ދީނުގެ ނަމުގައި އަންހެނުންގެ ބާރު ކަޑުވަން ބައެއް ދީނީ އިލްމުވެރިން މަސައްކަތް ކުރާ ކަމަށާއި އެ އަޑު ގަދަވުމަކީ ވަރަށް ބޮޑު ހިތާމައެއްކަމަށް ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަ ކުރާ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ދުވަހުގެ ތަހުނިޔާ ފޮނުއްވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ސިޔާސީ ކަންކަމުގައި ހާއްސަކޮށް ރައްޔިތުންގެ މަޖިލީހުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް މިހާރަށްވުރެ ބޮޑަށް މަސައްކަތް ކުރައްވާނެކަމަށެވެ.
ދީނުގެ ނަމުގައި އަންހެނުންގެ ބާރު ކުޑަ ކުރުމަށް ކުރެވޭ މަސައްކަތުގެ ބާރު ގަދަވަމުންދާކަން ފާހަގަކޮށް ނަޝީދު ވަނީ އެއީ ބިރުވެރިކަމެއް ކަމަށާއި އެކަމާ ދެކޮޅަށް ނުކުތުމަށް ވައުދުވާކަމަށް ވިދާޅުވެފައެވެ. އިތުރަށް ނަޝީދު ވިދާޅުވީ އަންހެނުންގެ ބާރުވެރިކަން ކުޑަ ކުރުމަށް، ވަކާލާތު ކުރާ އެހެން ފަލްސަފާއެއްގެ އަޑު ބާރުކޮށް އިވެމުން ދާއިރު އެންމެ ބޮޑު ބިރުވެރިކަމަކީ އަދި ހިތާމައަކީ އެކަންތައް ދީނުގެ ނަމުގައި ކުރަމުންދާކަން ކަމުގައެވެ. “ހިތާމައަކީ،ދީނުގެ ނަމުގައި ދައްކާ ވާހަކައެއްގެ ގޮތުގައި، އަދި އެ އަޑު ފަތުރާ ބޭފުޅުންނަކީ އިލްމުވެރިންގެ ގޮތުގައި އެބޭފުޅުން ދެކެވަޑައިގަންނަވައިގެން މި ވަކާލާތު ކުރަމުން ގެންދާކަން،” ނަޝީދު ވިދާޅުވި އެވެ.
އަންހެނުންގެ ބައިވެރިވުން ސިޔާސީ ކަންކަމުގައި އިތުރުކުމަށް ސިޔާސީ ޕާޓީތަކުގެ ދައުރު ބޮޑު ކަން ފާހަގަކޮށް ނަޝީދު ވިދާޅުވީ މަޖިލިސް އިންތިހާބުގައިވެސް ސިޔާސީ ޕާޓީތަކުން އަންހެނުންނަށް ޓިކެޓް ލިބޭ ގޮތް ހަމަޖެހިފައިވާނަމަ، އަންހެނުން ތަމްސީލުވާ މިންވަރު އިތުވާނެ ކަމަށެވެ.