ކުޅުންތެރިއެކެވެ. ބަށި، ނެޓްބޯޅައިގެ އިތުރުން ވޮލީގައިވެސް ފާހަގަކޮށްލެވޭ އަޒާއަކީ އަބަދުވެސް ކުޅިވަރުގެ ދާއިރާގައި ހަރަކާތްތެރިވަމުން އަންނަ ފަރާތެކެވެ. އަތޮޅު މުބާރާތްތަކާއި، ގައުމީ ފެންވަރުގައި ފާހަގަކޮށްލެވޭ މުބާރާތްތަކުގައިވެސް ކުޅެފައިވާ އަޒާ އަކީ މިހާރުވެސް މީދޫ ވޮލީ ޓީމުގެ މޮޅު ކުޅުންތެރިއެކެވެ.

ސިޓީ ފެންވަރުގައި ބާއްވާ މުބާރާތްތަކުގައިވެސް އަޒާގެ މޮޅު ކުޅުން ފެނިގެންދާއިރު، މިދިޔަ އަހަރު މަރަދޫފޭދޫގައި ބޭއްވި ވޮލީ މުބާރާތުގެ މޮޅު ހަ ކުޅުންތެރިންގެ ތެރޭގައިވެސް ވަނީ ހިމެނިފައެވެ.

މީގެ އިތުރުން އަޒާ އަކީ މޮޅު ފެހުންތެރިއެކެވެ. އެކި އެކި ހަފްލާތަކަށް ރީތި ޑިޒައިންތަކުގެ ހެދުންތައް ފަހަމުން އަންނަ އަޒާ އެންމެ ފަހާ ހިތްވަނީ ކުޑަކުދިންގެ ހެދުމެވެ. ގޭގައި ފެހުމުގެ މަސައްކަތް ކުރަމުން އަންނަ އަޒާއަށް މި ހުރިހާ މަސައްކަތަކަށް ވަގުތު ހުސްކޮށް ކުރިއަށް ދެވެނީ ފިރިމީހާ އާއި އާއިލާގެ އެހީތެރިކަމާއެކުގައެވެ. އަޒާ ދެކޭ ގޮތުގައި ކުޅިވަރު ކުޅުމާއި ކަސްރަތުކުރުމަކީ ވަކި އުމުރަކަށް އޮންނަ ކަމެއް ނޫނެވެ.

ޒާދާ ޒާހިރް(ސަވާރީ، މީދޫ)

No photo description available.

ޒާދާ އަކީ އައިޖީއެމްއެޗްގައި މަސައްކަތްކުރާ ސީނިއާރ ރަޖިސްޓާޑް ނާރސް މިޑްވައިފްއެކެވެ. މި ވަގުތު އައިޖީއެމްއެޗްގެ ނާސިން ކޯޑިނޭޓަރެއްގައި މަގާމު އަދާކުރަމުން އަންނަ ޒާދާ އަކީ ވަޒީފާއަށް ފަރުވާތެރި، އޯގާތެރި ނަރުހެކެވެ. ޒާދާގެ އަގުހުރި ހިދުމަތަށް 20 އަހަރު ވެފައިވާއިރު، ނަރުހެއްގެ ގޮތުގައި މިހާ ގިނަ ދުވަހު މެދުކެނޑުމެއް ނެތި މަސައްކަތްކުރެވުނީ މި ދާއިރާއަށް ހުރި ޝައުގެއްގެ ބޮޑުކަމުންނެވެ. ނަރުހެއްގެ ގޮތުގައި ޒާދާ އެންމެ ދެކެން ބޭނުންވާ ދުވަހަކީ މުޖްތަމައުގައި ނަރުހުންގެ ރޯލު މިއަށްވުރެ ގުޅާވެގެން ދިއުމެވެ

މި ދާއިރާއިން ކުރިއަށް ދިއުމަށް، ލިބުނު ހިތްވަރަކީ މި މަސައްކަތަށް އުފެދުނު ޝައުގާއި ނުގުޑާފަދަ ވަރުގަދަ އަޒުމެވެ، މި ދާއިރާގައި ސާބިތުވެ ހުރުމަށް ޒާދާއަށް އާއިލާގެ ބޮޑު އެއްބާރުލެއް ލިބެމުން އަންނައިރު ދަތިތަކާއެކުވެސް ކުރިއަށް ދިއުމަށް ލިބޭ، އިތުރު ހިތްވަރަކީ ހިދުމަތަށް އޮތް ލޯތްބާއި ގަދަރެވެ.

މަރްޔަމް ވަސީލާ (މެރީ ކޯނާ، ސ.ހުޅުދޫ)

ގްރޭޑް10 ނިމުނުތަނާ، ސިއްހީ ދާއިރާއަށް ވަނުމުގެ ހިޔާލާއި މަޝްވަރާ ވަސީއަށް ދިނީ، ސިއްހީ ދާއިރާއަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތްކޮށްދެއްވާފައިވާ އާމިނަތު މުހައްމަދު ދީދީއެވެ. އޭރު މި ދާއިރާއާއި ގުޅޭ މާ ބޮޑު އެއްޗެއް ވަސީއަށް ނޭގުނު ނަމަވެސް، ފާއިތިވި 21 އަހަރަކީ ވަސީއަށް ގިނަ ކަންތައްތަކެއް ތަޖުރިބާކުރެވި ދަސްވި އަހަރުތަކެކެވެ. ހުޅުމީދޫ ސިއްހީ މަރުކަޒުގައި މަސައްކަތްކުރާ ނަރުހުންގެ ތެރެއިން އެންމެ ގިނަ ދުވަސްވި، ވަސީ އަކީ ގިނަ މީހުންގެ ލޯތްބާއި އިތުބާރު ހޯދާފައިވާ ހީވާގި ނަރުހެކެވެ.

ކޮންމެ އަހަރަކުވެސް ގިނަ ނަރުހުންތަކެއް ތަމްރީނުކުރާއިރު، މިދާއިރާއިން ފެންނަ ނަރުހުންގެ އަދަދު މަދުވުމަކީ ވަސީގެ ކަންބޮޑުވުމެވެ. އެހެންކަމުންމި ދާއިރާގައި ވަސީ އެންމެދެކެން ބޭނުންވާ ދުވަހީ ކޮންމެ އަހަރަކުވެސް ނަރުސްކޯސް ފުރިހަމަކުރާ ނަރުހުންގެ ހިދުމަތް މުޖްތަމައަށް ލިބިގެން ދިއުމެވެ. ނަރުހުން ހޯދުމުގައި ދިމާވާ ދަތިތަކަށް ހައްލު ލިބި މިއަށްވުރެ ރަގަޅު ސިއްހީ ހިދުމަތްތައް ލިބިގެން ދިއުމެވެ.

ވަސީއަށް މިދާއިރާއިން ކުރިއަށް ދިއުމަށް އޭނާގެ މުޅި އާއިލާގެ ފަރާތުން ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމެއް ލިބޭކަން ވަސީ ވަނީ ފާހަގަކޮށްފައެވެ. ހާއްސަކޮށް ވަސީގެ މަންމަ އާއި ބައްޕަގެ އިތުރުން ފިރިމީހާގެ ބޮޑު އެއްބާރުލުމެއް ލިބޭކަން ވަސީ ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން އެކުގައި މަސައްކަތްކުރާ މުވައްޒަފުންގެ އެހީތެރިކަންވެސް ވަރަށް ބޮޑަށް ލިބޭކަން ވަސީ ފާހަގަކުރިއެވެ.

މަޖްދާ ސައީދު (މަލާވީ، ސ.ހިތަދޫ)

May be an image of one or more people, people standing, outdoors and tree

މަޖު އަކީ އައްޑޫ އިކުޓޯރިއަލް ހޮސްޕިޓަލުގައި މެޑިކަލް ލެބޯޓްރީ ޓެކޮނޮލޮޖިސްޓެއްގެ ވަޒީފާ އަދާކުރަމުން އަންނަ ހީވާގި ކަނބަލެކެވެ. ވަޒީފާގައި ހޭދަވީ 16 އަހަރަކީ އެއްވެސް ވަރުބަލިކަމެއްފޫހިކަމެއް ނެތި މަޖު ހޭދަކުރި ދުވަސްތަކެވެ.

މީގެ 16 އަހަރު ކުރިން ފެށި މި މަސައްކަތަކީ އޭރު ވަރަށް ގިނަ ގޮންޖެހުންތަކާއި ދިމާވި މަސައްކަތެކެވެ. މުވައްޒަފުންނާއި ވަސީލަތްތައް މަދުވި ނަމަވެސް، މަޖުގެ ހިތްވަރަކަށް ބަދަލެއް ނާދެއެވެ. އޭރުވެސް މަޖު މަސައްކަތް ކުރީ އެންމެ ރަނގަޅު ހިދުމަށް ފޯރުކޮށްދިނުމަށެވެ. މިއަދު މަޖު އަށް ކާމިޔާބީ އާއި ހަމައަށް ވާސިލްވެވުނީ، އޭނާގެ ބުރަ މަސައްކަތާއި ހިތްވަރުގެ ސަބަބުންނެވެ.

މަޖުއަށް ލިބިފައިވާ އިލްމާއި މައުލޫމާތު ބޭނުންކޮށްގެން، ފުރިހަމަ ސިއްހަތެއްގައި ދިރިއުޅުމަށް، ހިތްވަރު ދިނުމަކީ އޭނާ ކުރާ ހިތްވާ މަސައްކަތެވެ. މަޖުގެ އެހީތެރިކަން ބޭނުންވާ ކޮންމެ ފަރާތަކަށްވެސް އެހީތެރިކަން ފޯރުކޮށްދިނުމަކީ، އޭނާއަށް ލިބޭ އެންމެ ބޮޑު އުފަލެވެ.

ފާތިމަތު ސައުނާ(ޗަމަން، ސ.މީދޫ)

No photo description available.

ސައުނާ، އެންމެ ފުރަތަމަ ޓީޗަރެއްގެ ވަޒީފާ އަދާކުރަން ފެށީ އެކަމަށް މާބޮޑު ޝައުގުވެރިކަމެއް ހުރެގެންނެއް ނޫނެވެ. އެހެންނަމަވެސް މި ދާއިރާގައި އުޅެން ފެށުމުން، އިހްތިޔާރުކުރެވުނު ދާއިރާއަކީ އެންމެ ރަނގަޅު ދާއިރާކަމުގައި ގަބޫލުކުރެވުނެވެ. 2005 ވަނަ އަހަރު ފެށި މި މަސައްކަތާއެކު، މިއަދު ސައުނާ އަކީ ހުރިހާ ދަރިވަރުންނާއި ބެލެނެވެރިންގެ ލޯބި ލިބިފައިވާ ޓީޗަރެކެވެ.

މިއަދު ސ.އަތޮޅު މަދަރަސާގެ ލީޑިން ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރަމުންދާ ސައުނާ ގަބޫލުކުރާ ގޮތުން، ދަރިވަރުންނަށް ލިބޭ ކޮންމެ ކާމިޔާބީއަކީ ސައުނާ އަށްވެސް ލިބޭ ކާމިޔާބީއެކެވެ. ސައުނާ އެންމެ ދެކެން ބޭނުންވާ އެއް ދުވަހަކީ މި ދާއިރާއާއި އަލަށް ގުޅޭ ކޮންމެ ކުއްޖަކުވެސް، އެ މަސައްކަތްކުރާ ހިތުން ގުޅުމެވެ. އަދި ޓީޗަރުންނަކީ އެންމެންވެސް އިހްތިރާމްކުރާ ބަޔަކަށް ވެގެން ދިއުމެވެ.

ސައުނާ އަށް ފާއިތުވި 17 އަހަރު ދުވަހު މި މަސައްކަތުގައި ދެމިހުރެވުނު އެއް ސަބަބަކީ އޭނާގެ ވަރުގަދަ އަޒުމާއި ހިތްވަރުކަން ޔަގީގެން.މިހާ ހިސާބަށް ވާސިލްވުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ އާއިލާގެ ފަރާތުންނެވެ. މަންމައާއި ކޮއްކޮމެންގެ އިތުރުން ފިރިމީހާގެ ފަރާތުން ލިބެމުންދާ އެހީތެރިކަމަށް ސައުނާ ވަނީ ޝުކުރުއަދާކޮށްފައެވެ.

ދިރިއުޅުމުގެ އެކި މައިދާންތަކުގައި އަންހެނުން ކުރަމުންދާ މަސައްކަތްތަކަކީ މިފަދަ ލިއުމެއްގައި ލިޔެވޭ ވަރަށް ވުރެ މާ ބުރަ މަސައްކަތްތަކެކެވެ. އެހެންކަމުން މުޅި ރާއްޖޭގެ ހުރިހާ އަންހެން ކަނބަލުން ކުރަމުންދާ ބުރަ މަސައްކަތަށް ސާބަހާއި އައްސަރި ބަހެވެ. ތީ ފިސާރި ކަނބަލުންނެވެ.